އަންބަރާއިން ހައްޔަރު ކުރި 44 މީހަކު ދޫކޮށްލައިފި

ބަނގުރަލާއި މަސްތުވާތަކެއްޗާއެކު ވ. އަންބަރާގައި ޕާޓީކުރި މީހުންގެ ތެރެއިން ފުލުހުން ހައްޔަރު ކުރި 79 މީހުންގެ ތެރެއިން 44 މީހަކު މިއަދު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ގޭ ބަންދުގައި ތިބި 19 އަންހެނުންގެ ތެރެއިން 16 އަންހެނަކާއި ފުލުހުންގެ ހައްޔަރުގައި ތިބި 28 ފިރިހެނަކު ބަންދުން ވީއްލާފައިވާ ކަމަށެވެ. އަދި މިހާރު ބަންދުގައި ތިބީ ޖުމްލަ 35 މީހަކު ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެ މީހުންގެ ތެރޭ އަންބަރާއިން ހައްޔަރު ކުރި 18 އަހަރުން ދަށުގެ އަންހެން ކުއްޖާ ވެސް ހިމެނެ އެވެ.
އަންބަރާއިން ހައްޔަރު ކުރި މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ޖެހި 10 ދުވަހުގެ މުއްދަތު ހަމަވާނީ މާދަމާއަށެވެ. ބަންދުގެ މުއްދަތު ހަމަވުމުގެ ކުރިން އެ މީހުން ބަންދުން ވީއްލި ސަބަބެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުންގެ ހައްޔަރުގައި މިހާރު ތިބި 35 މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މާދަމާ ކްރިމިނަލް ކޯޓަށް ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.
މި މަހުގެ 18 ވީ ހުކުރު ދުވަހުގެ ރޭ އަންބަރާގައި ޕާޓީ ކުރަން ގޮސްތިބި މީހުންގެ ތެރެއިން ހައްޔަރު ކުރި 79 މީހުންގެ ޔޫރިން ވެސް މަސްތުވާތަކެއްޗަށް ޕޮޒިސިޓްވެފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށް ފަ އެވެ. އެ މީހުން ޕާޓީ ކުރި ރަށުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ އާއި ބާރުގަދަ މަސްތުވާތަކެއްތީގެ ބާވަތެއް ކަމަށްވާ އެލްއެސްޑީގެ އިތުރުން ކެނަބިސް ވެސް ފުލުހުން ވަނީ އަތުލައިގެންފަ އެވެ. އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރި ވެސް ކުރި ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ