ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ދައުވާކުރަނީ ހަމަހަމަ ކަމުގެ އުސޫލާ ހިލާފަށް ކަމަށާއި ޒިޔާދުގެ މައްޗަށް ދައުވާކުރާ ނަމަ ގާޒީ ހައްޔަރުކުރުމުގައި ބައިވެރިވި ހުރިހާ ސިފައިންގެ މައްޗަށް ވެސް ދައުވާކުރަން ޖެހޭނެ ކަމަށް ޒިޔާދުގެ ވަކީލް މިއަދު ޝަރީއަތުގައި ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ކޯޓުގައި ދައުލަތުން އުފުލި ދައުވާއަށް ޒިޔާދު އިންކާރު ކުރައްވައި ވާހަކަ ދެއްކެވި އިރު އޭނާގެ ވަކީލް މަޒްލާން ރަޝީދު ވަނީ ދައުވާއާ ގުޅިގެން އިޖުރާއީ ދެ ނުކުތާއެއް ނަންގަވައިފަ އެވެ. މަޒްލާން ފުރަތަމަ ނުކުތާއެއްގެ ގޮތުގައި ނެންގެވީ އަބްދުﷲ ގާޒީ ބަންދުކުރުމުގައި އަމަލީގޮތުން ބައިވެރިވި ސިފައިންގެ މައްޗަށް ދައުވާ ނުކޮށް ޒިޔާދުގެ މައްޗަށް ދައުވާ ކުރުމަކީ ހަމަހަމަކަމުގެ އުސޫލާ ހިލާފުވުން ކަމަށް ވިދާޅުވެ އެވެ. އަދި ދެ ވަނަ ނުކުތާ އަކީ ކުށްނުކުރާ މީހެއް ކަމަށް ދައުލަތުން ކަނޑައަޅަނީ ކިހިނެއްތޯ ސުވާލު އުފައްދާ ނެންގެވި ނުކުތާއެކެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެމްއެންޑީއެފްގެ އޮޕަރޭޝަންސް ޑިރެކްޓަރޭޓްގެ މަގާމުގައި ހުންނެވުމަށް ފަހު ވެރިކަން ބަދަލުވުމާއެކު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ވެރިއަކަށް ބަދަލުކޮށްފައިވާ ޒިޔާދުގެ މައްޗަށް ކުރާ ދައުވާގައި ވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާ ނިންމެވުމުން ސިފައިންގެ ކާނަލެއްގެ މަގާމުގައި ހުރެ އަބްދުﷲ ގާޒީ ހައްޔަރުކުރުމުގައި ޒިޔާދު ބައިވެރިވެފައިވާ ކަމަށެވެ. އަދި އެކަމަށް ހިންގި އޮޕަރޭޝަނެއްގައި ޖެނުއަރީ 17، 2012 ގައި އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވާތީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، ކުށްނުކުރާ މީހަކު ހިފާ ހައްޔަރުކުރުމުގެ ދައުވާ އުފުލާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލާ އައިޝަތު ފަޒްނާ ވިދާޅުވީ ވިދާޅުވި އެވެ.
ދައުވާއާ ގުޅިގެން ޒިޔާދުގެ ވަކީލް މަޒްލާން ވިދާޅުވީ ޒިޔާދުގެ މައްޗަށް ދައުވާކުރަނީ ގާނޫނު އަސާސީގައި ބުނާ ހަމަހަމަކަމުގެ އުސޫލާ ހިލާފަށް ކަމަށާއި ޒިޔާދުގެ މައްޗަށް ދައުވާކުރާ ނަމަ އެކަމުގައި ބައިވެރިވި ހުރިހާ ސިފައިންގެ މައްޗަށް ވެސް ދައުވާކުރަންޖެހޭނެ ކަމަށެވެ. އަދި އެ ދައުވާކުރާ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާއަކީ ދުސްތޫރީ ގޮތުން މައްސަލަ ހުރި މާއްދާއެއް ކަމަށް ވިދާޅުވި އެވެ. އެ މާއްދާ އެގޮތަށް އޮތުމުން ފުލުހުންނަށް ލިބިދޭ މީހުން ހައްޔަރުކުރުމުގެ ބާރަށް ހުރަސް އެޅޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ ކުށެއްގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފައި ވަނިކޮށް އޭނާއަކީ ކުށެއް ނެތް މީހެއް ކަމަށް ކޯޓުން ނިންމައިފި ނަމަ އެ މީހަކު ހައްޔަރުކުރުމުގައި ބައިވެރިވި ހުރިހާ ފުލުހުންގެ މައްޗަށް އެ މީހަކަށް ދައުވާކުރެވޭނެ ކަމަށެވެ.
އެ ވާހަކައާ ގުޅިގެން ދައުލަތުގެ ވަކީލާ ފަޒްނާ ވިދާޅުވީ ދައުވާކުރުމާއި ނުކުރުމަކީ ޕީޖީއަށް ލިބިގެންވާ ބާރެއް ކަމަށެވެ. އަދި ޒިޔާދުގެ މައްޗަށް އެ ދައުވާކުރީ ޒިޔާދު އެކަމުގައި ބައިވެރިވި މިންވަރަށް ބަލައި ކަމަށް ފަޒްނާ ވިދާޅުވި އެވެ. އެގޮތުން އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް މަޝްވަރާކޮށް އަދި އެކަމަށް ސިފައިންނަށް ބްރީފިން ދިނީ ވެސް ޒިޔާދު ކަމަށް ފަޒްނާ ވިދާޅުވި އެވެ. އަދި ގާޒީ ހައްޔަރުކުރުމަށްފަހު އެކަން ދިފާއު ކުރެވޭ ގޮތެއް ހޯދުމަށް ސިފައިންގެ ދެ ވަކީލަށް ވެސް ޒިޔާދު އެންގެވި ކަމަށް އެ މީހުން ބަޔާން ދީފައިވާ ކަމަށް ވަކީލާ ވިދާޅުވި އެވެ.
ފަޒްނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމުގައި އަމަލީގޮތުން ބައިވެރިވި ސިފައިންގެ މައްޗަށް ދައުވާ ނުކުރީ އެ މީހުންނަކީ އެ މީހުންގެ ވެރިން އަންގާ ގޮތަށް އަމަލުކުރަންޖެހޭ ބަޔަކަށްވާތީ އާއީ ވެރިން އަންގާ އެންގުމަކީ ޣައިރު ގާނޫނީ އަމުރެއްކަން ނިންމޭ ފަދަ މަގާމެއްގައި ތިބި ބަޔަކަށް އެ ސިފައިން ނުވާތީ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ތަހުގީގަށް މީހުން ހައްޔަރުކުރުމަކީ ފުލުހުންނަށް ލިބޭ ބާރެއް ކަމަށާއި އެކަމަށް ގާނޫނު ވެސް ތަންދޭ ކަމަށެވެ. ނަމަވެސް އަބްދުﷲ ގާޒީ ހައްޔަރުކުރީ ކޮން ކުށެއްގެ ތުހުމަތުގައިތޯ ފަޒްނާ ސުވާލު އުފެއްދެވި އެވެ. އަދި ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރި ނަމަ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކުރީ ކީއްވެގެންތޯ ވެސް ފަޒްނާ ސުވާލު އުފެއްދެވި އެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން އޭނާ ދޫކޮށްނުލީ ކީއްވެގެންތޯ ވެސް ފަޒްނާ ސުވާލު އުފެއްދެވި އެވެ.
ރައްދުގައި މަޒްލާން ވިދާޅުވީ އަބްދުﷲ ގާޒީ ދޫކޮށްނުލީ ޒިޔާދަކީ އެފަދަ ބާރެއް ލިބިފައިވާ މަގާމެއްގައިހުރި މީހަކަށް ނުވާތީ ކަމަށާއި ޒިޔާދުގެ މަތިން ވެސް ސިފައިންގެ އެތައް އޮފިސަރުންތަކެއް ތިބޭ ކަމަށެވެ.
އެކަމާ ގުޅިގެން ފަޒްނާ ވަނީ ޒިޔާދުގެ މައްޗަށް އެތައް އޮފިސަރުތަކެއް ތިބިއިރު ގާޒީ ހައްޔަރުކުރުމަށް މަޝްވަރާކުރީ ކީއްވެގެންތޯ ސުވާލު އުފައްދަވައިފަ އެވެ. އަދި ތަހުގީގަށް މީހަކު ބަންދުކުރުމާއި ސިފައިން މީހަކު ބަންދުކުރުމާ ތަފާތު ކަމަށް އޭނާ ވިދާޅުވި އެވެ. ދައުލަތުގެ ވަކީލުންގެ ޓީމުގައި ހިމެނޭ އަބްދުﷲ ރާބިއު މިއަދުގެ އަޑުއެހުމުގައި ވިދާޅުވީ ޒިޔާދުގެ މައްޗަށް ދައުވާކުރަނީ އަބްދުﷲ ގާޒީ ބަންދުކުރުމުގެ ދުވަސްތަކެއް ކުރިން ވެސް ޒިޔާދު އެކަމަށް މަޝްވަރާކޮށް އެކަމުގައި ބައިވެރިވެފައިވާތީ ކަމަށެވެ. އަދި ހަމަހަމަކަމުގެ ހައްގުގެ ވާހަކަ ދައްކާއިރު އަބްދުﷲ ގާޒީގެ ހައްގު ކޮބައިތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
"ހަމަހަމަކަމުގެ ހައްގުގެ ވާހަކަ ދައްކަވާއިރު 22 ދުވަސްވަންދެން ގިރިފުށީގައި ގެންގުޅުނު އަބްދުﷲ މުހައްމަދުގެ ދިރިހުރުމުގެ ހައްގު ކޮބައިތޯ، ކޮބައިތޯ އަބްދުﷲ މުހައްމަދުގެ މިނިވަންކަމުގެ ހައްގު،" ރާބިއު ވިދާޅުވި އެވެ.
އިޖްރާއީ ނުކުތާތަކާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ފަސް މިނެޓަށް ޝަރީއަތް މެދުކަނޑާލުމަށްފަހު އަލުން ޝަރީއަތް ފެށުމަށް ފަހު ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އިޖުރާއީ ނުކުތާތަކާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށެވެ. ސަބަބަކީ ދައުވާކުރުމުގައި ޕީޖީ ގެންގުޅުއްވާ އިޖުރާއަތްތަކަށް ބަލާ ދިރާސާކުރަން ބޭނުންވާތީ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ. އަދި އެ އުސޫލުތައް މާދަމާ ކޯޓަށް ހުށަހަޅަން ދައުލަތަށް ބެންޗުން އެންގެވި އެވެ.
ޒިޔާދާއެކު އެކު އެ މައްސަލައިގައި ދައުވާކުރަނީ ކުރީގެ ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލުގެ އިތުރުން ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށެވެ.
އެ މައްސަލައިގައި ދައުވާލިބޭ ބޭފުޅުންގެ ތެރެއިން މިހާތަނަށް ޝަރީއަތް ފެށިފައިވާ ހުރިހާ ބޭފުޅުން ވެސް ވަނީ އެ ދައުވާއަށް އިންކާރުކޮށްފަ އެވެ. އޭގެ ތެރެއިން މިހާތަނަށް ނުފެށި އޮތީ މޫސާ އަލީ ޖަލީލުގެ މައްސަލަ އެކަންޏެވެ. އޭނާ ބޭރަށް ވަޑައިގަތުމުގެ ހުއްދަ ކޯޓުން ވަނީ ދިގު މުއްދަތަކަށް ދީފަ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހު އެވެ.
ކާނަލް ޒިޔާދުގެ މައްޗަށް ދައުވާކުރާ ނަމަ ގާޒީ ހައްޔަރުކުރުމުގައި ބައިވެރިވި ހުރިހާ ސިފައިންގެ މައްޗަށް ދައުވާކުރަންޖެހޭނެ: ވަކީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ