އަބްދުﷲ ގާޒީ މައްސަލައިގެ ރިޕޯޓް ބޭރު ދުނިޔެ އަށް

މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ސިފައިން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު ހައްޔަރުކުރި ކުރުމުގައި ގާނޫނުތަކުގެ ބޭރުން ހިންގާފައިވާ އަމަލުތައް ބަޔާންކޮށް ގައުމީ ޕާޓީން ތައްޔާރުކުރި ރިޕޯޓް ބައިނަލްއަގްވާމީ ފަރާތްތަކަށް ފޮނުވާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ގައުމީ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، 36 ސަފުހާގެ ރިޕޯޓް ފޮނުވާފައިވަނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އާއި ކޮމަންވެލްތް ސެކްރެޓޭރިއޭޓަށާއި އިނގިރޭސި ބޮޑުވަޒީރުގެ އިތުރުން އެކި ގައުމުތަކުގެ ބާއެސޯސިއޭޝަންތަކާއި އދ.ގެ ކަމާ ބެހޭ އެޖެންސީތަކާއި ލަންކާގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކާއި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ ޖަމާއަތްތައް އަދި ވަކީލުންނާއި ފަނޑިޔާރުންނާ ބެހޭ ބައިނަލްއަގްވާމީ ޖަމާއަތްތަކަށެވެ.
"މި ރިޕޯޓުގައި އަބްދުﷲ ގާޒީ ރަހީންކޮށް، ނިޒާމުން ގެއްލުވާލުމުގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތުގެ ފުރިހަމަ ތަފުސީލް ހިމެނިފައިވާނެ އެވެ. އަދި ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ އަމުރަށް ސަރުކާރުން ތަބާނުވުމާއި ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށް ހިންގަމުން ގެންދާ އަމަލުތަކާ ބެހޭ ގޮތުން ވަރަށް ތަފުސީލް ހިމެނިފައިވާނެ އެވެ. އަދި އަބްދުﷲ ގާޒީ ރަހީންކޮށް، ނިޒާމުން ގެއްލުވާލުމުގައި ރައީސް ނަޝީދުގެ ސަރުކާރުން، ރާއްޖެ ބައިވެރިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި ހިލާފުވެފައިވާ މިންވަރާއި އެކަމާ ބެހޭ ތަފުސީލު ވެސް ހިމެނިފައިވާނެ އެވެ،" ގައުމީ ޕާޓީގެ ބަޔާނުގައިވެ އެވެ.
އެ ޕާޓީން ބުނީ އެ ރިޕޯޓް އަރަބި ބަހަށް ތަރުޖަމާކޮށް އަރަބި ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން ގެންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ