ލަންކާގެ ކުރީގެ ހަނގުރާމަ މައިދާންތަކުން

ލަންކާގެ އުތުރުގެ އަަވަށްތަކުގައި އަލަށް ހަދަމުންދާ މަގުތަކުން ބަސްތައް ފުރާ މީހުން މިހާރު ދަތުރު ކުރެ އެވެ. ތަމަޅަ ޓައިގަރުންގެ އަތްދަށުގައި އެއް އިރެއްގައި އޮތް ޖަންގަލިތަކުގެ ތެރެއިންވެސް އެކި އުމުރުގެ މީހުން ދަތުރު ކުރެ އެވެ. މި ދަތުރުވެރިންނަކީ އެ މީހުންގެ އުމުރުގައިވެސް ލަންކާގެ އުތުރާއި އިރުމަތީ ސަރަހައްދުތަކަށް ދިއުމުގެ ފުރުސަތު މީީގެ ކުރިން ލިބިފައި ނުވާ ޖީލެކެވެ. ނަމަވެސް މިސަރަހައްދުތަކަކީ އާއްމު ގޮތެއްގައިި ޓޫރިސްޓުން ދަތުރު ކުރާ ފަދަ ހިސާބުތަކެއް ނޫނެވެ. މިހިސާބުތަކުން ގޮނޑުދޮށްތަކުގައި ތިބޭ ބޭރުގެ ޓޫރިސްޓުންނެއް ނުފެންނާނެ އެވެ. އަދި ފަރުބަދަތަކުން ފެން އާރުތައް ފައިބާ ހިތްގައިމު މަންޒަރުތަކާއި ސައިފަތް ދަނޑުތަކެއް ވެސް ނުފެންނާނެ އެވެ. އޭގެ ބަދަލުގައި ހީވާނީ އަސްކަރީ ކޭމްޕަކަށް ވަދެވޭހެންނެވެ. ކޮންމެެ ކަނެއްގައި ސިފައިންގެ މީހަކު ފޯރިއަށް ހުރެ އެވެ. އަދި އެތަން މިތަނުގައި މައިން ހުރި ކަމުގެ އިންޒާރު ބޯޑުތައް ޖަހާފައި ހުރެ އެވެ. އެއާއެކު ވެސް ކޮންމެ ދުވަހަކުހެން ތިންސަތޭކައެއްހާ ލޯކަލް ޓޫރިސްޓުން މިތާނގައި ހުރިި އަސްކަރީ ބަންކަރުތަކާއި ބަޑި ޖަހަން ފަރިތަކުރާ ރޭންޖްތަކާއިި މަސައްކަތް މުޅިން ނުނިމި ހުރި ސަބްމެރީންތަކާއި ހަލާކުވެފައިވާ މަގުމަތީ އުޅަނދުތައް ބަލަން އާދެ އެވެ. ތަމަޅަ ޓައިގަރުން ހަލާކުކޮށްލާފައިވާ ފެން ތާނގީ އެއް. އަހަރެންގެ ދަތުރު ފެށީީ ކިލިނޯޗީއިންނެވެ. އެއީ ތަމަޅައިންނަށް ވަކި ދައުލަތެއް ގާއިމު ކޮށްދިނުމަށް ހަނގުރާމަކުރި ލިބަރޭޝަން ޓައިގާސް އޮފް ޓެމިލް އީލާމް (އެލް.ޓީ.ޓީ.އީ)ގެ "ވެރިރަށެވެ." ކައިރީގައިވާ އަވަށެއްް ކަމަށްވާ ޕަރަންތަންއިން ކިލިނޯޗީ ސަހަރަށް ވަންނައިރު ފުރަތަމައިން ވެސް ފާހަގަ ކުރެވޭނީ ޓައިގަރުން ހަލާކު ކޮށްލާފައިވާ ބޮޑު ފެން ތާނގީ އެެކެވެ. އެއީ ޖެނުއަރީ 2009 ގައި ޓައިގަރުންގެ އަތުން އެ ސަހަރު ގެއްލިގެން ދިއުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ސުންނާފަތި ކޮށްލި ޓަވަރެކެވެ. 'އިރަނަމަދޫ ޓޭންކް' ފެންގަނޑު. ކިލިނޯޗީގެ ބޭރަށް ދެވޭ މަގުން ގޮސް ޖެހޭނީ އިރަނަމަދޫ ކިޔާ ކުޑަ ވިލެޖެކެވެ. ލަންކާގެ އެންމެ ބޮޑު އެއް ޑޭމް ހުންނަނީ އެ ތަނުގައެވެ. "އިރަނަމަދޫ ޓޭންކް" ކިޔާ މި ޑޭމުގެ ބޮޑު މިނުގައި 50 އަކަ ކިލޯމީޓަރު ހުރެ އެވެ. އަދި މި ޑޭމުން ލަންކާގެ އުތުރު ޕްރޮވިންސްގެ ބޮޑު ބަޔަކަށް ފެން ފޯރުކޮށްދެ އެވެ. ނަމަވެސް އެލް.ޓީ.ޓީ.އީއިން މި ޑޭމްގެ އެހެން ބޭނުންތައް ވެސް ކޮށްފައިވެ އެވެ. އެ ގޮތުން 2002 ވަނަ އަހަރު ޓައިގަރުންގެ އިސް ތިއޮރިޓިޝަން އެންޓަން ބާލަސިންހަމް އާއި އޭނާގެ އަންހެނުން ވަނީ ރާއްޖެއިން ކަނޑުގައި ޖައްސާ މަތިންދާބޯޓެއްގައި މި ޑޭމް އަށް ޖައްސައިފަ އެވެ. އަހަރެން ދެން މިސްރާބު ޖެހީ އަހަރެންގެ ލަންކާ ރަހްމަތްތެރިންނަށް ވެސް އެ އަވަށުގެ ނަން ކިޔަން އުނދަގޫ އަވަށެއް ކަމަށްވާ ޕުތުއްކުޑިޔިރުއްޕު އަށެވެ. އެ އަވަށުގެ ވަށައިގެންވާ ޖަންގަލިތަކުގެ ތެރެއިން ލާފައި ދެވޭ ހަނި މަގު ނިމޭތާ ހުރީ އާދައިގެ ގެއެކެވެ. ނަމަވެސް އެ ގޭގެ އެތެރެއަށް ވަންނަން ކިޔުގައި ޖެހިފައިވާ މީހުންގެ އަދަދަށް އެކަނި ބަލާލިއަސް އެއީ އާދައިގެ ގެއެއް ނޫންކަން ދޭހަވެ އެވެ. ޕްރަބާކަރަންގެ ބަންކަރު ބެލުމަށްޓަކައި ކިޔޫ ޖެހިގެން. ވަޒަން ނާރާ ކޯއްޓޭތަކާއި ބިންގަރާހެއްގެ ތެރެއަށް ދުއްވާ އެއްޗެއްސަށް ވަދެވޭ ގޭޓަކާއި ފިސްތޯލަ ޖަހާ ރޭންޖްއަކާއި ކުއްތާ ބަހައްޓާ ކޮށިތަކެއް އެކުލެވޭ ބިމެއްގައި ހުރި މި ގެއަކީ ހަތަރު ބުރި އަޑިއަށް ހަދާފައިވާ ބަންކަރެކެވެ. ޓައިގަރުންގެ ވެރިޔާ ވެލުޕިއްލާއި ޕްރަބާކަރަންގެ އެއް ބިންގަރާހެވެ. ބަންކަރު ވަނީ 10 މީޓަރު އަޑިއަށް ކޮނެފަ އެވެ. ބޯ ފާރުތަކާއި ވަޒަން ނާރާ ދޮރުތައް ހުރުމާއެކުު ހާމަވަނީ މިއީ ފިލައިގެން އުޅުމަށާއި ހަނގުރާމަ ރާވައި ހިންގުމަށް ބޭނުން ކުރި "ކޮމާންޑް ސެންޓަރު" ކަމެވެ. އެކި ތަންތަނަށް ވިއްސިވިހާލި ކޮށްލާފައިވާ ކޮޓަރިތަކާއި ކުރިން އެއާކޮންޑިޝަން ކޮށްފައިވާ ބިންގަރާހުގެ ތެރެއަށް އަހަރެން ފައިބަމުުން ދިޔައިރު ކުޑަކޮށް ހާސްވަމުން ދިޔަ އެވެ. ފޯނަށް ނެޓްވޯކް ނުލިބުމާއި އެ ތާނގައި ހުރި ފަނޑު އޮރެންޖް ކުލައިގެ އައްޔާއި ހަނި ކޮރިޑޯތަކުގެ ތެރެއިން ދިޔަ މީހުންނާއި އަދި އެ މީހުންގެ ދަރިން ރޯ އަޑުފައްގަނޑުން ހީވީ ބިރުވެރި ފިލްމެއްގެ ތެރޭގައި އުޅެވޭހެންނެވެ. ޓައިގަރުންގެ ކަނޑުގެ ސިފައިންގެ ވެރިޔާ ފިލައިގެން އުޅުނު ގެ. --ހަވީރު ފޮޓޯ/ އަރުޝަދު އަހަރެން ޒިޔާރަތް ކުރަން ނިންމި ތަންތަނުގެ ތެރޭގައި ދެން އޮތީ ޓައިގަރުންގެ ކަނޑުގެ "ސިފައިން"ގެ ވެރިޔާ ސޫސައި ފިލައިގެން އުޅުނު ގެ އެވެ. އެ ގެއަށް ވަންނަ ދޮރުގައި ނޫކުލައިގެ ބޮޑު އަކުރުން ޖަހާފައިވާ "ދުޝްމަނުންނަކީ އަހަރެމެންގެ އެންމެ ރަނގަޅު މުދައްރިސުން" ޝިއާރުގައި އަޅައިނުގަތުމަކީ ނުވެނުދާނެ ކަމެކެވެ. ނަމަވެސް އެ ގޭގެ އެންމެ އަޅައިގަންނަ ކަމަކީ އެތެރޭގައި ހުރި އަލަމާރިއެއްގެ ތެރެއިން ލާފައި ބޭރަށް ނުކުމެވޭ ގޮތަށް ހަދާފައި މަގެވެ. ގޭގެ ބަގީޗާގެ ތެރޭގައި ވަރަށް ފުން ވަޅުގަނޑެއް ވެސް ވެ އެވެ. ބުނެވޭ ގޮތުގައި އެ ވަޅުގަނޑުގައި 50 ކިލޯގެ ރަން ފޮރުވާފައި ހުއްޓާ ފެނިފައިވެ އެވެ. ދާރުލްއާސާރުގައި ހަދާފައިވާ ހަދާނީ ބިނާ. ޕުތުއްކުޑިޔިރުއްޕުގައި ހުރިި އޯޕަން އެއާ ދާރުލް އާސާރުގައި ޓައިގަރުން ގެންގުޅުނު ހަތިޔާރުތަކުގެ އެތައް ބައިވަރު ހަތިޔާރުތަކެއް ފަތުރުވެރިންނަށް ފެންނަ ގޮތަށް ބަހައްޓާފައިވެ އެވެ. އޭގެ ތެރޭގައި ބަޑި އާއި ސަބްމެރީނުން ހަމަލަ ދޭ ޓޯޕިޑޯ އާއި މަސައްކަތް މުޅިން ނުނިމި ހުރި ސަބްމެރީންތައްވެ އެވެ. ކޮންމެ ހަތިޔާރެއްގައި ލޭބަލް ޖަހާފައި ހުރި ނަމަވެސް، ޝައުގުން ފުރިފައިވާ ފަތުރުވެރިންނަށް އެ ހަތިޔާރުތަކާ ބެހޭ ތަފުސީލުތައް ދިނުމަށް ލަންކާ ސިފައިންގެ އޮފިސަރެއް އަބަދު ވެސް ގާތުގައި ހުރެ އެވެ. ޓައިގަރުންގެ ކަނޑުގެ ސިފައިން ތަމުރީނުކުރުމަށްޓަކައި ބޭނުންކުރި ސުވިމިން ޕޫލް. އަހަރެން ދެން ދިޔައީ ޕްރަބާކަރަންގެ އިތުރުން ޓައިގަރުންގެ ކަނޑުގެ ހަނގުރާމަވެރިންގެ ތެރެއިން ޑައިވަރުން ތަމްރީން ކުރަން ހަދާފައިވާ ސްވިމިން ޕޫލް ކައިރިއަށެވެ. ސިފައިންގެ މީހަކު އަހަރެން ކައިރީ ބުނިގޮތުގައި، 83 ފޫޓު ދިގު އަދި 22 ފޫޓު ފުން އެ ޕޫލަކީ "ލަންކާގައި ހުރި އެންމެ ބޮޑު ސްވިމިން ޕޫލް" އެވެ. ޓައިގަރުންގެ ވެރިޔާ ބޭނުން ކުރި ގިނަ ތަންތަން ފަދައިން މި ޕޫލް ވެސް ހުންނަނީ ޓައިގަރުންގެ ކޭމްޕްތަކާ އެތައް ކިލޯމީޓަރެއް ދުރުގަ އެވެ. މިހާރު ހާމައަށް އޮތަސް މި ޕޫލްގެ މަތި ކުރިން ހިޔާކޮށްފައިވަނީ ކެމޮފްލާޖް ދަލުންނެވެ. ޓައިގަރުން ބޭނުންކުރި ބައެއް ތަކެތި ދަށްކާލުމަށްޓަކައި ޕްރަބާކަރަންގެ ބަންކަރުގެ ކައިރީގައި ހުންނަ ގޭގައި ބަހައްޓާފައި. ދަތުރަށް ފަހު އެނބުރި އައި މަގުމަތީގައި ވިސުވަމަދު ކިޔާ އަވަށެއްގައި ކުޑަ އިރުކޮޅަކު މަޑުކޮށްލީމެވެ. އެ ތަނުގައި ހުރި ޕްރަބާކަރަންގެ ބަންކަރަށް ވަދެލުމަށް ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ކިޔު ހަދަ އެވެ. އެއާކޮންޑިޝަންކޮށްފައި، ކުއްލި ހާލަތްތަކުގައި ބޭނުން ކުރުމަށް އޮކްސިޖަން ފުޅިތައް ބަަހައްޓާފައިވާ، ބިމު އަޑީގައި ދެ ބުރިއަށް ހަދާފައިވާ ބަންކަރުގައި ލެކްޗަރު ހޯލަކާއި ކާ ކޮޓަރިއަކާއި ފާހާނާ އާއި އޮފީހަކާއި އަދި ނިދާ ކޮޓަރިއެއް ހިމެނެ އެވެ. އެ ސަރަހައްދުގައިި ޕްރަބާކަރަން އުޅުނުއިރު ބޭނުން ކުުރި ގެއެއް ބަންކަރާ ޖެހިގެން ހުއްޓެވެ. އެ ތަނުގައި މިިހާރު ދައްކާލަން ބަހައްޓާފައިވަނީ ޓައިގަރުންގެ އަތުން ސަރުކާރު ސިފައިން އަތުލައިގެންފައިވާ ބައެއް އާލާތްތަކެވެ. އޭގެ ތެރޭގައި ސަރުކާރު ސިފައިންގެ އަތްދަށުވާ ޓައިގަރުން އަމިއްލައަށް މަރުވާން ބޭނުން ކުރާ ސައިނައިޑް ގުޅަތައް ވެސް ހިމެނެ އެވެ. ޓައިގަރުންގެ ޖާސޫސީ ގޮފިން ބޭނުންކުރި ޖަލުގެ ގޮޅިތައް. ވިސުވަމަދުގައި ހުރި ޖަލު ގޮޅިތަކުން ފުރަތަމައިނުން ވެސް ފާހަގަ ކުރެވެނީ ޓައިގަރުން ހައްޔަރު ކޮށްގެން ގެންގުޅުނު ގައިދީން ފާރުތަކުގައި ލިޔެފައިވާ ވޭނީ ބަސްތަކެވެ. އާދައިގެ ހަ ގޮޅި އާއި ފަސްދޮޅަސް ކުޑަގޮޅި ހުރި މި ތަނަކީ ޓައިގަރުންގެ ޖާސޫސީ ގޮފިން ހައްޔަރުކުރި 76 މީހުން ބައިތިއްބާފައިވާ ތަނެވެ. އޭގެ ތެރޭގައި އެލް.ޓީ.ޓީ.އީ އަށް ގައްދާރުވި މީހުންނާއި އަތުލައިގެންފައިވާ ސަރުކާރު ސިފައިންގެ ޖާސޫސީ އެޖެންޓުން ހިމެނެ އެވެ. ޓައިގަރުން ހައިޖެކްކުރި ޖޯޑަންގެ ވިޔަފާރި ބޯޓު. އަހަރެންގެ މި ދަތުރުގެ އެންމެ ފަހު މަންޒިަލަކަށްވީ "ފަރަހް-3" ނަމަކަށް ކިޔާ ޖޯޑަންގެ ވިޔަފާރި ބޯޓެކެވެ. އެއްގަމަށް ބީއްސާލާފައިވާ މި ބޯޓަކީ 2006 ގެ ޑިސެމްބަރު މަހު ޓައިގަރުންގެ ކަނޑުގެ ހަނގުރާމަވެރިން އަތުލައިގަތް އުޅަނދެކެވެ. އެލް.ޓީ.ޓީ.އީއިން މި އުޅަނދު ހައިޖެކް ކުރީ އުޅަނދުގެ އިންޖީނުގައި މައްސަލަ ޖެހިގެން މުއްލައިތިވޫގެ އައްސޭރިފަށުގައި ބަނދަރުކޮށްފައިވަނިކޮށެވެ. ހައިޖެކް ކުރުމަށް ފަހު ޓައިގަރުން ވަނީ އުޅަނދު އުރުވާލައި އެ އުޅަނދުގެ ހުރިހާ އާލާތްތަކެއް ނަގައިގެން ގެންގޮސްފަ އެވެ. އަދި ހަނގުރާމާގައި ބޭނުން ކުރާ ހަތިޔާރުތައް އުފެއްދުމަށް ބޯޓުގެ ދަނގަޑު ބައިތައް ވެސް ވަނީ ބޭނުންކޮށްފަ އެވެ. "ހަނގުރާމައިގެ އަސަރުތައް މިހާރު ވެސް ފެންނަ ގޮތަށް ބެހެއްޓުމީ ތަމަޅައިންނަށް ކޮންމެވެސް ވަރަކަށް ފުރައްސާރަ ކުރުން ނޫންހޭ" އަހަރެންގެ ލަންކާ ރަހުމަތްތެރިއެއް، ކިލިނޯޗީއަށް އެނބުރި އައި މަގުމަތީގައި، އެހި އެވެ. އަހަރެންނަށް އެއަށް ދޭނެ ޖަވާބެއް އެވަގުތަކު ނޭނގުނެވެ. ލަންކާގެ 26 އަހަރުގެ ދިގު ހަނގުރާމައިގެ ހަދާންތައް ފެންނަން ހުރުމަކީ ތާރީހަށް ޝައުގު ހުރިި މީހަކަށް ޝައުގުވެރިވާނެ ކަމެކެވެ. ނަމަވެސް ހަނގުރާމައަށް ފަހު އާދައިގެ ދިރިއުޅުމަކަށް ބަދަލުވާން މަސައްކަތްކުރާ ތަމަޅައިންނަށް ފަތުރުވެރިންގެ ސަބަބުން އުނދަގޫތަކެއް ތަހައްމަލު ކުރަން ޖެހިދާނެ އެވެ. އަދި ތަމަޅަ ބަހުން އެއްވެސް ލޭބަލްއެއް ޖަހާފައި ނުވުމީ ސަރުކާރުން ތަމަޅަ މުޖުތަމައާ ގުޅުން ރަނގަޅުކުރުމަށް މަސައްކަތް ކުރާ ކަމާމެދު ސުވާލު އުފެދޭ ކަމެއްވެސްމެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ