އެއް ނަމާދުން އަނެއް ނަމާދަށް ﷲ ތަޢާލާ ފުއްސަވައި ދެއްވަވަނީ އެމީހަކު ކުރާ ހުރިހާ ފާފަތަކެއްތަ؟

ކުރެވޭ ފާފަތައް އެއް ނަމާދުން އަނެއް ނަމާދަށް ވެސް ފުއްސަވައި ދެއްވަވާތީ ބައެއް މީހުންނަށް ހީކުރެވިފައިއޮންނަނީ އެއީ ތިމާ ކުރާ ހުރިހާ ފާތަކެއް ކަމުގައެވެ. ނަމަވެސް މުޅިން ގޯސް ވިސްނުމެކެވެ.
އެއް ނަމާދުން އަނެއް ނަމާދަށް، އެއް ހުކުރުން އަނެއް ހުކުރަށް، އެއް ރޯދަމަހުން އަނެއް ރޯދަމަހަށް ﷲ ތައާލާ ފުއްސަވައި ދެއްވަވަނީ މީސްތަކުންނަށް ކުރެވޭ ކުދި ފާފަތަކެވެ. މާނައަކީ ވައްކަން ކުރުމާއި ޒިނޭކުރުމާއި ފާހިޝް އަމަލުތައް ހިންގުމާއި މި ފަދަ ބޮޑެތި ފާފަތައް އެބައިގައި ނުހިމެނޭނެ ކަމެވެ. އެފަދަ ބޮޑެތި ބޮޑެތި ފާފަތަކަށް ޖެހޭނީ ވަކިވަކިން ތައުބާވާށެވެ.
ވީމާ ބޮޑެތި ފާފަތައް ކުރަމުން ނަމާދުކުރާމީހާ ބިރުވެތިވާންޖެހޭނެއެވެ. އެއް ނަމާދުން އަނެއް ނަމާދަށް ފުއްސަވާނެ ކަމަށް ބަލައި ބޮޑެތި ފާފަތަކަށް އަރައިގަންނަމުން ދުނިޔޭގައި އުޅުމަކީ ވަރަށް ބިރުހުރި ކަމެކެވެ. ވަރަށް ނުރައްކައުތެރިކަމެކެވެ.
އެހެނީ އަޖަލު، ނުވަތަ މަރުގެ ވަގުތު ޖެހުން އެއްވެސް މީހަކަށް ތައުބާވުމަށް އެންމެ ފަޅި ސިކުންތެއްވެސް ނުލިބޭނެތީއެވެ. ކިތަންމެ ވަރަކަށް އާދޭސް ކުރި ނަމަވެސް އެއީ ލިބޭނެ ފުރުޞަތެއް ނޫނެވެ. ވީމާ އަބަދުވެސް ތިބެންޖެހޭނީ ފާފަކުރުމުން ދުރުހެލިވެގެންނެވެ.. ތައުބާވެގެންނެވެ.
--ޝައިޚް މުޙައްމަދު މޫސާގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ