ޖުމްހޫރީ ޕާޓީގެ ލީޑަރު ގާަސިމް އިބްރާހީމް ޖަލުން މިނިވަންވުމަކީ ލިބިވަޑައިގެންނެވި ހިތްވަރެއް ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ޖަލު ބަންދުގައި 19 ދުވަހު ބެހެއްޓުމަށްފަހު ކްރިމިނަލް ކޯޓުން އިއްޔެގެ ވަގުތެއްގައި ގާސިމް މިނިވަންކުރުމުންނެވެ.
ކްރިމިނަލް ކޯޓުން ގާސިމް އިބްރާހީމް މިނިވަންކުރި ނަމަވެސް އެމަނިކުފާނަށް ސިޔާސީ ހަރަކާތްތައް ހިންގަން ދަތިވާ ގޮތަށް ބޮޑެތި ޝަރުތުތަކެއް ކޮށްފައިވެ އެވެ.
ކޯޓުން ކުރިމަތިކުރި ޝަރުތުތަކަކާއެކު ގާސިމް މިނިވަންކުރުމާއެކު ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޝަރުތުތަކަކާއެކު ނަަމވެސް ގާސިމް އިބްރާހީމް ޖަލުގެ ކުޑަ ގޮޅިން ސަލާމަތްވާ ގޮތް ވުމަކީ ލިބުނު އުފަލެއް އަދި ހިތްވަރެއް ކަމަށެވެ.
ގާސިމް އިއްޔެ މިނިވަންކުރިއިރު ކްރިމިނަލް ކޯޓުން ކޮށްފައިވާ ޝަރުތުތައް:
* ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދެއްވުން
* ފުލުހުންގެ ހުއްދަ ލިބުމުން ނޫނީ ރާއްޖެއިން ބޭރަށް ވަޑައިނުގަތުން
* މުޖުތަމައުގެ ތެރޭގައި ފިތުނަ ފަސާދައާ ހަމަނުޖެހުން އުފެދޭ ވާހަކަތައް ނުދެއްކެވުން
* ހެކި ގެއްލިދާ ފަދަ އެއްވެސް ކަމެއް ނުކުރުމާއި ހެއްކަށް ނުފޫޒު ފޯރުވުމަށް އެއްވެސް ކަމެއް ނުކުރެއްވުން
* މުޖުތަމައުގެ ތެރޭގައި ފިތުނަ ފަސާދަ އުފެދޭ ވާހަކަތައް ދައްކާ މީހުންނާ އެކު ބައްދަލުވުންތައް ނުބޭއްވެވުން
* ފިތުނަ އުފެދޭ ވާހަކަތައް ދެއްކުމަށް ގާސިމްގެ ގޯތިގެދޮރު ބޭނުން ނުކުރެއްވުމާއި އެފަދަ ކަންކަމަށް ތަންތަން ދޫ ނުކުރެއްވުން
* ދައުލަތުގެ ތިން ބާރުގެ ވެރިންނާ ބެހޭގޮތުން ނުތަނަވަސްކަން އުފެދޭ ވާހަކަތައް ނުދެއްކެވުން.
ގާސިމް ދޫކޮށްލުމަކީ ލިބުނު ހިތްވަރެއް: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ