ޕާޓީތަކަށް ލިމިޓެއް ނެތި ފައިސާ ހޯދޭތީ ކަންބޮޑުވުން

ސިޔާސީ ޕާޓީތަކަށް ފައިސާއާއި ތަކެތި ހޯދޭނެ މިންވަރާއި ބާވަތް ލިމިޓްކުރެވިފައިނުވާތީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނެރުނު ރިޕޯޓެއްގައި ކަންބޮޑުވުންފާޅުކޮށްފި އެވެ.
"ސިޔާސީ ޕާޓީތަކުގެ މާލީ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާކުރުން"ގެ ނަމުގައި އޭސީސީން ކުރި ދިރާސާއަކަށްފަހު އާއްމުކޮށްފައިވާ ރިޕޯޓުގައި ޕާޓީތަކަށް ލިބޭ ފައިސާ އާއި އެހީގެ އިތުރުން ހަރަދު ކުރުމުގައި އެކަށީގެންވާ އުސޫލެއްނެތް ކަމުގެ ބޮޑެތި މައްސަލަތައް ވަނީ ފާހަގަކޮށްފައި އެވެ.
އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ހުރި ބައެއް ބާގަނޑުތަކުގެ ސަބަބުން ހަރުދަނާ ގޮތެއްގައި އެކަންކަން ބެލުމުގެ ބާރު ލިބިދީފައިވާ އިލެކްޝަންސް ކޮމިޝަން (އޭސީސީ)އަށް އެފަދަ ކަންކަން ބަލައި، ފިޔަވަޅު އެޅުމަށް ހުރި ހުރަސްތަކަށްވެސް އެ ރިޕޯޓުގައި އަލިއަޅުވާލާފައިވެ އެވެ.
މައިގަނޑު ގޮތެއްގައި 2017 އިން ފެށިގެން 2019 ވަނަ އަހަރާ ދެމެދު ޕާޓީތަކުގެ އިތުރުން އީސީން ލިބެންހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ރިޕޯޓުގައި ބޮޑެތި ހަ މައްސަލައެއް ވަނީ ފާހަގަކޮށްފައި އެވެ.
މިގޮތުން، އެ ރިޕޯޓުގައި ބުނީ ސިޔާސީ ޕާޓީތައް ހިންގުމަށްޓަކައި ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާގެ އިތުރުން، ޕާޓީގެ މެންބަރުންނާއި ހެޔޮ އެދޭ ފަރާތްތަކާއި ވިޔަފާރީގެ މުއާމަލާތްތަކުންނާއި ފައިސާ ހޯދަން ހިންގާ ހަރަކާތްތަކުންނާއި ދަރަނީގެ ގޮތުގައިވެސް ފައިސާ ހޯދޭނެކަމަށް ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އިންތިހާބީ ގާނޫނުގައި ކެނޑިޑޭޓުންނަށް ހަރަދުކުރެވޭނެ އަދަދު ލިމިޓްކޮށްފައިވީނަމަވެސް، އެ ކެނޑިޑޭޓަކު ނިސްބަތްވާ ސިޔާސީ ޕާޓީއެއް މެދުވެރިކޮށް އިތުރަށް ހަރަދުކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވޭ
އޭސީސީގެ "ސިޔާސީ ޕާޓީތަކުގެ މާލީ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާކުރުން" ރިޕޯޓު
އަދި، ބިދޭސީ ސަރުކާރުތަކާއި، ޖަމާއަތްތަކާއި އިދާރާތަކާއި އެނޫންވެސް ފަރާތްތަކުން ދޭ ފައިސާއާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ނަންހާމަކުރަން ބޭނުންނުވާ ފަރާތްތަކުން ދޭ ފައިސާއާއި އެހީ ގަބޫލުކުރުމުގެ ކުރިން އީސީގެ ހުއްދަ ލިޔުމުން ހޯދަން ވާނެކަމަށްވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވާކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން، ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާގެ ގޮތުގައި، ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުގެ 1.0-2.0 ޕަސަންޓާ ދެމެދުގެ އަދަދެއް ސިޔާސީ ޕާޓީތަކަށް ދިނުމުގެ އިތުރުން، ވިހިހާސް މެންބަރުން ހަމަވާ އިދާރީ އޮފީހާއި ޕާޓީގެ ހަރަކާތްތައް ހިންގުމަށް 1000 އަކަފޫޓުގެ އިމާރާތެއް ހަމަޖައްސައިދިނުމަށް ސަރުކާރަށް އެ ގާނޫން ލާޒިމްކޮށްފައިވާ ކަމަށެވެ.
"އެހެންނަމަވެސް، އުލަތުގެ ބަޖެޓު ފިޔަވައި ޕާޓީއަށް ފައިސާއާއި އެހީ ހޯދޭނެކަމަށް ކަނޑައަޅާފައިވާ އެހެނިހެން ފަރާތްތަކުގެ ކިބައިން ހޯދޭނެ ފައިސާއާ އެހީގެ މިންވަރާއި ބާވަތް ފަދަ ކަންކަން އެ ގާނޫނުގައި ކަނޑައެޅި ބަޔާންކުރެވިފައި ނެތްކަން ފާހަގަކުރެވޭ،" އެ ރިޕޯޓުގައި ބުންޏެވެ.
އިތުރަށް ބުނީ ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފަށް، އިންތިހާބާ ބެހޭ އާންމު ގާނޫނުގައި ކެނޑިޑޭޓަކަށް ހަރަދުކުރެ ވޭނެ މިންވަރެއްގެ ގޮތުގައި ދާއިރާގެ ވޯޓްލުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް ދެހާސް ރުފިޔާގެ މަގުން ހިސާބުކުރުމުން ނުކުންނަ އަދަދު ކަނޑައަޅާފައިވާކަން ފާހަގަކޮށްފައިވެ އެވެ.
މިފަދަ ކަންކަން ސިޔާސީ ޕާޓީގެ ގާނޫނީ އޮނިގަނޑުގައި ކަނޑައެޅިފައިނެތުމުން ޕާޓީތަކަށް ލިމިޓެއް ނުވަތަ ހުދޫދެއް ނެތި ފައިސާ ހޯދުމުގެ ފުރުސަތު ފަހިވެފައިވުމަކީ ޕާޓީތަކުގެ މެދުގައި ވާދަވެރިކަން ކުޑަވެ ރިޝްވަތާއި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ފައިސާއާއި އެހީ ހޯދުމަށް ހުޅުވިފައިވާ ފުރުސަތެއްކަމަށް އެސީސީން ބުނެފައިވެ އެވެ.
"އެހެންކަމުން، އިންތިހާބީ ގާނޫނުގައި ކެނޑިޑޭޓުންނަށް ހަރަދުކުރެވޭނެ އަދަދު ލިމިޓްކޮށްފައިވީނަމަވެސް، އެ ކެނޑިޑޭޓަކު ނިސްބަތްވާ ސިޔާސީ ޕާޓީއެއް މެދުވެރިކޮށް އިތުރަށް ހަރަދުކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވޭ،" ރިޕޯޓުގައި ބުންޏެވެ.
އެ މައްސަލަތައް ހައްލުކުރަން ކޮމިޝަނުން ވަނީ އެ ރިޕޯޓުގައި ބައެއް ހުށަހެޅުންތަކެއް ހުށަހަޅައިފަ އެވެ.
މިގޮތުން އެންމެ މުހިއްމުކަމެއްގެ ގޮތުގައި އިސްލާހުކުރަން ހުށަހަޅާފައިވަނީ، ޕާޓީގެ މެންބަރުންނާއި، ހެޔޮ އެދޭ ފަރާތްތަކުންނާއި ވިޔަފާރީގެ މުއާމަލާތްތަކުންނާއި ދަރަނީގެ ގޮތުގައި ސިޔާސީ ޕާޓީތަކަށް ފައިސާއާއި އެހީ ދެވޭނެ އެންމެ މަތީ މިންވަރެއް ކަނޑައަޅައި ގާނޫނުގައި ބަޔާންކުރުމަށެވެ.
އަދި ބިދޭސީ ފަރާތްތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ނަންހާމަކުރަން ބޭނުންނުވާ ފަރާތަކުން ޕާޓީތަކަށް ގިނަވެގެންދެވޭނެ ފައިސާ ނުވަތަ އެހީގެ މިންވަރެއް ކަނޑައަޅައި ބަޔާންކުރުމަށް އޭސީސީން ވަނީ ހުށަހަޅައިފަ އެވެ.
މީގެ އިތުރުން، ކާކުކަންނޭނގޭ ފަރާތްތަކާއި، ދައުލަތުގެ އަދި ދައުލަތް ހިއްސާވާ ކުންފުނިތަކާއި ބިދޭސީ ފަރާތްތަކުން ސިޔާސީ ޕާޓީތަކަށް ފައިސާއާއި
އެހީ ނުހޯދޭނެ ކަމަށް ސީދާ ސަރީހަ އިބާރާތުން ގާނޫނުގައި ކަނޑައެޅުމަށް އެ ރިޕޯޓުގައި ގޮވާލާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ