މެންޗެސްޓާ (ފެބްރުއަރީ 12) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 3-0 އިން ފުލަމް ބަލިކޮށް މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ ދެމެދު ޕޮއިންޓުގެ ފަރަގު ކުޑަކުރިއިރު، ސަންޑަލެންޑް އަތުން 1-0 އިން ލިވަޕޫލުން މުހިންމު މޮޅެއް ހޯދައިފި އެެވެ.
ރޭގެ ނަތީޖާތަކާ އެކު، ލީގުގެ އެއް ވަަނައިގައި އޮތް އާސެނަލާއި ސިޓީގެ ދެމެދުގައި އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ. އާސެނަލަށް 25 މެޗުން 56 ޕޮއިންޓް ލިބުނުއިރު، ސިޓީން ދެ ވަނައިގައި އޮތީ 26 މެޗުން 53 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް އެސްޓަން ވިލާ އިން ރޭ 1-0 އިން ބްރައިޓަން ބަލިކުރިއިރު، 26 މެޗުން 50 ޕޮއިންޓް ވަނީ ލިބިފަ އެވެ.
ސިޓީ އަށް ރޭގެ މެޗުގައި ވެސް ތަފާތަކީ، މިދިޔަ މަހުގެ ޓްރާންސްފާގައި އެ ޓީމުން ގެނައި، ގާނާގެ ފޯވާޑް، އެންޓޮއިން ސެމެންޔޯ އެވެ. އޭނާ ވަނީ ލަނޑު ޖެހުމުގެ އިތުރުން، ނިކޯ އޯރައިލީ ޖެހި ގޯލަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ސިޓީން ތިން ގޯލު ވެސް މި މެޗުގެ ފުރަތަމަ ހާފުގައި ޖެހިއިރު، އަނެއް ލަނޑު ޖެހީ އާލިން ބްރައުޓް ހާލަންޑް އެެވެ.
އަލަށް ޕްރޮމޯޓްވި ސަންޑަލެންޑުން މި ފަހަރު ލީގުގައި ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ބަލިވީ ރޭގެ މެޗުން ލިވަޕޫލް އަތުންނެވެ. ލިވަޕޫލްގެ ފްލޯރިއަން ވާޓްޒް ފުރަތަމަ ހާފުގައި ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ ދެ ވަނަ ހާފުގައި ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ވާޖިލް ވެން ޑައިކް އެވެ. މިއީ، މުހައްމަދު ސަލާހު ނެގި ކޯނަރަކުން ވެން ޑައިކް ބޮލުން ޖެހި ގޯލެކެވެ.
މި މޮޅާ އެކު، ލިވަޕޫލުން ގަދަ ފަހެއްގެ ތެރޭގައި ހިމެނި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ އުންމީދު ވަނީ ދަމަހައްޓައިފަ އެވެ. ލީގުގެ ހަތަރެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 26 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ޗެލްސީ އަށް 26 މެޗުން 44 ޕޮއިންޓް އަދި، ހައެއްގައި އޮތް ލިވަޕޫލަށް ވަނީ 26 މެޗުން 42 ޕޮއިންޓް ލިބިފަ އެވެ.
ސިޓީން އާސެނަލާ ގާތަށް، ލިވަޕޫލަށް މުހިންމު މޮޅެއް ސިޓީން އާސެނަލާ ގާތަށް، ލިވަޕޫލަށް މުހިންމު މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ