ސީމެގަށް ކުޑަހުވަދޫ ދާއިރާގެ އާމިރު ފާޑު ވިދާޅުވެއްޖެ

ސީމެގުގެ އެޖެންޑާގައި ދިވެހިރާއްޖެ އޮތީ ޤައުމެއްގެ މައްސަލަ އެޖެންޑާކުރުމަށް ފުރިހަމަވާންޖެހޭ އެއްވެސް ޝަރުތެއްނެތި ކަމަށާއި އެ އެޖެންޑާއިން ރާއްޖޭގެ މައްސަލަ ނުނަގާނަމަ ކޮމަންވެލްތުން ވަކިވާންވެސް ރާއްޖެ އޮންނާނީ ތައްޔާރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރ އަޙްމަދު އާމިރު ވިދާޅުވެއްޖެއެވެ.
ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ މިނިވަން މެމްބަރު އާމިރު ވިދާޅުވީ ސީމެގުގެ އެޖެންޑާގައި ޤައުމެއްގެ މައްސަލަ ހިމެނޭނީ މައިގަނޑު ހަތަރު ޝަތުރެއް ފުރިހަމަ ވުމުންކަމަށާއި އެފަދަ އެއްވެސް ޝަރުތެއްނެތި ރާއްޖެ ސީމެގުގެ އެޖެންޑާގައި ހިމެނުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.
ސީމެގުގެ އެޖެންޑާއިން ރާއްޖެ ނެގުމަށް ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށާއި އެކަން ރާއްޖެއިން ބޭނުންވާގޮތަށް ނުވެއްޖެނަމަ ދެން އޮތްގޮތަކީ ކޮމަންވެލްތުން ރާއްޖެ ވަކިވުންކަމަށް އާމިރު ވިދާޅުވިއެވެ.
ރާއްޖޭގެ ނަން ކިލަނބު ކުރަމުން މުޅި ދުނިޔޭގައި ދަތުރު ކުރަމުންދާ އެންމެ މީހަކު ބުނެގެން ސީމެގުގެ އެޖެންޑާގައި ރާއްޖެ ނުބޭއްވޭނެ ކަމަށާއި ބޭއްވޭނެ ގޮތެއްވެސް ނެތް ކަމަށް އާމިރު ވިދާޅުވިއެވެ.
ސީމެގުގެ އެޖެންޑާގައި ރާއްޖެ އޮތް މައްސަލައާއި ގުޅިގެން ކޮމަންވެލްތުން ވަކިވުމަށް މަޖިލީހަށް ޤަރާރެއް ހުށައަޅާފައިވާއިރު ސީމެގުގެ އެޖެންޑާއިން މިފަހަރު ރާއްޖެ ނަގާނެކަމަށް ރައީސް ޑރ ވަހީދުވެސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ