149 ކިލޯގެ ޑްރަގު މައްސަލަ އިސްތިއުނާފު ނުކުރުމުން ދައްކައިދެނީ ގާނޫނުތަކުގެ ބާރު ކެނޑިފައިވާ މިންވަރު: އުމަރު

ގދ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ހުޅުވާރުލުގައި ވަޅުލާފައި ހުއްޓައި ފެނުނު 149 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ދައުވާކުރި ފަސް މީހުންގެ މައްސަލަ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލުމާ ގުޅިގެން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިސްތިއުނާފު ނުކުރަން ނިންމުމުން ދައްކުވައިދެނީ ގާނޫނުތަކުގެ ބާރު ކެނޑިފައިވާ މިންވަރު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޕީޖީން މިއަދު ބުނީ ހުޅުވާރުލުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ދަށު ކޯޓުގެ ނިންމުން އިސްތިނާފު ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމުމާ ގުޅިގެން އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
އެކަމަށް ފާޑުވިދާޅުވެ އުމަރު ނަސީރު ވަނީ ފޭސްބުކްގައި ޕޯސްޓެއް ކުރައްވައިފައެވެ. އޭނާ ވިދާޅުވީ މި މައްސަލައިން މި ދައްކުވައިދެނީ މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުންގެ މޫތައް ދައުލަތުގެ ތެރެއަށް ފައިބައިފައިވާ ފުންމިން ކަމަށެވެ. އަދި އޭގެ ސަބަބުން ގާނޫނުތަކުގެ ބާރު ކެނޑިފައިވާ މިންވަރު ކަމަށެވެ.
"މި މޫތައް ކަނޑާލައި، މި ދައުލަތް ސަލާމަތް ކުރެވޭނީ ގައުމަށް އިހުލާސްތެރި، ހަރުދަނާ، އަޒުމް ވަރުގަދަ ވެރިކަމެއް ގާއިމުކުރެވިގެން. އިރާދަކުރެއްވިއްޔާ އެ ދުވަސް ދިވެހިން ދެކޭނެ. މަސްތުވާ އެއްޗެހީގެ ނުރައްކަލުން އާއިލާތައް ސަލާމަތް ކުރެވިފައިވާ މުޖުތަމައެއް ދިވެހިން ދެކޭނެ،" އުމަރު ވިދާޅުވިއެވެ.
އޭޕްރިލް 2019 ގައި ފެނުނު އެ މަސްތުވާތަކެތީގެ މައްސަލައިގައި ފަސް މީހަކު ހައްޔަރުކުރިއެވެ. އެއީ ގއ. ކޮނޑޭ/ ގަހާކޯޅި، އަހުމަދު އަނީލް (34)، ގދ. ގައްދޫ/ އެދުރުގެ، އަހުމަދު ހާމީމު (42)، ގއ. ކޮނޑޭ/ ރޮމޭންސް ޝަފީޒް މުހައްމަދު (35)، ގއ. ނިލަންދޫ/ ދިހްޝާންވިލާ އަލީ ޝާކިރު (30) އަދި ގދ. ގައްދޫ/ އެދުރުގެ ޔާމިހް ހާލިދު (23)އެވެ.
މި މީހުންގެ މައްޗަށް ދައުވާކުރީ އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެގޮތުން ހަތަރު މީހަކަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އަދި އެކެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލިއެވެ.
އެ މައްސަލަތައް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން އެންމެ ފުރަތަމަ ހުށަހެޅީ ކުރިމިނަލް ކޯޓަށެވެ. ނަމަވެސް އެ މައްސަލައަކީ އެ ކޯޓަށް ބެލުމުގެ އިހްތިސޯސް ނެތް އަދި ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބަލަން ޖެހޭނެ މައްސަލައެއް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލިއެވެ. ކްރިމިނަލް ކޯޓުން މައްސަލަ ބޭރު ކޮށްލުމުން ޕީޖީން ދެން މައްސަލަ ހުށަހެޅީ ގައްދޫ ކޯޓަށެވެ. ނަމަވެސް އެ ކޯޓުން ވެސް ވަނީ މައްސަލަ ބޭރުކޮށްލައިފައެވެ.
އެނގިފައިވާ ގޮތުގައި، އެ މައްސަލަ ބޭރުކޮށްލީ ދައުވާ ކުރަން ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވި ފަހުން މައްސަލަ ހުށަހަޅާފައިވާތީ ކަމަށް ބުނެއެވެ. އަދި ދައުވާ ކުރީ ކޯޓު އަމުރެއް ނެތި ދެ ގެއަކަށް ވަދެ މީހުން ހައްޔަރުކޮށް، އެ ހައްޔަރުގައި ބަހައްޓައިގެން ގާނޫނާ ހިލާފަށް ހޯދާފައިވާ ހެކީގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ.
ހުޅުވާރުލުން ފެނުނު ހެރޮއިން އާއި ކެނަބިސްގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރައެވެ.
އެ މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ. މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، އެ މައްސަލައިގައި ވެފައިވާ އިހުމާލުތައް ބެލުމަށް މަޖިލީހަށް އިއްޔެ ހުށަހަޅުއްވާފައިވާ ކަމަށެވެ.
އެ ދައުވާތައް ބޭރުކޮށްލާފައިވާ އިރު، އެ މައްސަލައިގައި ގައްދޫ ކޯޓުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ހަތަރު މީހުންވެސް އިއްޔެ ވަނީ ބަންދުން ދޫކޮށްލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ