ގައުމަށް ނިކަމެތިކަން ލިބޭނެ ކަމެއް ސުޕްރީމް ކޯޓުން ނުކުރާނެ: އުއްތަމަ ފަނޑިޔާރު
އަމިއްލަ ފަރުދަކަށް ވުރެ މި ގައުމު އަބަދު ވެސް މުހިއްމު ވާނެ ކަމަށާއި ގައުމަށް ނިކަމެތިކަމެއް އަންނާނެ އެއްވެސް ކަމެއް ސްޕްރީމް ކޯޓުގެ ބެންޗުން ނުކުރާނެ ކަމުގެ ޔަގީންކަން، އާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ދެއްވައިފި އެވެ. މިދިޔަ ހޯމަ ދުވަހު މަގާމާ ހަވާލުވެވަޑައިގެންނެވި އުއްތަމަ ފަނޑިޔާރު ސައީދު އެހެން ވިދާޅުވީ، ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުއާ އެކު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ. އެއީ، ފުލުހުން ބުނި ގޮތުގައި، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި ފުލުހުންނަށް ދެމުންދާ ހަމަލާތައް ބެލުމުގައި މިހާރަށް ވުރެ އަވަސް، ހަރުދަނާ އުސޫލެއްގެ ތެރެއިން ކަންކަން ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމެކެވެ. ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުއާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އިއްޔެ ބައްދަލުކުރައްވަނީ.-- ފޮޓޯ: ޕޮލިސް ސުޕްރީމް ކޯޓުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އުއްތަމަ ފަނޑިޔާރު ސައީދު ވިދާޅުވި ކަމަށް ފުލުހުން ބުނީ، ގާނޫނު ތަންފީޒު ކުރަން ތިބޭ ފުލުހުންނަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ލިބެން ޖެހޭނެ ކަމަށެވެ. އަދި އެ ކަންތައް ހަރުދަނާ ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި ކަމަށް ވެސް ފުލުހުން ބުންޏެވެ. "މި ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ދެއްކެވި ވާހަކަފުޅުގައި ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް ހަމަލާ ދިނުމަކީ ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި ވަރަށް ބޮޑު ކުށެއްކަން ފާހަކުރައްވައި ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި ފުލުހުންނަށް ދެމުންދާ ހަމަލާތައް ބެލުމުގައި މިހާރަށް ވުރެ އަވަސް، ހަރުދަނާ އުސޫލެއްގެ ތެރެއިން އެ ކަން ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ،" ބަޔާނުގައިވެ އެވެ. މީގެ އިތުރުން، ފުލުހުން ބުނި ގޮތުގައި މައްސަލަތައް މިހާރަށް ވުރެ އަވަސް މިނެއްގައި ކޯޓުގައި ހިންގި ދާނެ ގޮތްތަކާ ބެހޭ ގޮތުންނާއި ކުށުގެ ވެށި ފުޅާކޮށް އޮންނަ އިރު ކުށްކުރާ ފަރާތްތަކަށް އެ ފުރުސަތު ހަނިކުރެވި ދާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. އަދި ބުނީ ޝަރުއީ ދާއިރާ އަށް ފުލުހުންގެ ފަރާތުން ބޭނުންވާ ފުރިހަމަ އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ޕޮލިސް ކޮމިޝަނަރު ދެއްވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ