ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްޑީޕީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ޓިކެޓްގައި ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލާން އެދޭ ފަރާތްތަކުން މިމަހުގެ 26 ވަނަ ދުވަހުގެ 03:00ގެ ކުރިން ޕާޓީގެ އޮފީހަށް އެކަން އަންގައިދިނުމަށް އެދޭ ކަމަށެވެ.
އެމްޑީޕީގެ އިއުލާނުގައި ބުނެފައިވަނީ ގިނަ ފަރާތްތަކަކުން ކުރިމަތިލާނަަމަ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް މިމަހުގެ 27 ވަނަ ދުވަހު ޕްރައިމަރީއެއް ބާއްވާނެ ކަމަށެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމުގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ އޭނާ އުމުރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން މިދިޔަ ހޯމަ ދުވަހު ހުކުމް ކުރުމާއި ގުޅިގެންނެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު އެވެ. އަދި ކުރިމަތިލާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ދީފައިވަނީ މިމަހުގެ 28 ވަަނަ ދުވަހުގެ ނިޔަލަށެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް ހޯދުމަށް ފަސް ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު އޭގެ ތެރެއިން އެއް ބޭފުޅަކު ވަނީ ނަން އަނބުރާ ގެންދަވާފަ އެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރުމަށް ކުރިމަތިލެއްވި ފަސް ބޭފުޅުންނަކީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން މުހައްމަދު ފާރިޝް މައުމޫނާއި، މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރާއި، އިމްރާން އިސްމާއީލާއި އެންވަޔަރަންމަންޓް މިނިސްޓަރުގެ ނައިބު، މުހައްމަދު ހާނިމާއި އަދި މ. އަތޮޅު ކައުންސިލްގެ މެންބަރު މޫސާ ނަސީރު އަހުމަދު އެވެ. ނަން އަނބުރާ ގެންގޮސްފައިވަނީ މޫސާ ނަސީރު އަހްމަދު އެވެ.
ދިއްގަރު ދާއިރާގެ ގޮނޑިއަށް ޕީޕީއެމުން ވާދަކުރާނެ ފަރާތެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ ހުކުރު ދުވަހުގެ މެންދުރު ފަހު 2:00 އިން 5:00 އަށެވެ.
ދިއްގަރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލާން އެމްޑީޕީން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ