މެމްބަރު އަމީތު އާއި އަބުޅޯ ގައްދޫން ހައްޔަރު ކޮށްފި
ގދ. ގައްދޫ އަށް ވަޑައިގެން އުޅުއްވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) މިއަދު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އަބުޅޯ އާއި އަމީތު ހައްޔަރު ކުރީ ގައްދޫގައި ފުލުހުން ހިންގި އޮޕަރޭސަން އަކަށް ހުރަސް އަޅަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުން އިތުރު މައުލޫމާތެއް ދީފައެއް ނުވެ އެވެ. "ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ ބޭފުޅުން ހައްޔަަރުކުރީ ގައްދޫގައި ދޮރުން ދޮރަށް ކެންޕެއިން ކުރައްވަން އުޅެނި ކޮށެވެ. އިދިކޮޅު ކޯލިސަންގެ މި ދެބޭފުޅުން ގައްދޫން ހައްޔަރު ކުރި އިރު، ހުވަދު އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް އަބްދުﷲ ޔާމީން ވަނީ މިއަދު ހަވީރު ގައްދު އަށް ވަޑައިގަންނަވަން ނިންމަވައިފަ އެެވެ. މެންބަރު އަމީތު އާއި އަބުޅޯ ގައްދުއަށް ވަޑައިގަންނަވާފައި ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ރޭގަ އެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ