ދެކުނު ލުބްނާނުގައި، ޔަހޫދީން ނިރުބަވެރި ސިފައިންގެ ޔުނީފޯމު ލައިގެން، ބަޑިން ޙަމަލާދިން ޔަހޫދީ ފުޓުބޯޅަ ކުޅުންތެރިއެއްގެ މައްސަލަ ބަލަން ގޮވާލައި އަޑުތައް ގަދަވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި ވެސް މިހާރު އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މެނާޝް ޒަލްކާ ނަމަކަށް ކިޔާ އެ ކުޅުންތެރިޔާ ވަނީ ޔަހޫދީންގެ ސިފައިންގެ ޔުނިފޯމެއް ލައިގެން ބަޑިން ޙަމަލާ ދިނުމުގެ އިތުރުން ގްރެނޭޑެއްވެސް އެއްލައިފައެވެ.
އަލްޖަޒީރާ ނޫހުން ބުނީ، ޔަހޫދީ ލީގުގައި ކުޅޭ ޒަލްކާ އެ ޙަމަލާ ދީފައިވަނީ، ދެކުނު ލުބްނާނުގައި ޔަހޫދީންގެ ފައުޖުން ހިންގި ނިރުބަވެރި ޢުދުވާނުގައި ބައިވެރިވެގެން ކަމަށެވެ.
މިގޮތުން، އޭނާ ވަނީ ޔަހޫދީންގެ ސިފައިންގެ މީހަކާ ބައިވެރިވެގެން، ދެކުނު ލުބްނާނުގައި ހުރި މީހުން ދިރިއުޅޭ އިމާރާތަކަށް ޙަމަލާތައް އަމާޒުކޮށްފައެވެ.
އެއާ އެކު، ޒަލަކާއަށް ފިޔަވަޅު އަޅައި، ޔަހޫދީންގެ ފުޓުބޯޅަ އެސޯސިއޭޝަން ސަސްޕެންޑުކުރުމަށް ވެސް ގިނަ ބަޔަކު ދަނީ ދުނިޔޭގެ ފުޓުބޯޅާއިގެ މައި އިދާރާ، ފީފާއަށް ގޮވާލަމުންނެވެ.
ޔަހޫދީންގެ ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ ތަފާތުކުރުން ގެންގުޅުނު މައްސަލައެއްގައި ޖޫރިމަނާކޮށްފައެވެ. ނަމަވެސް، އެ ފަހަރު ވެސް ފީފާއިން ޔަހޫދީން ސަސްޕެންޑުކޮށްފައެއްނުވެއެވެ.
އެއާއެކު، އެ ފަހަރުވެސް ފީފާއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ.
ޒަލްކާ ހިންގި މި ޢަމަލާ ގުޅޭގޮތުން ފީފާއިން އަދި ވަކި އެއްޗެއް ނުބުނެއެވެ.
ޔަހޫދިންގެ ނިރުބަވެރި ފައުޖުން ލުބްނާނާ ދެކޮޅަށް ނިރުބަވެރި ޢުދުވާނެއް ފަށާފައިވަނީ، އެމެރިކާ އާ ގުޅިގެން އީރާނަށް ޙަމަލާދިނުމާ ދެކޮޅަށް ލުބްނާނުގައި ޙަރަކާތްތެރިވާ މުޖާހިދުން ޖަމާޢަތް، ޙިޒްބުﷲއިން ޔަހޫދީންނަށް ޙަމަލާދޭން ފެށުމާ ގުޅިގެންނެވެ.
ޔަހޫދީ ފައުޖުގައި ހިމެނޭ ފުޓުބޯޅަ ކުޅުންތެރިއެއްގެ މައްސަލަ ބަލަން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ