ބޭރުގެ ނުފޫޒު ރާއްޖެއަށް ފޯރުވުމަށް ފާޅުގައި ގޮވާލުމަކީ ގައުމީ ސަލަމާތަށް ނުރައްކާކުރުން - މެމްބަރު ހަލީލު

ރާއްޖެއިން ބޭރުގައި ހުރެގެން ބޭރުގެ ގައުމުތަކުގެ ނުފޫޒު ރާއްޖެއަށް ފޯރުވުމަށް ފާޅުގައި ގޮވާލުމަކީ ގައުމީ ސަލަމާތައް ނުރައްކާތެރިކުރުވުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު، އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.
ޑރ. ހަލީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާތެރިވެވޭނީ ހަމައެކަނި ކަނޑި ބަޑިން ނޫން ކަމަށެވެ.
އަދި، ބޭރު ދުނިޔޭގައި ރާއްޖޭގެ އަގު ވައްޓާލުމަށް މަސައްކަތް ކުރުމާއި، ބޭރުގެ ގައުމުތަކުގެ ނުފޫޒު ރާއްޖެއަށް ފޯރުވަން ފާޅުގައި ގޮވާލުމާއި، ރާއްޖޭގެ އިގްތިޞާދު "ފުނޑާލަން" މަސައްކަތް ކުރުމާއި، ގައުމުގެ އަމަން އަމާންކަން ނަގާލަން މަސައްކަތް ކުރުމަކީ ވެސް ގައުމީ ސަލާމަތަށް ނުރައްކާކުރެވޭ ގޮތްތައް ކަމަށް ހަލީލް ވިދާޅުވިއެވެ.
ޓްވީޓުގައި ޑރ. ހަލީލު ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ޑރ. ހަލީލު މިހެން ވިދާޅުވި އިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ "ހަޤީޤަތް" ދުނިޔޭގެ ހުރިހާ ޤާނޫނު ހަދާ މަޖިލީހެއްގެ މެންބަރުންނަށް އަންގައި ދިނުމަށް ކަމަށް ބުނެ ރާއްޖޭގެ ރައްޔިތުން މަޖިލީހުގެ ފޮޓޯތަކެއް ހިފައިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ޔޫރަޕްގެ ގައުމުތަކަށް ދާދި ފަހުން ވަނީ ދަތުރު ކުރައްވާފައެވެ.
މީގެ އިތުރުން ބޭސްފަރުވާއަށް ކަމަށް ބުނެ އިނގިރޭސިވިލާތައް ފިއްލެވި، 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައިވާ ކުރީގެ ރައީސް މުހަންމަދު ނަޝީދު ވެސް ދަނީ ބޭރު ގައުމުތަކުގައި ރާއްޖެއާ މެދު ނުބައި ތަސައްވަރެއް ކުރެހުމަށް މަސައްކަތް ކުރައްވަމުން ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ