މީދޫ ދާއިރާގެ މެންބަރު ސިޔާމް އިސްކޮށް ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފި

ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ސިޔާމް މުހައްމަދާއި ދ. ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު އިސްކޮށް ތިއްބަވައިގެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ސޮޔާއި ޕާޓީ އުފެއްދުމަށް އިތުރަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ މިއަދު އިލެކްޝަން ކޮމިޝަނުން ދީފި އެވެ.
މިއަދު މެންދުރު ފަހު އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމްޑީއޭ) ގެ ނަމުގައި އުފެއްދުމަށް މަސައްކަތްކުރާ އާ ޕާޓީ އުފެއްދުމަށް ދޫކުރި ހުއްދައާ ހަވާލުވެޑައިގެންނެވީ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މުހައްމަދެވެ. މި ރަސްމިއްޔާތުގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރުގެ އިތުރުން ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ފޯމް ހުށަހަޅާފައިވާ ބައެއް ފަރާތްތައް ބައިވެރިވެރިވި އެވެ.
މި ރަސްމިއްޔާތުގައި ޝިޔާމް ވިދާޅުވީ އައު ސިޔާސީ ޕާޓީއެއް އުފައްދެވުމުގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދިނުމާއި ރާއްޖޭގެ ތަރައްގީއަށް މަސައްކަތް ކުރެއްވުން ކަމަށެވެ.
"އަދި އެންމެ މުހިންމު ކަމަކީ ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން އެއްވެސް ދީނަކަށް ޖާގަ ނުދިނުމާއި ދިވެހިރާއްޖޭގެ އިގުތިސާދީ ތަރައްގީ ކުރިއެރުވުމަށް މަސައްކަތް ކުރުން،" ޝިޔާމް ވިދާޅުވި އެވެ.
އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވީ ރައްޔިތުން ބޭނުންވާނެ އުސޫލުތަކާއި ހަމަ ތަކުގެ މަތީން ޕާޓީ ހިންގުމަށް އަޒުމު ކަނޑައަޅުއްވައިގެން ކަމަށާއި އެ ޕާޓީން "އެހެން ޕާޓީތަކަށް ހަޖޫ ޖަހައި ނުހަދާނެ" ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕާޓީއެއްގައި ވަކި އެހެން ޕާޓީއެއްގެ ނުވަތަ ވަކި ފިކުރެއްގެ ބަޔަކަށް ޒާތީ ގޮތުން ދިމާ ކުރުން ނުވަތަ ހަޖޫޖެހުން ފަދަ ކަންކަމެއް ނޯންނާނެ. އަޅުގަނޑުމެންގެ ހުރިހާ ވެސް މަގުސަދަކީ މި ޕާޓީގެ ފަރާތުން ރައްޔިތުންނަށް އުފާވެރިކަމާއި ސުލްހަވެރިކަން ގެނެސްދިނުން،" އެނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޑިމޮކުރަސީގެ ނަމުގައި ބައެއް ފަރާތްތަކުން ކުރަމުންދާ ނޭދެވޭ ކަންކަން އެ ސިޔާސީ ޕާޓީން ފެނިގެން ނުދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.
މި ރަސްމިއްޔާތުގައި މެންބަރު އާމިރު ވިދާޅުވީ ޕާޓީ ވުޖޫދަށް އައުމަށް ފަހު މިހާރެކޭ ވެސް އެއްފަދައިން ޕާޓީ ތަކާ ބެހޭ ގާނޫނު އަވަހަށް ނިންމުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ޕާޓީ ތެރެއިން ވެސް ކުރައްވާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގަވާއިދުތައް ހެދިފައިވަނީ މިހާރުގެ ހާލަތާއި ގުޅޭ ގޮތަށް ނޫން ކަމަށާއި ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް އިލެކްޝަންސް ކޮމިޝަނުން ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމުގައި މަޖިލީހުގައި އެއްބާރުލުން ދެއްވާނެ ކަމަށް އާމިރު ވިދާޅުވި އެވެ.
"ޕާޓީތަކާއި ބެހޭ ގާނޫނު ހަރުދަނާ އުސޫލުތަކެއްގެ މަތީން ހިންގުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އަޅުގަނޑުމެނަށް މި ޕާޓީން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ދެން،" އާމިރު ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު ފަޔާޒު ވިދާޅުވީ ރާއްޖެއަށް ފައިދާ ކުރާނެ މަސައްކަތް ތަކެއް ކުރާނެ އަދި އެހެން ބައެއް ޕާޓީތައްހެން ހަރަކާތެއް ނެތް ޕާޓީއަކަށް އެމްޑީއޭ ނުވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ