އަޅުގަނޑުގެ ދަރީން ނިންމާ ނިންމުންތަކަކީ، އެމީހުންގެ އަމިއްލަ ނިންމުންތަކެއް: ރައީސް މައުމޫނު

ޕީޕީއެމްގެ ޕްރައިމަރީގައި އެއްވެސް ބޭފުޅަކަށް ތާއީދު ކުރައްވާކަން ހާމަ ނުކުރައްވާނެ ކަމަށާއި، ވަކި ފަރާތަކަށް ތާއީދު ކުރުމަށް ދަރިން ނިންމާ ނިންމުންތަކަކީ އެމީހުންގެ އަމިއްލަ ނިންމުންތަކެއް ކަމަށް ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު ސޮއި ކުރައްވައި ޕީޕީއެމް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމަނިކުފާނާއި ޕާޓީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުގައި ހުންނެވި ދަރިކަނބަލުން ޔުމްނާ މައުމޫނު ޕްރައިމަރީގައި އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ކުރާކަން ހާމަ ނުކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމެވީ ޕާޓީގެ މަސްލަހަތައްޓަކައި ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުގައި، ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ ދެ ބޭފުޅުންނަކީވެސް ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އަދި ޕާޓީއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ވަރަށް އިހުލާސްތެރި ދެ ބޭފުޅުންނެވެ. އެހެންކަމުން އެންމެ ރަނގަޅު އަދި އެންމެ އިންސާފުވެރި ގޮތަކީ އަޅުގަނޑު ވަކި ބޭފުޅަކަށް ތާއީދު ކުރާކަން ހާމަ ނުކުރުމެވެ.،" ރައީސް މައުމޫނުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކާއި އެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށްވެސް ރައީސް މައުމޫނު ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން އެ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް ޔުމްނާ ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ ޕާޓީގެ އިސް މަގާމެއްގައި ހުރެގެ، އެތެރޭގެ އިންތިހާބު ތަކުގައި ވަކި ކެނޑިޑޭޓަކަށް ތާއީދު ކުރުރާކަން ހާމަ ކުރުމަކީ ކޮށްގެން ވާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންކަމުން ޕްރައިމަރީގައި އެއްވެސް ފަރާތަކަށް ތާއީދު ކުރާކަން ހާމަ ނުކުރާނެ ކަމަށްވެސް ޔުމްނާ ވިދާޅުވެފައި ވެއެވެ.
"ބައެއް ފަހަރު، ބައެއް މީޑިއާ ތަކުގައި، އަޅުގަނޑާއި އަޅުގަނޑުގެ ދައްތަ ދުންޔާ މައުމޫންގެ ފޮޓޯ ނުވަތަ ނަން އޮޅުވާލާފައި ހުންނަ ވާހަކަވެސް މެމްބަރުންގެ މައުލޫމާތައްޓަކައި ދަންނަވަމެވެ.،" ޔުމްނާގެ ބަޔާނުގައި ބުނެފައި ވެއެވެ.
ޕީޕީއެމްގެ ޕްރައިމަރީ މިމަހުގެ 30 ވަނަ ދުވަހު ބާއްވާއިރު، ރައީސް މައުމޫނުގެ އާއިލާގެ ބޭފުޅުން ތިއްބެވީ ކޮށްކޯފުޅު ޔާމީން އަބްދުލް ގައްޔޫމްގެ ފަހަތްޕުޅުގައެވެ. އުމަރު ޓީމުން ބުނެފައިވަނީ ރައީސް މައުމޫނުގެ އާއިލާ، ޔާމީންގެ ފަހަތްޕުޅުގައި އޮތުމަކީ އެމަނިކުފާނަށް ވޯޓު ދޭންޖެހޭ ސަބަބެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ