ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސް އަތުން ނެގުމަށް މެމްބަރު ނަޝީދު ގޮވާލައްވައިފި

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން ދީފައިވާ އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (ނިމްސް) އާ އެކު ވެފައިވާ 50 އަހަރުގެ އެއްބަސްވުން އުވާލުމަށް ރައްޔިތުން ގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ. ނަޝީދު އެގޮތައް އެދިވަޑައިގަތީ އޭނާގެ އަމިއްލަ ބްލޮގްގައި މިއަދު އާންމުކުރި ސިޓީއެއްގައެވެ. ނިމްސް ގެ ވެރިންނަށް އޭނާ ފޮނުވި އެ ސިޓީގައި ވިދާޅުވެފައި ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން އެ ކުންފުންޏާ ހަވާލުކުރި އިރު އެ ރަށު ރައްޔިތުން ތިބީ ވަރަށް ބޮޑު އުންމީދެއްގައި ކަމަށެވެ. ނަމަވެސް ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްއާ ހަވާލުކުރިފަހުން އެ ހޮސްޕިޓަލްގެ ހާލަތު އަންނަނީ ދުވަހެއް ދުވަހަކަށް ދައްވަމުން ކަމަށް އޭނާ ވިދާޅުވިއެވެ. "މިއަދު މިފެންނަ މަންޒަރަކީ، މުޅިން ތަފާތު މަންޒަރެއް. ހިނގަހިނގާހުރި ހޮސްޕިޓަލެއް ހަވާލުކުރުމުން، އެ ހޮސްޕިޓަލް އިތުރަށް ތަރައްގީކުރުމަށް ކަމެއް ނުކުރެވުނުތާނގައި، އެތަން ހިންގަމުން ދިޔަފެންވަރުގައިވެސް ހިންގާ ނުލެވުނު ތަން. ހާލަތު ދަށްވެ، ޚިދުމަތްތައް ހުއްޓެންފެށުމުން، އާންމު މަސްލަހަތު ހިމާޔަތްކުރެއްވުމަށް ދިވެހި ސަރުކާރަށް އޮތް ޒިންމާގެ ދަށުން، ހެލްތު މިނިސްޓްރީން އެ ހޮސްޕިޓަލުގެ ބައެއް ޚިދުމަތްތައް ދޭން ފެއްޓެވިތަން،" ނަޝީދު އެނާގެ ބްލޮގްގައި ލިޔުއްވާފައިވެއެވެ. އޭނާ ވިދާޅުވީ ސަރުކާރު ހިންގާ ޕާޓިގައި ހުރެ ސަރުކާރުން ވެފައިވާ އެއްބަސްވުމަކާ ދެކޮޅާށް ވާހަކަ ދެއްކުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ނަމަވެސް ތަން ހަލާކުވެ ގޯހުން ގޯހަށްދާއިރު ބަހެއް ވިދާޅުނުވެ ނުހުރެވޭ ކަމަށެވެ. ނިމްސް އިން ހޮސްޕިޓަލާ ހަވާލުވެ އެ ތަނަށް ގެންނަން ބުނި ތަރައްގީ ކަނޑައެޅިފައިވާ ތާރީޚު ތަކަށް ނުގެނެވޭނަމަ އެއީ އެއްބަސްވުމުގެ ރޫހާ ޚިލާފުވުން ކަމަށެވެ. "މި އެއްބަސްވުމަށް، ދިވެހި ސަރުކާރުން ބޭނުންވި އެންމެ އަސާސީ އެއް ޝަރުތު. މުޅި އެއްބަސްވުން އެމައްޗަށް ބިނާވެފައިވާ ކަންކަން. އެއްބަސްވުމުގެ ދިގު އެއް މާއްދާގައި މިކަން ތާވަލެއްގެ ގޮތުގައި ހިމަނާފައިވޭ. އެހެންނޫންނަމަ، ހިނގަހިނގާހުރި ހޮސްޕިޓަލެއް މިފަދަ އެއްބަސްވުމެއްގެ ދަށުން ބަޔަކަށް ދިގު މުއްދަތަކަށް ދޫކޮށްލުމުގެ ބޭނުމެއް ސަރުކާރަކަށް ނެތް،" ނަޝިދު ވިދާޅުވިއެވެ. ނަޝިދު ދެން ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ ހޮސްޕިޓަލުގައި ތިބި 200 މުވައްޒަފުންގެ ވަޒީފާއަށް ވެގެންދާނެ ގޮތަކާ މެދުއެވެ. އޭނާ ވިދާޅުވެފައިވަނީ އެ މުވައްޒަފުންނަށް މިހާރު ހެލްތު މިނިސްޓްރީގެ ދަށުން މުސާރަ ދެމުން ދާއިރު އަންނަ އަހަރުގެ ޖެނއަރީ މަހުގެ ކުރިން އެ މުވައްޒަފުންނާ މެދު ގޮތެއް ނިންމަން ޖެހޭ ކަމަށެވެ. "10 ޖަނަވަރީގެ ތާރީޚު އައިސް އެއޮށް ހަމަކުރަނީ. ހޮސްޕިޓަލާ ތިޔަ ކުންފުނިން ހަވާލުވި ތާރީޚު ކަމަށްވާ 10 ޖުލައި 2017 އިން ފެށިގެން މި ހިނގާދިޔަ 6 މަސްދުވަހު ސަރުކާރުން އެ މުވައްޒަފުންގެ އުޖޫރައާއި އިނާޔަތް ދެމުންއައި ކަމުގައިވީނަމަވެސް، 10 ޖަނަވަރީ 2018 ގެ ފަހުން އެ ކަންކުރަންޖެހެނީ ތިޔަ ކުންފުނިންކަމަށް އެއްބަސްވުން ބުނޭ. އެހެންނަމަވެސް، އަދި އެއިން މުވައްޒަފަކަށް ކުންފުނީގެ ކޮންޓްރެކްޓެއްވެސް އަދި ފެނިފައެއް ނުވޭ. ސިވިލް ސަރވިސްއިން ވަކިކުރުމުގެ ކަންކަންވެސް ހިނގަންފަށާފައެއް ނުވޭ،" ނަޝީދު އޭނާގެ ބްލޮގްގައި ވިދާޅުވެފައިވެއެވެ. މިހާރު ކުޅުދުއްފުށީ ހޮސްޕިޓަލްގައި ގޯސްކޮށް ހިނގާފައިވާ ގިނަ ކަންތައްތަކެއްް ވަނީ ފާހަގަކޮށްފައެވެ. އޭނާ އެ ސިޓީ ނިންމާލަމުން ވިދާޅުވެފައި ވަނީ ގިނަ ކަންކަން ގޯސްކޮށް ދިޔުމާ ގުޅިގެން އެންމެ ރަނގަޅު ވާނީ އެއްބަސްވުން ވީހާވެސް އަވަހަކަށް ރޫޅައިލުން ކަމަށެވެ. "ހޮސްޕިޓަލްގެ ހިންގުން ތިޔަ ކުންފުންޏާ އެއްބަސްވުމެއްގެ ދަށުން ހަވާލުވެފައި އޮއްވައި، ސަރުކާރުން އެތަނަށް ޚިދުމަތް ދޭންޖެހުމަކީވެސް، ހަމަޖެހޭކަމެއް ނޫން. މާގިނަ ދުވަހަކަށް ކުރެވޭނެ ކަމެއްވެސް ނޫނެް.ތަން ހިންގަންވާނީ، ކޮންމެވެސް އެއް ފަރާތަކުން. އެހެންޏާ ސަރުކާރުން. އެހެންޏާ ތިޔަ ކުންފުނިން." ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ