މާލޭގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ޗައިނާގެ ބަޔާކާއެކު ސޮއިކޮށްފި

މާލެއަށް ދެމުންދާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޮޑު މަޝްރޫއެއްގައި ސްޓެލްކޯއިން މިއަދު ޗައިނާގެ ކުންފުންޏާއެކު ސޮއިކޮށްފި އެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ޑޮއެންގް ސެންގް ކުންފުންޏަށެވެ.
މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވާހާކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު ވިދާޅުވީ މިމަޝްރޫއު ދެ އަހަރު ދުވަސް ތެރޭގައި ނިމޭނެ ކަަމަށާއި މިހާރު އުފައްދާ 60 މެގަވޯޓުގެ އިތުރަށް، އިތުރު 50 މެގަވޯޓް މި މަޝްރޫއުގެ ދަށުން އުފައްދާނެ ކަމަށެވެ. އަދި މުޅިން އަލަށް އަށް މެގަ ވޯޓުގެ ހަ އިންޖީނު މި މަޝްރޫއުގެ ދަށުން ބަހައްޓާނެ ކަމުގައިވެސް ވިދާޅުވި އެވެ. ސްޓެލްކޯ އިން މިހާރު ހިދުމަތް ދެނީ 22 ޖަނަރޭޓަރު ބޭނުންކޮށްގެންނެވެ.
މިހާރު މާލެއަށް އެންމެ އެކަށީގެންވާ ގޮތުގައި ކަރަންޓުގެ ހިދުމަތް ނުދެވޭ ކަން ފާހަގަކުރައްވާ ޝުކޫރު ވިދާޅުވީ މި މަޝްރޫއު ނިމުމުން ކުރިއަށް އޮތް ހަތަރު އަހަރު ދުވަހަށް އެއްވެސް ދައްޗެއް ނެތި މާލެއަށް ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މިއަދު ސޮއިކުރެވުނު މަޝްރޫއުގެ މަސައްކަތް ނިމުމުން މި އަށްވުރެ ހަތަރު ގުނަ ބޮޑު މަޝްރޫއެއް ސްޓެލްކޯ އިން ފަށާނެ ކަމުގައިވެސް ޝުކޫރު މިއަދު ވަނީ ވިދާޅުވެފަ އެވެ.
ސްޓެލްކޯގެ ބަޖެޓުންނާއި ލޯނު އެހީގައި ކުރިއަށްދާ މިމަޝްރޫއަކީ ސްޓެލްކޯ އިން ފޯރުކޮށްދޭ ކަރަންޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިއަށް ގެންދާ ފަސްވަނަ މަޝްރޫ އެވެ.
މިމަޝްރޫއާއެކު އަލަށް ބަހައްޓާ އިންޖީނުތަކަށް ހާއްސަކޮށްގެން ގާކޮށީގެ އިރުމައްޗަށް އޮންނަ ހުސް ބިން މިހާރު ދަނީ ތަރައްގީކުރަމުންނެވެ. މި މަޝްރޫއު ނިމި އާ އިންޖީންތައް ބޭނުންކުރަން ފެށުމުން ސްޓެލްކޯ ކައިރީގައި މަގުތަކުގައި ބަހައްޓާފައި ހުރި އިންޖީނުތައް ނަގާ އެ މަގުތައް އަލުން ހުޅުވާލާނެ ކަމުގެ އިޝާރާތެއް ވެސް މިއަދު ޝުކޫރު ވަނީ ދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ