ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ދައުރު ނިމުމަކާއި ގާތްވެފައިވާއިރު، ހުރިހާ މުއައްސަސާއެއް އިންސާފުގެ މަގަށް ފުރިހަމައަށް އަރާވަޑައިގެންފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ގާސިމްގެ މައްޗަށް އުފުލި ރިޝްވަތު ހުށަހެޅުމުގެ ދައުވާ ބާތިލުކޮށް، ހައިކޯޓުން އޭނާ މިނިވަންކުރުމާ ގުޅިގެން، ކޯޓު ކުރިމަތީގައި މީޑީއާތަކާއި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ދިވެހި ރާއްޖޭގައި އަދުލު އިންސާފު އެބަ އޮތް ކަމަށާއި އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނުގެ އިންތިހާބީ ބައިވެރިޔާ ފައިސަލް ނަސީބް ހޮވިވަޑައިގަތުމާއެކު، ހުރިހާ މުއައްސަސާއެއް އިންސާފުގެ މަގަށް ފުރިހަމައަށް އަރާވަޑައިގެންފި ކަމަށެވެ.
"މިއީ އަނިޔާވެރިކަމާއި ފަސާދަ އާއި ކޮރަޕްޝަނުން ސަލާމަތްވުމަށްޓަކައި ދިވެހިން ކުރި ދަތުރުގައި އަޅުގަނޑުމެން އިންސާފުގެ މަގަށް އަޅުގަނޑުމެންގެ ރައްޔިތުން އަރާތިބި ކަމުގެ ލާމަސީލު ހެއްކެއް". ގާސިމް ވިދާޅުވިއެވެ.
ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު ކަންތައް ދިމާވި ގޮތް މީޑިއާތަކާއި ހިއްސާ ކުރައްވަމުން ގާސިމް ވިދާޅުވީ، ވަރަށް ގިނަ ދުވަހު، އޭނާގެ ކުޑަކުޑަކުދިންނާއި އަނބިމީހާ އާއި ދަރިންނާއި އަދި ރަހުމަތްތެރިންނާއި، އަދި ޕާޓީއާއި ވަކިން ހުންނަން ޖެހުނީ ބަލިވެގެން ބޭސްކުރަން ޖެހިފައި ވުމުން ކަމަށެވެ. އަދި ސިންގަޕޫރުގެ ޑޮކްޓަރުން، އޭނާ ރަނގަޅު ނުވަނީސް އަންނަން ހުއްދަ ނުދިނުމުން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"10 ދުވަހުން 10 ދުވަހުން ދެ ފަހަރު މުއްދަތު ދެއްވާފައި ދެން ހަ ދުވަސް ދެއްވާފައި ވިދާޅުވީ، އަންނަންވީއޭ ރާއްޖެއަށް. އެހެން ނަމަވެސް އަޅުގަނޑުގެ ބޭސްފަރުވާ ނުނިމޭތީވެ އެއާލައިނުންވެސް އަޅުގަނޑު ކެރީ ކޮށްނުދިނީ. މިކޮޅަށް އަންނަން އޯކޭ ނުދިނުމާއި އެކީގައި ޕާސްޕޯޓުވެސް ޑިއުވެގެން ދިޔައީ، ދެން އެއާއެކު ސިންގަޕޫރުގެ ސަރުކާރުން ޑޮކްޓަރުންގެ ލިއުންތަކާއި އެއްޗެހި ހުށަހެޅީމަ އިންޓަނޭޝަނަލް އަދި ހިއުމަން ރައިޓްސްގެ ގާނޫނުގެ ދަށުން އެ ބޭފުޅުން އަޅުގަނޑަށް ސިންގަޕޫރްގައި ހުރެވޭނެ ހާއްސަ ހުއްދައެއް ދެއްވައިގެން އެތާ އަޅުގަނޑު ހުރީ". ގާސިމް ވިދާޅުވިއެވެ.
އަދި އޭނާގެ ހާއްސަ ޑޮކްޓަރުން ތިއްބަވަނީ ޖަރުމަނުގައި ކަމަށްވާތީ އޭގެ ފަހުން ޖަރުމަން ވިލާތުން ހިއުމަން ރައިޓްސްގެ ދަށުން އޭނާއަށް ހާއްސަ ހުއްދައެއް ދެއްވިކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އަދި ޖަރުމަން ވިލާތުގައި ހުންނެވީ ވެސް ބޭސްފަރުވާއަަށްކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ މައްޗަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ ދައުލަތުން އުފުލީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގައެވެ. އެ މައްސަލަ ސާބިތުވެ ގާސިމްގެ މައްޗަށް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ހުރިހާ މުއައްސަސާއެއް އިންސާފުގެ މަގަށް ފުރިހަމައަށް އަރައިފި - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ