އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާތަށް ދޭން ފެށިފަހުން މިހާތަނަށް ގިނަ އަދަދެއްގެ މިސްކިތްތައް ފުނޑު ފުނޑުކޮށް، ސުންނާފަތިކޮށްލާފައިވާ ކަމަށާއި މިސްކިތްތައް ސުންނާފަތިކުރިޔަސް މިސްކިތްތަކުގައި ނަމާދުކުރުން ހުއްޓާނުލާނެ ކަމަށް ފަލަސްތީނުގެ ބައެއް ރައްޔިތުން ބުނެފި އެވެ.
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާތަށް ދޭން ފެށިފަހުން މިހާތަނަށް ފަލަސްތީނުގެ 60 މިސްކިތެއް ބިމާ ހަމަކޮށްލާފައިވާކަމަށް ފަލަސްތީނުގެ އައުގާފް އެންޑް ރިލިޖަސް އެފެއާޒް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެގޮތުން އިއްޔެ އާއި ރޭ ދިން ހަމަލާތަކުގައި ވެސް މިސްކިތްތަކަކަށް ބޮޑެތި ގެއްލުންތަކެއް އިސްރާއީސް ސިފައިން ދީފަިއިވެ އެވެ.
ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅެމުން އަންނަ ޒުވާނަކު ބުނީ އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކަކީ ސީދާ އިސްލާމް ދީން ދުނިޔެއިން ނައްތާލުމަށް ދެމުންދާ ހަމަލާތަކެއް ކަމަށާއި މިސްކިތްތައް ސުންނާފަތިކޮށްލިޔަސް ނިމިދާނީ އިސްލާމްކަން މަތީ ކަމަށެވެ.
އަދި އިސްރާއީލް ސިފައިން އިސްލާމް ދީން ދުނިޔެއިން ފޮހެލުމަށް ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ނުވާނެ ކަމަށް ވެސް އޭނާބުނެފައިވެ އެވެ.
"ޣައްޒާގެ މިސްކިތަށް ބޮން އަޅައި އެތަން ތަން ސުންނާފަތިކޮށްލިޔަސް، އަހަރުމެން ޒުވާނުން މިތިބީ އެތަން ދޫކޮށްލާ ގޮތަކަށް ނޫން، އަހަރުމެން އެ މިސްކިތްތަކަށް ގޮސް ނަމާދު ވެސް ކުރާނަން، އިސްރާއީލް މީހުން އެކުރާ ކަމަކީ ދުނިޔެއިން އިސްލާމް ދީން ފޮހެލުމަށް ކުރާ މަސައްކަތެއް." ފަލަސްތީނު ޒުވާނަކު ބުންޏެވެ.
ޣައްޒާގައި ދިރިއުޅޭ އެހެން ޒުވާނަކު ބުނީ މިސްކިތްތައް ސުންނާފަތިކުރި ކަމުގައިވިޔަސް މާތް ﷲ އަށް ކުއްތަންވެ އަޅުކަންކުރުން މަތީގައި ދެމިތިބޭނެ ކަމަށާއި ފަހަރަކު މިސްކިތެއް ސުންނާފަތިކުރަމުން ދިއުމަކީ އިސްރާއީލުން ހަދާ ބޮޑު ގޯހެއް ކަމަށެވެ.
ފަލަސްތީނު ރައްޔިތުން މިއަދު ވަނީ ހަމާސް ޖަމާއަތަށް ތައުރީފްކޮށް އެމީހުން ކުރަމުން އަންނަ ޖިހާދަށް ތާއީދުކޮށްފައެވެ.
އެގޮތުން މެދުއުމުރުގެ ޣައްޒާ ރައްޔިތަކު މިއަދު ބުނެފައިވަނީ ހަމާސްއިން މަސައްކަތް ކުރަމުންދަނީ ފަލަސްތީނު ރައްޔިތުންގެ ހައްގު ހޯދައިދިނުމަށް ކަމަށާއި ފަލަސްތީނު ރައްޔިތުން ވެސް ހަމާސް އާއި އެކު ތިބި ކަމަށެވެ. އަދި ހަމާސް އާއި މެދު ނަފްރަތު އުފެއްދުމަށް އިސްރާއީލް ސިފައިން މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
ފަލަސްތީނުގެ އައުގާފް އެންޑް ރިލިޖަސް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް މި ހަނގުރާމައިގައި ފަލަސްތީނުގެ 60 މިސްކިތެއް ހަލާކުކޮށްލާފައި ކަމަށެެވެ. އެގޮތުން ހަލާކުކޮށްލާފައިވަނީ ޣައްޒާގައި ހުރި 20 މިސްކިތަކާއި، ޙާން ޔޫނިސްގައި ހުރި 17 މިސްކިތަކާއި ޣައްޒާގެ އުތުރުގެ ހިސާބުތަކުގައި ހުރި 11 މިސްކިތަކާއި އަދި ޣައްޒާގެ މެދުތެރޭ ހިސާބުތަކުގައި ހުރި 10 މިސްކިތެއްގެ އިތުރުން ރަފަހް ސިޓީގައި ހުރި 2 މިސްކިތެއް ކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މީގެއިތުރުން އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގައި ހުރި 150 މިސްކިތަކަށް އެކިވަރުގެ ގެއްލުންތަށް ލިބިފައިވާކަމަށް ވެސް އެ މިނިސްޓްރީން ހާމަކުރެ އެވެ.
އިސްރާއީލުން ވަނީ ރޭ ވެސް ފަލަސްތީނުގެ ނުސެއިރާތްގައި ހުންނަ އަލް ގައްސާމް މިސްކިތަށް ހަމަލާދީފަ އެވެ. އެ ހަމަލާގައި 2 މީހަކު ވަނީ ޝަހީދުވެގެން ގޮސްފަ އެވެ.
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް މިހާރު ދެމުންދާ ހަމަލާތަކުގައި 1904 މީހުން ވަނީ ޝަހީދުވެގެން ގޮސްފަ އެވެ.
މިސްކިތްތައް ސުންނާފަތިކުރިޔަސް ނަމާދުކުރުމުގައި ދެމިތިބޭނަން - ފަލަސްތީނު ރައްޔިތުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ