އެމަޒަން އަދި އަލީއެކްސްޕްރެސް ފަދަ ބައެއް ވެބްސައިޓުތަކުގައި ބީއެމްއެލްގެ ކާޑު ބޭނުން ނުކުރެވޭ ކަމުގެ ޝަކުވާ ބޮޑުވެއްޖެ އެމަޒަން އަދި އަލީއެކްސްޕްރެސް ފަދަ ބައެއް ވެބްސައިޓުތަކުގައި ބީއެމްއެލްގެ ކާޑު ބޭނުން ނުކުރެވޭ ކަމުގެ ޝަކުވާ ބޮޑުވެއްޖެ

ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ކާޑުތައް ބޭނުންކޮށްގެން އެމަޒަން އަދި އަލީއެކްސްޕްރެސް ފަދަ ބޭރުގެ ބައެއް އީކޮމާސް ވެބްސައިޓުތަކުން ވިޔަފާރި ނުކުރެވޭ ކަމަށް ވަރަށް ގިނަ ބަޔަކު ބުނަން ފަށައިފި އެވެ.
އެމަޒަން އާއި އަލީއެކްސްޕްރެސްގެ އިތުރުން ޕްލޭސްޓޭޝަން ސްޓޯރުގައި ވެސް ބީއެމްއެލްގެ ކާޑުތަކުން ވިޔަފާރި ނުކުރެވޭ ކަމަށް ބައެއް މީހުން ބުނެފައި އެބަހުއްޓެވެ.
ސޯޝަލް މީޑިއާ ޝަހުސިއްޔަތު އަދި ވިސްލްބޯވަރު ހަސަން ކުރުސީ އާއި އެކްސްގައި ހިޔާލުފާޅުކުރި ބައެއް އެހެން މީހުން ބުނެފައި ވަނީ ބީއެމްއެލް އިން ބައެއް ވެބްސައިޓުތަކުގައި ކާޑު ބޭނުން ނުކުރެވޭ ގޮތަށް ބްލޮކް ކުރަނީ ކަމަށެވެ.
އެކަމަކު، މިދިޔަ އަންގާރަ ދުވަހު މި ނޫހާ ވާހަކަ ދެއްކި ބޭންކުގެ ތަރުޖަމާނަކު ބުނީ، ބީއެމްއެލް އިން އެއްވެސް އީކޮމާސް ވެބްސައިޓެއް ބްލޮކްކޮށްފައިނުވާނެ ކަމަށެވެ.
ބައެއް ވެބްސައިޓުތަކުގައި ބީއެމްއެލްގެ ކާޑު ބޭނުން ނުކުރެވޭ ކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު ޖޫން، 2025، ގައި ބޭންކުން ވަނީ ދިވެހިން އެންމެ ގިނައިން ވިޔަފާރި ކުރާ ހަ ވެބްސައިޓަކުން ކުރާ ކޮންމެ ވިޔަފާރިއަކަށް 30 ޕަސެންޓުގެ ބޮޑު ފީއެއް ނަގަން ނިންމައިފަ އެވެ.
ފީ ނަގާނީ ޑެބިޓް ކާޑުން ކުރާ މުއާމަލާތްތަކުންނެވެ. ފީ ނަގަނީ ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން ކުރާ ވިޔަފާރިތަކުންނެވެ. އޭގެ ތެރެއިން އީބޭ ފިޔަވައި ދެން ހުރި ވެބްސައިޓުތަކަކީ ޗައިނާ ވެބްސައިޓުތަކެވެ.
ބީއެމްއެލް އިން އެއިރު ބުނީ ބޭރުގެ ޓްރާންސެކްޝަންތަކަށް މަހަކު 45 މިލިއަން ޑޮލަރު ދިވެހިން ހޭދަ ކުރާ ކަމަށެވެ. އޭގެ ތެރެއިން 75 ޕަސެންޓަކީ ފިޔަވަޅު އެޅި ވެބްސައިޓުތަކުން ކުރާ ވިޔަފާރި ކަމަށް ބޭންކުން ބުނެ އެވެ. ޓީމޫ އިން އެކަނި ވެސް މަހަކު ހަތް މިލިއަން ޑޮލަރުގެ ވިޔަފާރި ދިވެހިން ކުރާ ކަމަށް ބޭންކުން ބުނެ އެވެ.
ބީއެމްއެލްގެ ހިސާބުތަކަށް ބަލާއިރު ފީ ނަގަން ފެށުމުން އެ ބޭންކަށް މަހެއްގެ މައްޗަށް 13.5 މިލިއަން ޑޮލަރަށްވާ ވަރަށް ފައިސާ ފީގެ ގޮތުގައި ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ