ގާސިމް މިނިވަންކުރަން އަދާލަތު ޕާޓީން ގޮވާލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކުރި މައްސަލަ އަދާލަތު ޕާޓީން ކުށްވެރިކޮށްފި އެވެ.
އަދާލަތު ޕާޓީން މީގެ ކުޑައިރުކޮޅެއް ކުރިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ގާސިމް އިބްރާހީމް ހައްޔަރުކުރުން އެޕާޓީން ކުށްވެރިކުރާ ކަމަށެވެ. އަދި ގާސިމް މިނިވަން ކުރުމަށްވެސް އެޕާޓީން ވަނީ ގޮވާލާފަ އެވެ.
އަދާލަތު ޕާޓީން އިތުރަށް ބުނީ ގާސިމް އިބްރާހީމް ހައްޔަރުކުރީ މިމަހުގެ 11 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް އެޖެންޑާކޮށްފައިވާތީ އެމައްސަލައަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ހައްޔަރުކޮށްފައިވާއިރު އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން ގެންދަވަނީ 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
އަދާލަތު ޕާޓީއަކީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ގާސިމް އިބްރާހީމް ވާދަކުރެއްވިއިރު އެމަނިކުފާނަށް ތާއީދުކޮށް ޖުމްހޫރީ ޕާޓީއާ އެކު މަސައްކަތް ކޮށްފައިވާ ޕާޓީއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ