އެމްއެންޕީން ވެސް ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރާނެ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވާދަކުރާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ މަގާމު ފުރުއްވަމުން ގެންދެވި އެމްޑީޕީގެ މެމްބަރު ހުސެއިން ވަހީދު ކެންސަރު ބަލީގައި މިދިޔަ އަންގާރަ ދުވަހު އަވަހާރަވުމުންނެވެ. އޭނާ އަވަހާރަވީ އެ ބަލީގައި ހާލު ސީރިއަސްވެ، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އަންނަ ފެބުރުއަރީ މަހުގެ ފަސް ވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ނިންމައިފަ އެވެ. އެކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 30 ވަނަ ދުވަހެވެ.
އެމްއެންޕީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ, ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެޕާޓީން މެންބަރަކު ކުރިމަތިލުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އެ މަގާމަށް ޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލާފައިވާ ކަމަށާއި އެ ފުރުސަތު ބަންދުވާނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށްވެސް ވިދާޅުވިއެވެ.
މިއީ އެމްއެންޕީ ރަޖިސްޓްރީކުރި ފަހުން އެޕާޓީން ވާދަ ކުރާނެ ފުރަތަމަ އިންތިހާބެވެ.
ކޮމަންޑޫ ދާއިރާގެ މަޖިލިސް ބައި-އިލެކްޝަންގައި ވާދަ ކުރުމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީންވެސް މިހާރު ވަނީ ޕްރައިމަރީއަށް ހުޅުވާލައިފަ އެވެ. އެ ޕާޓީގެ ޕްރައިމަރީ އޮންނާނީ މިމަހު 27ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ