ދެ ކުއްޖެއްގެ ބޯންމެރޯ ކާމިޔާބު: މިނިސްޓަރު

ދައުލަތުގެ ޚަރަދުގައި ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ދިޔަ ކުދީންގެ ތެރެއިން ދެ ކުއްޖެއްގެ އޮޕަރޭޝަން ނިމިފައިވާ ކަމަށާ އެ ކުދީންގެ ހާލަތު ވެސް ރަނގަޅު ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.މިނިސްޓަރު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ތެލެސީމިއާ ދުވަހާ ގުޅިގެން ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.ހިލޭ ބޯންމެރޯ ހެދުމަށް ސަރުކާރުން ފަސް ކުއްޖަކު ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު، މިނިސްޓަރު ވިދާޅުވީ އޮޕަރޭޝަން ހަދާފައިވާ ދެ ކުދީންގެ ވެސް ޞިއްހަތު ވަރަށް ރަނގަޅު ކަމަށެވެ. އަދި އެ ދެ ކުދީން ވެސް ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، އިތުރު އޮބްޒަވޭޝަންއަށް ތިބީ އެކޮމޮޑޭޝަންގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.އޭނާ ވިދާޅުވީ ބާކީ ތިން ކުދީންގެ އޮޕަރޭޝަންގެ ކަންކަން ވަރަށް ކައިރި މުސްތަގުބަލެއްގައި ހަމަޖެހޭނެ ކަމަށެވެ.މިނިސްޓަރު ރޭ ވަނީ މި އަހަރު އިތުރު 10 ކުދީން ބޯމެރޯ ހެދުމަށް ފޮނުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން އަހަރުގެ މެދުތެރޭ ފަސް ކުއްޖަކު އަދި ފަސްކޮޅު ފަސް ކުއްޖަކު ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.  މި ފަސް އަހަރުން 50 ކުދީންނަށް ބޯންމެރޯ ހަދައިދޭން އެހީތެރިވެދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.އެ ނިންމުމުގެ ދަށުން ތެލަސީމިއާ ކުދިންގެ ތެރެއިން ފުދުންތެރިކަން ނެތް ފަރާތްތަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މިނިސްޓްރީ އޮފް ހެލްތް އާ ދެމެދު އެއްބަސްވުމެއް ގައި ވަނީ ސޮއިކޮށްފަ އެވެ.މީގެ ކުރިން ބޯންމެރޯ ކްރޮސްމެޗް ޓެސްޓަކީ ވަރަށް ދަތި ހާލުން ހެދޭ އެއްޗެކެޗެވެ. އެ ގޮތުން ބޯންމެރޯ މެޗްކުރުމަށް ހަދާ ޓެސްޓު ވެސް ޑޯނާއާއި ބަލިމީހާ ރާއްޖޭން ބޭރަށް ގޮސްގެން ނޫނީ ނުހެދެއެވެ. އެހެން ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތީން މިހާރު ރާއްޖޭގައި ތިބެގެން އެ ޓެސްޓް ހެދޭނެ އިންތިޒާމް ވަނީ ސަރުކާރުން ހަމަޖައްސާފަ އެވެ."މީގެ ކުރިން ބޯންމެރޯ ޓެސްޓް ހެދުމަށްޓަކައި މެޗްކުރުމަށް ޑޯނާއާ، އަދި އޭގެ އިތުރުން ބަލިމީހާގެ ބޯންމެރޯ ހެދުމަށް މެޗްކުރުމަށް ކުރަން ޖެހޭ ޓެސްޓްތަކަކީ ވަރަށް ދަތިހާލުގައި ކުރާ ކަމެއް. ރާއްޖޭން ބޭރަށް ޕޭޝަންޓާ އަދި އޭގެ އިތުރުން ޑޯނާ، ހަމަ އެއާއެކު ޕޭރެންޓުން ރާއްޖޭޏް ބޭރަށް ގޮސްގެން ނޫނީ ނުކުރެވޭ ޓެސްޓްތަކެއް މީ. އެހެންމާ ފައިސާގެ ގޮތުންނާއި ވަގުތުގެ ގޮތުންނާ ވަރަށް ބޮޑު ގުރުބާނީއެއް ހަގީގަތުގައި ބެލެނިވެރިން ވަމުންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.މި ކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ މިދިޔަ މާޗު މަހުގެ ހަތެއްގައި އެންމެ ފުރަތަމަ ކުރެވުނު ބޯންމެރޯ ޓެސްޓް 13 ފަރާތެއް ހަދާފައިވާ ކަމަށެވެ. އަދި އެއީ ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.ތެލެސީމިއާގެ ފަރުވާ ހޯދާ ކުދިންނަށް މި ސަރުކާރުން ޚާއްސަ އަހަންމިއްޔަތުކަމެއް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވެސް ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުން ވަނީ ތެލެސީމިއާ ކުދިންނަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމް ކުރަން މަސައްކަތް ފަށާފައެވެ.މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި 659 ތެލެސީމިއާ ޕޭޝަންޓުން އުޅެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ