ގާސިމް ވެރިކަމަށް އަތުވެއްޖެ ނަމަ އަމިއްލަ ވިޔަފާރި މަސްލަހަތު ފުށުނާރާނެ ކަމުގެ ޔަގީންކަމެއް ނެތް: ތަސްމީން

ތަޖުރިބާ އަށް ބަލާއިރު ގާސިމް އިބްރާހިމް ވެރިކަމަށް ވަޑައިގެންފި ނަމަ އަމިއްލަ ވިޔަފާރީގެ މަސްލަހަތާއި ދައުލަތުގެ މަސްލަހަތުތައް ފުށުނާރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ލިބިފައި ނެތް ކަމަށް ގައުމައިގެން ކުރިއަށް ކޯލިޝަންގެ ރަނިން މޭޓް އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވީ ގައުމީ ފެންވަރުގައި އެންމެ ގިނަ ވިޔަފާރިތައް ކުރައްވާ ބޭފުޅަކީ ގާސިމް އިބްރާހިމް ކަމަށްވާއިރު އެ މަނިކުފާނަކީ ރާއްޖޭގެ އެންމެ ބޮޑު މަހުޖަން ކަމަށް ނުބުނެވެންވީ ސަބަބެއް ނެތް ކަމަށެވެ. އަދި އެހާ ފުޅާ ދާއިރާއަކަށް ވިޔަފާރިތަކެއް ކުރައްވާ ބޭފުޅަކު ވެރިކަމަށް ވަޑައިގަތުމުން އެ ކަންތައްތަކާ ދައުލަތުގެ މަސްލަހަތު ފުށުނާރާނެ ގޮތްތަކެއް ރޭވުމަށް ގާސިމް ގެންގުޅުއްވާނެ ސިޔާސަތުތަކެއް ހާމަކުރައްވަން ޖެހޭ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"ގާސިމް ވެސް ކުރައްވަންވީ ކަމަކީ ދިވެހި ރައްޔިތުންނަށް ޔަގީން ކޮށްދެއްވަންވީ އޮޅުން ފިލުވައިދެއްވަންވީ އެފަދަ ބޭފުޅަކު ވެރިކަމަށް ވަޑައިގެންފި ނަމަ ގައުމާއި ދައުލަތުގެ މަސްލަހަތާއި އެ ބޭފުޅާގެ ވިޔަފާރީގެ މައްސަލަހަތު ފުށުނާރާނެ ގޮތްތަކެއް ކަށަވަރު ކޮށްދެއްވާނީ ކިހިނެއްތޯ. ޖުމްހޫރީ ޕާޓީއަކީ ރައީސް ވަހީދުގެ ސަރުކާރުގައި ހިމެނޭ ޕާޓީއެއް. އެކަމަކު މިހާތަނަށް ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އެ ޔަގީންކަމެއް ލިބޭކަށް ނެތް،" ތަސްމީން ވިދާޅުވި އެވެ.
ރޭ ގާސިމް ދެއްކެވި ބައެއް ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ތަސްމީން ވިދާޅުވީ ޖުމްހޫރީ ކޯލިޝަނަށާއި ޚުދު އޭނާ އަށް ނިސްބަތްކުރައްވާ "މަލާމާތް" ކުރެއްވުމުގެ ގޮތުން ގާސިމް ބައެއް ވާހަކަތައް ދައްކަވަނީ ވިޔަފާރިވެރިއަކު ގައުމުގެ ވެރިކަމަށް އައިސްފާނެތީ ގައުމައިގެން ކުރިއަށް ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރުމުން ކަމަށެވެ. ނަމަވެސް އެ ވާހަކަތައް ކޯލިޝަނުން ދެއްކީ ވަކި މީހަކަށް ދެރައެއް ދިނުމުގެ ގޮތުން ނޫން ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"އެއީ އަޅުގަނޑުމެން އިހުލާސްތެރިކަމާއި އެކު ދެއްކި ވާހަކަތަކެއް. އަދި ވަކި މީހެއްގެ ނަމެއް ވެސް އަޅުގަނޑުމެން ނުބުނަން. ނަމަވެސް މިހާރު އެވާހަކަތަކުގެ ފޯކަސް ގެއްލޭ ގޮތަށް މިދަނީ،" ތަސްމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފާއިތުވި 30 އަހަރުގެ ވެރިކަމަކަށް ވެސް އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށް ވެސް ދިވެހި ރައްޔިތުން އެނބުރި ދާކަށް ބޭނުމެއްނުވެ އެވެ. އަދި 30 އަހަރުގެ ވެރިކަމުގައި ތިއްބެވި "އެންދެރިމާގެ" ނޫނީ "ކާމިނީގެ އާއިލާ"ގެ އަތްމައްޗަށް ވެރިކަމުގެ ބާރުތައް ފުރޮޅެން މިހާރު ރައްޔިތުން ބޭނުން ނުވާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އެއީ ގިނަ ރައްޔިތުން ރައީސް ވަހީދަށް ތާއީދު ކުރާ މައިގަނޑު ސަބަބު ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިކުރާ ކެމްޕޭން ދަތުރުތަކުންނާއި ބައްދަލު ކުރާ މީހުންގެ ފީޑްބެކުން އަޅުގަނޑުމެންނަށް އެބަ ޔަގީންވޭ މި އިންތިހާބު އަޅުގަނޑުމެން ކާމިޔާބު ކުރާނެކަން،" ތަސްމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ