މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުފަހަރަށް ނުނިކުމެވިފައި

އާދަމް ހަލީމް
ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން އަތޮޅުތަކުގެ ގިނަ އަދަދެއްގެ އުޅަނދުފަހަރަށް ފުރޭ ގޮތް ނުވެ މާލޭ ފަޅުގައި ތިބެންޖެހިފައިވާ ކަމަށް ބައެއް އޮޑިފަހަރުން ބުނެފި އެވެ.
މިހާރު ރާއްޖެ އަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން ވަޔާއި ކަނޑުތައް ގަދަވެފައި ވާތީ މުދާ ބަރުކޮށްގެން ފުރަން ނުކެރިފައި ތިބި އެކި އަތޮޅުތަކުގެ ނާލު ބޯޓުފަހަރާއި ދޯނިފަހަރު މާލެ ފަޅުތެރޭގައި މި ވަގުތު ގިނަ އަދަދަކަށް އެބަހުއްޓެވެ. އަދި ވިއްސާރައިގެ ސަބަބުން ދޯނިތައް ނުފުރާ މަޑުކޮށްފައި ވާތީ އެއްގަމު ތޮއްޓާ ކައިރި ނުކުރެވި ހަތަރު ފަސް ދުވަސްވެފައިވާ ދޯނިފަހަރު ވެސް އެބަހުއްޓެވެ.
"ދެރޭ ފުރަން މަސައްކަތް ކޮށްގެން ވެސް ފުރޭގޮތް ނުވުމުން ވިއްސާރަ އަލިކުރަންދެން މި ތިބީ މަޑުކޮށްލައިގެން. ދޭތެރެދޭތެރެ އިން ވާރޭ މެދުކަނޑާލި ނަމަވެސް ވަޔާއި ރާޅަކަށް ބަދަލެއް ނާދޭ،" ލ. މާބައިދޫގައި ދުއްވާ "އުންމީދު" ބޯޓުގައި މަސައްކަތް ކުރާ މީހަކު ބުންޏެވެ.
ނ. ހެނބަދޫން މާލެ އައިސް އޮތް ދޯންޏަކުން ވާހަކަ ދެއްކި ފަޅުވެރިއަކު ބުނި ގޮތުގައި ގިނަ އަދަދެއްގެ މުދާ ބަރާކޮށްގެން އެ ދޯނި ފުރަން މަސައްކަތް ކުރާތާ މިހާރު ތިން ރޭ ވެއްޖެ އެވެ. އެކަމަކު ވައިގަދަކަމުން ދުއްވަން ނުކެރިގެން މާލޭ ފަޅުގައި ތިބީ އެވެ.
އެހެން ދޯންޏަކުން ބުނީ ސިމެންތި އާއި ފައިބަރު އަރުވައިގެން ފުރަން އުޅެނިކޮށް ވިއްސާރަވުމުން ދަތުރު ދިގުލާފައިވާ ކަމަށާއި މާލީ ގެއްލުންތަކެއް ވެސް ވެފައިވާ ކަމަށެވެ.
މުދާ އުފުލާ ނާލު ބޯޓުފަހަރާއި ދޯނިފަހަރު، ވިއްސާރައާ ހެދި ދަތުރު ފެށޭ ގޮތް ނުވެފައިވާއިރު އިތުރު ދޯނިތައް މާލޭ ބަނދަރަށް އައުން ވެސް ވަނީ މަދުވެފަ އެވެ.
ނޭޝަނަލް މީޓިއޮރިލޮޖިކަލް ސެންޓަރުގެ މީޓިއޮރޮލޮޖިސްޓް އަލީ ޝަރީފު ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގައި ދޭތެރެދޭތެރެއިން ވަޔާއި ކަނޑުތައް ގަދަވަމުންދާތީ ދަތުރުވެރިން މޫސުމަށް ނުބަލައި ދަތުރަށް އެރުން ރަނގަޅު ނޫން ކަމަށެވެ.
އަލީ ޝަރީފު މިއަދު ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރަ އަކީ ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކުރާ ވިއްސާރައެކެވެ. ކުރިޔަށް އޮތް 24 ގަޑިއުރުގެ ތެރޭގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ އެވެ. އޭނާ އަދި ވިދާޅުވީ ދެކުނު ބައެއް އަތޮޅުތަކަށާއި މެދު އަތޮޅުތަކަށް މި ވިއްސާރައިގައި ބޯކޮށް ވާރޭ ވެހޭނީ ގަދަ އަށް ގުގުރުމާ ވެސް އެކުގައި ކަމަށެވެ.
މެޓުން މިއަދު ވިދާޅުވި ގޮތުގައި މިހާރު ކުރާ ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިިރުގެ ތެރޭ އެންމެ ބޮޑަށް ގަދަވެފައި ވަނީ މެދު ރާއްޖެތެރޭގެ އަތޮޅުތަކަށާއި ދެކުނުގެ އަތޮޅުތަކަށެވެ. އެންމެ ބާރަށް ވައިޖެހިފައި ވަނީ މިއަދު ހެނދުނު އައްޑު އަތޮޅަށެވެ. ސ. ގަމަށް ގަޑިއަކު 48 މޭލު ބާރުމިނުގައި ވައި ޖެހުނެވެ. އަދި ރޭ އިރާކޮޅު ލ. ކައްދޫ އަށް ގަޑިއަކު 44 މޭލު ބާރުމިނުގައި ވައިގަދަވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ