ދިގުރަށަށް އެރި ޓޫރިސްޓުން ބޭލުވީ ކައުންސިލުން؛ ބޮޑު ބަހުސަކަށްވެއްޖެ

ސޯޝަލް މީޑިއާގައި މިހާރު އާއްމު ވަމުންދާ ވީޑިއޯއެއްގައި ފެންނަނީ އދ. ދިގުރަށު ގޮނޑުދޮށުގައި ހުރި ޓޫރިސްޓަކު އެ ތަނުން ދިޔުމަށް މީހަކު އިޝާރާތް ކުރާތަނެވެ. ފަހުން އެނގުނު ގޮތުގައި އެއީ ކައުންސިލްގެ އިބްރާހިމް އުސްމާން ރައީސް އެވެ. ހުންނެވީ ވެސް ކައުންސިލްގެ ރަސްމީ ޔުނީފޯމުގަ އެވެ.
އަންހެން ޓޫރިސްޓު މީހާ އެތަނުން ދަންދެން ކައުންސިލަރު އެ ތަނުގައި ހުންނަވައި އިޝާރާތް ކުރައްވަ އެވެ. ވީޑިއޯއިން ފެންނަނީ އެންމެ ޓޫރިސްޓެއް ނަމަވެސް، ވީޑިއޯއިން އިވޭ އަޑުތަކަށް ބަލާއިރު އެ ތަނުގައި އެހެން ގިނަ ބަޔަކު ތިބިކަމަށް ލަފާ ކުރެވެ އެވެ.
ސޯޝަލް މީޑިއާގައި މި ވީޑިއޯ ދައުރުވަމުން އަންނަނީ ކައުންސިލަރުގެ އެ އަމަލަށް ކިޔާ ފާޑުކިޔުންތަކާ އެކު އެވެ. އެކަމަކު ދިގުރަށު ކައުންސިލުން އެކަން ދިފާއު ކުރެ އެވެ.
ޓޫރިޒަމްގައި އެންމެ ނަގާ ކިޔާ އެއް ރަށް ކަމަށްވާ ދިގުރަށަށް އެކި ގޮތް ގޮތުން ޓޫރިސްޓުން އާދެ އެވެ. ރަށުގެ ގެސްޓްހައުސްތަކަށް އަންނަ މީހުންނާއި ކައިރި ރަށްރަށުން އަންނަ ޓޫރިސްޓުންނެވެ. އާދަޔާހިލާފު ދިގު ތުނޑިއެއް ލިބިފައިވާ އެ ރަށުގެ ރީތިކަން ބަލައިލަން ސަފާރީތަކުން ވެސް އެތަނަށް ޓޫރިސްޓުން ފައިބަ އެވެ.
އެކަމަކު ކައުންސިލްގެ ޝަކުވާ އަކީ، އެގޮތަށް އަންނަ ޓޫރިސްޓުންގެ ފަރާތުން ރަށަށް އެއްވެސް މަންފާއެއް ނުކުރުމެވެ. ހަތަރު ކިލޯމީޓަރަށް ދެމިގެންދާ އެ ތުނޑި ރީތިކޮށް ބާއްވަން ބޮޑު ހަރަދެއް ކުރަން ޖެހޭއިރު، ޓޫރިސްޓުންގެ އަތުން އާމްދަނީއެއް ނުލިބުން އެއީ ފަހަކާ ޖެހެންދެން ކައުންސިލްގެ ކަންބޮޑުވުމެކެވެ.
އެހެންވެ، ދިގުރަށު ކައުންސިލް މިހާރު އޮންނަނީ އެހެން ރަށްރަށުން އަންނަ ޓޫރިސްޓުން ރަށަށް އެރޭނީ އެ ރަށުގެ ބަނދަރުން ވަދެގެން ކަމަށް ކަނޑައަޅާފަ އެވެ. އުސޫލުގައި އޮންނަ ގޮތުން:
ތުނޑި އާއި ރަށުގެ ގޮނޑުދޮށަށް ކައިރި ކުރާނަމަ ފީއެއް ދައްކަން ޖެހޭ
އެއީ ބޮލަކަށް 3 ޑޮލަރު
ސަފާރީތަކުން އަންނަ ޓޫރިސްޓުން ތުނޑީގައި މަޑުކޮށް ބާބަކިޔު ހަދާ ނަމަ، 5 ޑޮލަރު ދައްކަން ޖެހޭ
ރަށުގައި ތިބޭ ޓޫރިސްޓުން ވެސް، އެ ކަމަށް ހާއްސަކޮށްފައި އޮންނަ ބީޗު ސަރަހައްދު ނޫން އެހެން ބީޗު ތަކަށް ދައްކާނަމަ ފީ ދައްކަން ޖެހޭ 
އެކަމަކު ކައުންސިލުން ބުނާ ގޮތުގައި، މައްސަލަ ފެށެނީ ބައެއް މީހުން އެގޮތަށް އަމަލު ނުކުރާތީ އެވެ. ސަފާރީތަކާއި ލޯންޗުތަކުގައި އައިސް، އެއްވެސް އެނގުމެއް ނެތި ތުނޑި އާއި އަތިރިމަތީގެ އެކި ސަރަހައްދުތައް ބޭނުން ކަމަށާއި ފުރައިގެން ދަނީ އެ ކަމަށް ކަނޑައަޅާފައި އޮންނަ އަގު ވެސް ނުދައްކާ ކަމަށް ބުންޏެވެ.
"ބައެއް ފަހަރު އެބަ އާދޭ 100އެއްހާ ޓޫރިސްޓުން ވެސް. މިއޮތް ބޮޑު ތުނޑި ބަލަހައްޓަން ވެސް އަޅުގަނޑުމެން ބޮޑު ހަރަދެއް ކުރަން ޖެހޭ. އެކަން މި އޮންނަނީ އައުޓްސޯސްކޮށްފައި،" ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
"އާއްމުކޮށް ސަފާރީތަކުން ފީ ދައްކާނެ. އެކަމަކު މާފުށި ފަދަ ތަންތަނުން ޓޫރިސްޓުން ގޮވައިގެން އަންނަ މީހުން ފީ ނުދައްކާ މި ފުރައިގެން ދަނީ."
އެ ދުވަހު ރަށަށް އެރި ޓޫރިސްޓުން ފޮނުވާލުމަށް އުސްމާން އަމަލު ކުރެއްވި ގޮތް އޮފިޝަލް ދިފާއު ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އޮންނަ އުސޫލުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިޔުމަށް ބައެއް ފަހަރު ހަރުކަށި ފިޔަވަޅު ވެސް އަޅަން ޖެހެ އެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން އުސްމާންގެ މި އަމަލަށް ތައުރީފް ވެސް ކުރެއްވި އެވެ.
އެކަމަކު ބައެއް މީހުންނަށް މިކަން ގޯހެވެ. އެ މީހުންގެ ނަޒަރުގައި، ރާއްޖޭގެ އިގްތިސޯދު ބިނާވެފައިވާ ޓޫރިޒަމަށް މި ކޮށައިދެވެނީ ނުބައި މަގެކެވެ. ޓޫރިސްޓުންނަށް ދައްކައިދެވެނީ ގޯސް ތަސައްވުރެކެވެ.
އެކަމަށް ފާޑުކިޔައި ކޮމެންޓު ކުރާ މީހުން ބުނާގޮތުގައި ރާއްޖޭގެ ދީނާއި ސަގާފަތަށް އިހްތިރާމް ކުރާހާ ހިނދަކު، ރަށަށް އަރާ މެހެމާނުންނަށް އެގޮތަށް އަމަލުކޮށްގެން ނުވާނެ އެވެ. އަދި މި އަމަލުގެ ސަބަބުން އެ މީހުން ކިހާ ލަދުގަންނާނެތޯ ވެސް ބައެއް މީހުން ސުވާލު ކުރި އެވެ.
އެ ވީޑިއޯ ޝެއާ ކުރި ބައެއް މީހުން ބުނި ގޮތުގައި، ސީދާ މީހުން ގޮސް، ރަށަށް ނޭރޭނެ ކަމަށް އެންގުމަށް ވުރެ، އެކަން އަންގައިދޭ ބޯޑުތައް ބީޗުތަކުގައި ހަރުކޮށްފައި ހުރި ނަމަ މާ ރީތިކޮށް، އިހްތިރާމާ އެކު މަގްސަދު ހާސިލްކުރެވޭނެ ކަމަށެވެ.
ބައެއް މީހުން ވަނީ ޓޫރިސްޓުން އަތުން އިތުރު ފީއެއް ނަގާތީ ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"މިއީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން،" ދިގުރަށު ކައުންސިލުން ފީ ނެގުމާ ދެކޮޅަށް، ޓުއާ އޮޕަރޭޓާ އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ފޭސްބުކްގައި ވިދާޅުވި އެވެ.
"... ރާއްޖެއަކީ ފެންވަރު މަތީ މަންޒިލެއްގެ ގޮތުގައި އޮތް ނަން [މީގެ ސަބަބުން] ހަލާކުވެދާނެ އެވެ."
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެ އަންނަ ޓޫރިސްޓުން، މިހާރު ވެސް އެކި ޓެކްސްތަކުގެ ޒަރީއާއިން އެކަށީގެންވާ މިންވަރެއް ދައްކަ އެވެ. އެހެންވެ، ރަށްރަށަށް ދާ ޓޫރިސްޓުންގެ އަތުން އިތުރަށް ފީއެއް ނެގުމަކީ އިތުރު މާލީ ބުރަ އަކާއި ތަފާތުތަކެއް އުފެދިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ފަދަ ފިޔަވަޅުތަކުގެ ސަބަބުން، ޓޫރިސްޓުން ރާއްޖެއާ ދުރުވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފިރާގު އެދިވަޑައިގެންނެވީ ގައުމު ބިނާވެފައި އޮތް މި ސިނާއަތަށް ގެއްލުން ނުވާނެ ގޮތަކަށް، އާމްދަނީ އިތުރު ކުރެވޭނެ އެހެން ގޮތްގޮތް ހޯދުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ