ކުޅުދުއްފުށީ ގޭބިސީތަކުގެ ކަރަންޓް ބިލުން 50 އިންސަތައިގެ ޑިސްކައުންޓެއް ދިނުމަށް ނިންމައިފި

ކުޅުދުއްފުށީ ރައްޔިތުންނަށް މި މަހު ކަރަންޓު ބިލުން 50 ޕަސެންޓް ޑިސްކައުންޓެއް ދިނުމަ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ނިންމައިފި އެވެ.
ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ކުޅުދުށްފުށީ ސިޓީއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ދިމާވި ދަތިތަކުގެ ސަބަބުން މި މަހުގެ ކަރަންޓު ބިލުން 50 ޕަސެންޓް ޑިސްކައުންޓު ދިނުމަށް ފެނަކަ ކޯޕަރޭޝަނުން ނިންމާފައިވާކަމަށެވެ.
އެބަޔާނުގައި ބުނީ މި ރަމަޟާން މަހު ކުޅުދުށްފުށީގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ލިބުމުގައި ބޮޑެތި ދަތިތަކެއް ދިމާވި ކަމަށެވެ.
އެހެންވެ، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށާއި މިހާރު ކުޅުދުއްފުއްޓަށް އާ ޖެންސެޓެއް ގެންގޮސް އިންސްޓޯލްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ހދ. ކުޅުދުށްފުށީ ސިޓީގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ކަރަންޓުގެ ހިދުމަތް ލިބުމުގައި މި ރަމަޟާން މަހު ދިމާވި ގިނަގުނަ ގޮންޖެހުންތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ." ބަޔާނުގައިވެއެވެ.
ފެނަކައިން ބުނީ، އެ ސިޓީގެ ރައްޔިތުންނަށް ކަރަންޓު ނުލިބުމުން ދިމާވި ތަކުލީފުތަކުގެ ސަބަބުން އެކުންފުނިން އެކަމާ ހިތާމަ ކުރާތީ އެކަމުގެ ޒިންމާ ނެގުމުގެ ގޮތުން މި މަހުގެ ކަރަންޓު ބިލުން އެ ސިޓީގެ ރައްޔިތުންނަށް ޑިސްކައުންޓެއް ދޭން ނިންމީ ކަމަށެވެ.
ފެނަކައިން ބުނީ ފާއިތުވި ފަސް އަހަރު ބޮޑެތި އިހުމާލުތަކެއް ވެފައިވުމުން ރާއްޖެގެ އެތައް ރަށެއްގެ ކަރަންޓަށް ދިމާވަމުންދާ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ހޯދުމަށް ސަރުކާރާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ