ހޫނު ގަދަވުމުން ކަރަންޓް އިގްތިސާދު ކުރަން އިލްތިމާސްކޮށްފި

މިއީ ހޫނުގަދަ ދުވަސްވަރަކަށް ވާތީ ކޮންމެހެން ބޭނުންވާ ވަރަށް ވުރެ އިތުރަށް ކަރަންޓް ހަރަދުނުކޮށް، ކަރަންޓް އިގުތިސާދުކުރަން ސްޓެލްކޯއިން މިއަދު އިލްތިމާސްކޮށްފި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ މިދުވަސްވަރަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރު ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ އާއި އަދި ރޯދަ މަހަކީ، ކަރަންޓުގެ ބޭނުންކުރާ މިންވަރު އެހެން މަސް މަހަށް ވުރެ އިތުރު މަހަކަށް ވުމުން މި ދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.
ސްޓެލްކޯގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އެވްރެޖް މަހެއްގައި މާލެ ސަރަޙައްދުގައި 94 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުން ކުރާ އިރު، މި ދުވަސްވަރު 104.7 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުން ކުރަމުންދާ ކަމަށް ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވަނީ ކަރަންޓަށް ކުރަންޖެހޭ ހޭދަ ވީހާވެސް ކުޑަ ކުރުމަށް، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށާއި، މި ދުވަސްވަރު ކަރަންޓު އިޤުތިޞާދު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.
ކޮންމެ އަހަރެއްގެ ވެސް މާޗު އަދި އޭޕްރީލް އަކީ ރާއްޖެއަށް އެންމެ ހޫނުވާ މަސްތައް ކަމަށް ވާއިރު، ކޮންމެ ދުވަހަކު ވެސް އެންމެ ހޫނު ގަދަ ވާނީ މެންދުރު ފަހު 2:00 ގައި ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެ އެވެ.
މި ދުވަސްވަރު ހޫނުވާ މިންވަރު އިތުރުވަނީ މި ދުވަސްވަރު ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށް ވުރެ އިހްސާސް ކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާތީ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މީގެއިތުރުން މިއަހަރަކީ ވެސް އެލްނީނޯ އަހަރެއް ކަމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތް ކަމަށް ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާ އިން ވެސް ވަނީ ލަފާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ