ޔުއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި 7-2 ގެ ތަފާތުބޮޑު ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް ބާސެލޯނާ އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ނިއުކާސަލްގެ ދަނޑުގައި މިދެޓީމު ކުޅުނު ފުރަތަމަ ލެގުގެ މެޗު ވާދަވެރި ކުޅުމަކަށްފަހު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ބާސެލޯނާ އިން ކުއާޓާ ފައިނަލް ޔަގީންކުރީ 8-3 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
ބާސެލޯނާގެ ކޭމްނޯގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު. ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ބާސެލޯނާ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ބާސެލޯނާގެ ރޮބަޓް ލެވޮންޑަސްކީ އަދި ރަފީނިއާ މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ލަމީން ޔަމާލް، މާކް ބެރްނާލް އަދި ފާމިން ލޮޕޭޒް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގައި ނިއުކާސަލްގެ ދެލަނޑު ވެސް ކާމިޔާބުކުރީ އެޓީމުގެ އެންތަނީ އެލަންގާ އެވެ.
މީގެ އިތުރުން މިމެޗުގައި ލެވޮންޑަސްކީ ކާމިޔާބުކުރި ދެލަނޑާއެކު ޔޫރަޕްގެ އެންމެ ޝަރަފްވެރި ކުލަބު ފުޓްބޯޅަ މުބާރާތުގައި އޭނާ ކާމިޔާބުކުރި ލަނޑުގެ އަދަދު 109 އަށް އެރިއިރު، ނިއުކާސަލް އަކީ މިމުބާރާތުގައި އެކުލަބަކާއި ދެކޮޅަށް ލެވަންޑޮސްކީ ލަނޑުޖެހި 41 ވަނަ ކުލަބެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި ބާސެލޯނާ އިން ނުކުންނާނީ ވާދަވެރި އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށެވެ. އެތްލެޓިކޯ ކުއާޓާ ފައިނަލުން ޖާގަހޯދީ ރައުންޑް އޮފް 16 ގައި 7-5 ގެ އެގްރިގޭޓް ނަތީޖާއަކުން ޓޮޓެންހަމް ބަލިކުރުމަށްފަހު އެވެ.
ތަފާތުބޮޑު ނަތީޖާއަކުން ނިއުކާސަލް ބަލިކޮށް ބާސެލޯނާ އިން ކުއާޓާ ފައިނަލް ޔަގީންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ