އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓަށް!

ގައުމީ ދިފާއީ ބާރުން ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން ގެންގުޅެނީ ގާނޫނާ ހިލާފަށް ކަމަށާއި އޭނާގެ އިންސާނީ ހައްގުތައް ނަގާލާފައިވާ ކަމަށް ބުނެ އެ މައްސަލަ ބައިނަލް އަގުވާމީ ކްރިމިނަލް ކޯޓް (އައިސީސީ) އަށް މިއަދު ހުށައަޅައިފި އެވެ.
ރާއްޖޭގެ ގާނޫނީ ވަކީލުންގެ ތެރެއިން 19 ވަކީލަކު ސޮއިކޮށް އައިސީސީއަށް ހުށައެޅި މައްސަލައައިގާ ބުނަނީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި ކުރުމަކީ ބާރުގެ ބޭނުން ކޮށްގެން މީހުން ގެއްލުވާލުން މަނާކުރާ މުއާހަދާގައި އެކަން މާނަކޮށްފައިވާ ގޮތަށް ހިނގާފައިވާ ކަމެއް ކަމަށްވާތީ އެ މައްސަލަ ތަހުގީގުށް ފިޔަވަޅު އަޅައިދުނުމަށް އެދޭ ކަމަށެވެ.
އަދި ބުނެފައި ވަނީ ގާޒީ ހައްޔަރުކޮށްގެން ގެންގުޅެނީ އެ މުއާހަދާ އާއި އިންސާނީ ހައްގުތަކުގެ އާއްމު ގަރާރާއި ރާއްޖެ ސޮއިކޮށްފައިވާ ބައިނަލް އަގުވާމީ ހުރިހާ މުއާހަދާއަކާ ހިލާފަށް ކަމަށެވެ.
ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ އައިސީސީގެ އޮފީހުގެ އިންފޮމޭޝަން އެންޑް އެވިޑެންސް ޔުނިޓަށް ހުށައެޅި މައްސަލައިގެ ލިއުކިއުންތަކުގެ ތެރޭގައި އަބްދުﷲ ގާޒީ ހައްޔަރުކުމުގެ ކުރިން މޯލްޑިވްސް ޕޮލިސް ސާވިސްއާ ކްރިމިނަލް ކޯޓާ ދެމެދު ހިނގައި ދިޔަ ބައެއް ކަންތައްތައް ތަފުސީލާއެކު ލިޔެފައި ވެއެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރުކުރި ގޮތާއި އޭގެ ފަހުން މިއަދާ ހަމައަށް ހިނގަމުން އައި ގިނަ ކަންތައްތަކެއް ވެސް ވަނީ ފާހަގަކޮށްފަ އެވެ.
މައްސަލައިގާ އަދި ބުނަނީ އަބްދުﷲ ގާޒީ ހައްޔަރުކުރުމުގައި އެމްއެންޑީއެފާއި ފުލުހުން ވެސް ބައިވެރިވި ކަމަށާއި މުޅި އޮޕަރޭޝަން ވެސް ހިނގާފައި ވަނީ ރާއްޖޭގެ ގާނޫނުއަސާސީއާ ގާނޫނުތަކާ ހިލާފަށް ކަމަށެވެ. އެކަން ރާއްޖޭގެ ޕްރޮސެކިއުޓަ ޖެނެރަލާއި އުއްތަމަ ފަނޑިޔާރު ކަށަވަރުކޮށްދެއްވާފައިވާ ކަމަށް ވެސް ވަކީލުންގެ ޓީމުން އައިސީސީއަށް ހުށައެޅި މައްސަލައިގާ ބުނެފައި ވެއެވެ.
ވަކީލުންގެ ޓީމުން ބުނީ އައިސީސީން އެ މައްސަލައިގާ ޖަވާބެއް ދެއްވާނީ އައިސީސީގެ ޕްރޮސެކިއުޓަރުން އެ މައްސަ ބެލުމަށް ފަހު އެ ކޯޓްގެ ފަނޑިޔާރުންގެ ޕެނަލަކުން މައްސަލަ ދިރާސާ ކުރުމަށް ފަހުގައި ކަމަށެވެ.
ވަކީލުންގެ ޓީމުން އަބުދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ އައިސީސީއަށް ހުށައަޅާފައި މިވަނީ ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައްތައް ހައްލުކުރުމަށް އެހީތެރިވެދިނުމަށް އދ. ގެ ފަނޑިޔާރުންގެ ވަފުދެއް ރާއްޖެ ފޮނުވައި ދިނުމަށް ރާއްޖެއިން އެދިފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ