ކޮވިޑް ބަލީގަ ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ

ކޮވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު އަނެއްކާވެސް މަރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނީ މިއަދު 13:13 ހާއިރު ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަ އުމުރުން 85 އަހަރުގެ ދިވެހި އަންހެނަކު ކަމަށެވެ.
މިމަރާއިއެކު ރާއްޖެއިން ކޮވިޑް-19 ގަ މަރުވި މީހުންގެ އަދަދު ވަނީ 72 އަރާފައެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭއިން 23 ރަށެއް މޮނިޓަރިންނަށް ލާފަވާއިރު ރާއްޖެއިން އިއްޔެ އެކަނިވެސް 386 މީހަކު ވަނީ ކޮވިޑަށް އަލަށް ޕޮޒިޓިވްވެފައި ވާކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 105 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 198 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 6 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ. 77 މީހަކު ނިސްބަތްވަނީ ސިނާއީ މަސައްކަތްކުރާ ރަށްތަކަށެވެ.
އަލަށް ޕޮޒިޓިވްވި 386 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 28،588 އަށް އަރާފައެވެ.
އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 78 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 24،499 އަށް އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ