ގާނޫނުއަސާސީގެ ދިފާއުގައި ފަށާފައިވާ މަސައްކަތް ކިތަންމެ ބިރެއް ދެއްކި ނަމަވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީއާއި އެމްޑީޕީ ގުޅިގެން ގާނޫނުއަސާސީގެ ދިފާއުގައި ފަށާފައިވާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ސިލްސިލާ ޖަލްސާތަކުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، މިއަދު އަނިޔާވެރިކަން މިގައުމުގައި ޖާގަ ނެތްކަމަށާއި، މިއަދު ޖާގަ އޮތީ ނިޔާއާއި އިންސާފަށް ކަމަށެވެ.
މީގެ އިތުރުން ގާސިމު އިބްރާހިމު ވިދާޅުވީ، ގާނޫނުއަސާސީގެ ދިފާއުގައި ފަށާފައިވާ މަސައްކަތަކީ ބަޔަކު ދައްކާ ބިރަކަށް ދޭ އިންޒާރަކަށް ފަހަތަށް ޖެހި ހުއްޓާލަން ފަށާފައިވާ މަސައްކަތެއް ނޫންކަމަށާއި، ޖުމްހޫރީ ޕާޓީއާއި އެމްޑީޕީ ނިކުމެފައިވަނީ އަނިޔާވެރިކަމާއި ގާނޫނުއަސާސީއާއި ދެކޮޅަށް ކުރަމުންދާ ކަންކަން ހުއްޓުވުމަށް ކަމަށެވެ.
އަދި ވިދާޅުވީ، ދިވެހި ރައްޔިތުން މިއަދު ތިބީ ވަކި އާއިލާއެއްގެ ވެރިކަން ދިފާއުކޮށްދިނުމަށް ނޫން ކަމަށާއި، އާއިލީ ވެރިކަމެއް ދިވެހިން މިއަދު ބޭނުން ނުވާކަމަށެވެ.
މީގެ އިތުރުން ރައްޔިތުން މިއަދު ބޭނުންވަނީ ރައްޔިތުންގެ ހައްގުތަކަށް ބޯލަނބާ ގާނޫނީ އިމުގެ ތެރޭގައި ކަންކަން ކުރާ ރައްޔިތުންގެ ސަރުކާރެއް ގާއިމުކުރުމަށްކަމަށް ވެސް ގާސިމު އިބްރާހިމް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، ކިތަންމެ ހަރު އަޑުން ވަކި ގޮތަކަށް އަމަލުކުރާނެކަމަށް ބަޔަކު ބުނަމުން ދިޔަ ނަމަވެސް އެގޮތަށް ކަންކަން ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ޖުމްހޫރީ ޕާޓީއަށް ފޮނުވާފައިވާ ސިޓީއާއި ގުޅޭ ގޮތުން ގާސިމު އިބްރާހިމު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ ގޮތުގައި މިހާރު ހުންނެވި އަހްމަދު ސުލައިމާނަށް ޖުމްހޫރީ ޕާޓީގައި ތިއްބެވި ބޭފުޅުންގެ ފެންވަރު އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށާއި، އެގޮތަށް ދެވޭ އިންޒާރަކަށް ޖުމްހޫރީ ޕާޓީ ބޯނުލަނބާނެކަމަށެވެ.
އަދި ވިދާޅުވީ، ޖުމްހޫރީ ޕާޓީން ކުރާ ކޮންމެ ކަމެއް ކުރަމުންދަނީ ގާނޫނީ އިމުގެ ތެރެއިންކަމަށާއި، ދައްކާ ވާހަކަތައް ދައްކަނީ ވެސް ގާނޫނީ ހުދޫދުގެ ތެރެއިންކަމަށެވެ. ޖުމްހޫރީ ޕާޓީގެ މެމްބަރުންނަކީ ރައްޔިތުންގެ ޚާދިމުންކަމަށާއި، ރައްޔިތުންނަށް ގިލަންވެރިކަމެއްގެ ގޮތުގައި ދެކޭ ކޮންމެ ކަމެއް ހައްލުކުރުމަށް ޖުމްހޫރީ ޕާޓީން ފަސް ޖެހުމެއް ނެތި ނިކުންނާނެކަމަށް ވެސް ގާސިމު އިބްރާހިމު ވިދާޅުވި އެވެ.
ގާސިމު އިބްރާހިމު ވިދާޅުވީ، ވަކި ބޭފުޅަކު އެންގުމުން ބިރުން ސިޓީ ފޮނުވާއިރު، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކުރެއްވުން ރަނގަޅުވާނެކަމަށާއި، ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ރައްޔިތުންނަށް ދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި މެދު ވިސްނަން ޖެހޭކަމަށެެވެ.
ގާނޫނުއަސާސީގެ ދިފާއުގައި ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ