ފުލުހުންނަށް ރިޔާޒް ހުށަހެޅުއްވި ހުށަހެޅުން: "ފުރިހަމަ މުސާރައާ އެކު ވަޒީފާ އަނބުރާ ދީ ނުވަތަ ރިޓަޔާ ކުރާ އުމުރާ ހަމައަށް ދޭންޖެހޭ ފައިސާ ދީ"

ފުލުހުންގެ ވަޒީފާ އިން ކުރީގެ ޑިޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވަކި ކުރައްވާފައި ވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ބުނެ އޭނާ ކުރައްވާ ދައުވާގެ ޝަރީއަތުގައި، ފުރިހަމަ މުސާރަ އާއި އިނާޔަތްތަކާ އެކު ވަޒީފާ އަނބުރާ ދިނުމަށް ނުވަތަ ރިޓަޔާ ކުރާ އުމުރާ ހަމައަށް ދޭން ޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ރިޔާޒް މިއަދު ހުށަހަޅުއްވައިފި އެވެ.
ފުލުހުންގެ ކުރީގެ ތިން ވަނަ އަށް އެންމެ އިސް ވެރިޔާ މިއަދު ފުލުހުންނާ ދެކޮޅަށް ކުރެއްވި ދައުވާ އިއްވަވަމުން އޭނާގެ ގާނޫނީ ވަކީލާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ޖެނުއަރީ 26، 2010 ގައި ރިޔާޒް ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައި ވަނީ ފުލުހުންގެ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށެވެ. އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ޖިނާއީ ކުށެއްގެ ތުހުމަތު ބޮލުގައި އަޅުވާފައި ކަމަށާއި ނަމަވެސް އެ މައްސަލަ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވެސް ނިންމާފައިވާ ކަމަށް ކުރީގެ ބަންޑާރަ ނައިބު ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ ރިޔާޒް ވަޒީފާ އިން ވަކިކޮށްފައި ވަނީ އޭނާގެ ހިއްސާ ކުރިން އޮތް ކުންފުންޏަކުން ފިއުލް ސަޕްލައިސް މޯލްޑިވްސްއަށް ދޫކޮށްފައިވާ ޗެކެއް ބައުންސްވުމުން އެ މައްސަލައިގައި ކަމަށެވެ. އެކަމަކު އެއީ މާ ކުރީގެ ކަމެއް ކަމަށާއި އެ ޗެކު ބައުންސްވިއިރު ރިޔާޒަކީ އެ ކުންފުނީގެ ހިއްސާ އޮންނަ މީހެއް ނޫން ކަމަށް އާޒިމާ ވިދާޅުވި އެވެ. އަދި އެކަން ފުލުހުންނަށް ވެސް އެނގޭނެ ކަމަށާއި ރިޔާޒް ވަޒީފާ އިން ވަކި ކުރީ ޗެކު ބައުންސްވި މައްސަލައިގެ ޒިންމާ އެ ކުންފުނިން ނަގަން ތައްޔާރަށް ހުއްޓަ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.
ރިޔާޒްގެ ފަރާތުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގިނަ ކަންތައްތަކަށް އެދިވަޑައިގަތެވެ. އެގޮތުން ރިޔާޒް ފުލުސް އޮފީހުގައި ކުރިން ހުންނެވި މަގާމު ކަމަށްވާ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ފުރިހަމަ މުސާރަ އާއި އިނާޔަތްތަކާ އެކު ރުޖޫއަކޮށްދިނުން ނުވަތަ ފުލުހުން ރިޓަޔާ ކުރާ އުމުރު ކަމަށްވާ 60 އަހަރާ ހަމައަށް ދޭން ޖެހޭ ފުރިހަމަ މުސާރަ އާއި އެލަވަންސްތައް މުސާރައިގެ އިންކްރީމަންޓާ އެކު ދިނުން ހިމެނެ އެވެ. އަދި ގާނޫނީ ވަކީލެއް އައްޔަން ކުރުމަށް ހަރަދުވި 25،000ރ. އާއި ނަމާއި އަބުރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ވެސް ރިޔާޒްގެ ފަރާތުން އެދިވަޑައިގަތެވެ.
ދައުވާއަށް ޖަވާބު ދެއްވުމަށް ބަންޑާރަ ނައިބު އޮފީހަށް ފުރުސަތު ދެއްވުމުން ވަކީލާ އައިޝަތު ސީޒާ ވިދާޅުވީ މައްސަލައިގެ ބާވަތުން މި މައްސަލައިގައި ހިމެނޭ ލިޔެކިޔުންތައް އިތުރަށް ދިރާސާ ކުރެއްވުމަށް ފުރުސަތެއް ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އަދި ޝަރީއަތުން އާންމުކޮށް ދޭ 10 ދުވަހުގެ ފުރުސަތެއް ރަނގަޅުވާނެ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.
މައްސަލަ ބައްލަވާ ގާޒީ އަބްދުﷲ ޖަމީލް މޫސާ މިއަދުގެ އަޑުއެހުން ނިންމާލެއްވީ ބަންޑާރަ ނައިބުގެ އޮފީހަށް އެ ފުރުސަތު ދެއްވުމަށް ފަހު އެވެ. އެކަމަކު މި މައްސަލައިގެ ލިޔެކިޔުންތައް ބަންޑާރަ ނައިބުގެ އޮފީހަށް ޖެނުއަރީ 28 ގައި ދީފައިވާނެކަން ގާޒީ ފާހަގަ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ