އަޅުގަނޑުގެ ވިސްނުމަކީ ރާއްޖެ އަށް ފިޔަވަޅު އެޅުން: ޝަހީދު

ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް ގާއިމް ކުރުމަށްޓަކައި އިންޑިއާ ސިފައިން ރާއްޖެ އައުމަށް ބާރު އެޅުމަކީ ވިސްނުމެއް ނޫން ކަމަށާއި އޭނާ ގޮވާލެއްވީ ބައިނަލްއަގްވާމީ ފަރާތްތައް މެދުވެރިކޮށް ރާއްޖެ އަށް ފިޔަވަޅު އެޅުމަށް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު މިއަދު ވިދާޅުވެއްޖެ އެވެ. އދ. އިން އިރާނަށް ކަނޑައަޅުއްވާފައިވާ ހާއްސަ ރެޕަޓުއާގެ މަގާމު ފުރުއްވަމުން ގެންދަވާ ޝަހީދު މިދިޔަ ހުކުރު ދުވަހާއި ރޭ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރަން ޖެހޭ ކަމަށެވެ. އެއާ އެކު އިންޑިއާ އިން ރާއްޖެ އަށް "އާރުޓޫޕީ" ހިންގަން ކޮމަންވެލްތުން އިންޑިއާގެ ކިބައިން އެދެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. "ހަވީރާ" ވާހަކަ ދައްކަވަމުން ޝަހީދު ވިދާޅުވީ "އާރުޓޫޕީ" ގެ ދަށުން ކޮންމެހެން އިންޑިއާ ސިފައިން ނުވަތަ އެހެން ބަޔަކު ވެސް ރާއްޖެ އަންނަން ނުޖެހޭ ކަމަށެވެ. އެކަމަކު "އާރުޓޫޕީ" ގެ ދަށުން ރާއްޖެ އަށް ދަތި ކުރުމަށް ކިތަންމެ ފިޔަވަޅެއް އެޅިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑު ގޮވާލާފައި ވަނީ ސީމެގަށް އިންޑިއާ ކައިރީގައި ރާއްޖެ އަށް "އާރުޓޫޕީ" ހިންގަން. ދިވެހި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް އިންޑިއާ އިން ހަރަކާތްތެރިވުމަށް. އޭގެ މާނަ އަކީ އިންޑިއާ ސިފައިން ކޮންމެހެން ރާއްޖެ ދިއުމެއް ނޫން. ނުވަތަ އެހެން ބަޔަކު ވެސް ރާއްޖެ ދިއުމެއް ނޫން. 'އާރުޓޫޕީ' އުސޫލުގައިވާ ގޮތުން ސިފައިން އެރުމަކީ އެއީ އެންމެ ފަހުގެ ކަންތައް. 'އާރުޓޫޕީ' ގެ ދަށުން ކިތަންމެ ފިޔަވަޅެއް ރާއްޖެ އަށް އެޅިދާނެ. މިސާލަކަށް ސުޕްރީމް ކޯޓުގެ ބޭފުޅުންނަށް އެއްވެސް ގައުމަކަށް ނުދެވޭ ގޮތަށް ވެސް ހެދިދާނެ. އިންޑިއާ އިން ހަރު ބަހެއް ވެސް ބުނެވިދާނެ،" ޝަހީދު ވިދާޅުވި އެވެ. ކުރީގެ ރައީސް މައުމޫނާއި ނަޝީދުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޝަހީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ މައްޗަށް "އާރުޓޫޕީ" ހިންގާ ކަމަށް ވަންޏާ އެކަން ކުރަން ޖެހޭނީ އދ. މެދުވެރިކޮށެވެ. "އާރުޓޫޕީ" ނޫނީ "ރެސްޕޮންސިބިލިޓީ ޓް ޕްރޮޓެކްޓް" އަކީ އދ ގެ އިސްނެގުމަކަށް 2005 ވަނަ އަހަރު ފާސްކޮށްފައިވާ އުސޫލެކެވެ. ގައުމެއްގެ އިސްތިގުލާލާއި މިނިވަންކަން ހިމާޔަތް ކުރުމަށް އެ ދައުލަތެއް ނުކުޅެދިއްޖެ ނަމަ އެ ގައުމަކާ މެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި އަސްކަރީ ބާރު ބޭނުން ކުރުމަށް އެ އުސޫލުގެ ތެރެއިން ހުއްދަ ދެ އެވެ. އާރުޓޫޕީ މައިގަނޑު ގޮތެއްގައި ބޭނުން ކުރަނީ ހަނގުރާމައިގެ ޖަރީމާތަކާއި ބޮޑެތި ގަތުލް އާންމުތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގޭ ޖަރީމާތަކާއި ލޭ އޮހޮރުވުންތައް ހުއްޓުވުމަށެވެ. ޝަހީދު ވިދާޅުވީ މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކަންތައް ގުޅިގެން ރާއްޖެ އިން އަމަލުކުރަނީ ރަނގަޅަށް ނޫން ކަމަށާއި ބައިނަލްއަގްވާމީ ފަރާތްތައް ބައިވެރިކޮށް ފިޔަވަޅު އަޅަން ޖެހެނީ އެހެންވެ ކަމަށެވެ. "ރާއްޖޭގެ ގާނޫނު އަސާސީ އޮތީ މުގުރާލާފައި. ކޯޓުން ކަންތައް ކުރަނީ ހިތަށް އެރި ގޮތަކަށް. ރާއްޖޭގެ އެތެރެއިން މައްސަލަ ހައްލު ކުރެވޭނެ އުސޫލެއް ނެތް. ތިން ފަރާތުން ]ވެރިކަން ހިންގުމުގެ ބާރާއި އަދުލު އިންސާފުގެ ދާއިރާ އަދި ގާނޫނު ހަދާ ބާރު[ އަރައިރުން ވުން ނޫން ކަމެއް ނޫންތޯ؟ އެހެންވީމާ މީގެ ތެރެއަށް ބައިނަލްއަގްވާމީ ފިޔަވަޅެއް ބޭނުންވަނީ،" އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ ކަންކަން ހައްލުކުރަން ބޭރުގެ ފަރާތްތައް ބައިވެރިކޮށް ރާއްޖެ އަށް ބައިނަލްއަގްވާމީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅަން މަސައްކަތް ކުރުމަކީ ހައްލަކަށް ވާނެތޯ ދެންނެވުމުން ޝަހީދު ވިދާޅުވީ "އަދުލު އިންސާފުގެ ދާއިރާ އޮތީ ބޮއްސުންލާފައި" ކަމަށާއި "އެތެރޭގެ ހައްލެއް ނުފެންނަ" ކަމަށެވެ. އަދި އިންތިޚާބު އޮބްޒާވް ކުރަން ބޭރުގެ ބައެއް ގައުމުތަކާއި ޖަމާއަތްތަކުން ރާއްޖެ އައުމުން ރާއްޖޭގެ އެތެރޭގެ ކަންކަމަށް ބޭރުގެ މީހުން ބައިވެރިކުރުން އޮތީ ފެށިފައި ކަމަށް އޭނާ ވިދާޅުވި އެވެ. ޝަހީދު ދެކެވަޑައިގަންނަވާ ގޮތުގައި އިންތިޚާބުގެ ދެވަނަ ބުރު ފަސްކުރަން ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނީ "އެއްވެސް ހަމައަކަށް" ބަލައިފައެއް ނޫނެވެ. އޭނާ ވިދާޅުވީ އެންމެ މުހިންމީ ރައްޔިތުންގެ ރައްކާތެރިކަން ކަމަށާއި އެކަމަށް ސުޕްރީމް ކޯޓު ވަނީ "ނުކުޅެދިފައި" ކަމަށެވެ. "އެއީ އަލީ ހަމީދު އެ ކޯޓުގައި ބައިވެރިވާތީ،" ޝަހީދު ވިދާޅުވި އެެވެ. ޝަހީދުގެ ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިސްތިގުލާލު ދަމަހައްޓައި ރައްޔިތުންނަށް ހައްގުތައް ހޯދައިދިނުމަށާއި ގާނޫނީ ވެރިކަމެއް ރާއްޖޭގައި ދެމެހެއްޓުމަށް އިންޑިއާ އާއި ކޮމަންވެލްތުން ރާއްޖޭގެ މައްސަލައިގެ ތެރެއަށް ވަނުމަށް ރައްޔިތުންގެ މަޖިލީހުން އެދެން ޖެހޭ ކަމަށެވެ. އަދި އެކަން ވީހާ ވެސް އަވަހަކަށް ކުރުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ. ޝަހީދުގެ ޓްވީޓްތަކާ ގުޅިގެން އެކި ފަރާތްތަކުގެ ނުރުހުން ވަނީ އޭނާ އަށް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ