ޑިޖިޓަލް އައިޑީ ކާޑެއް ތައާރަފްކުރަނީ؛ ޒާތީ މައުލޫމާތަށް އެކްސެސް ވެވޭނީ ރުހުން ހޯދައިގެން

ޒަމާނީ ޑިޖިޓަލް އައިޑީކާޑެއް ތައާރަފް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށާއި، އެއާއެކު އައިޑީކާޑަށް އެއްވެސް ފަރާތަކުން އެކްސެސްވެވޭނީ އެ މީހެއްގެ ރުހުން ހޯދައިގެން ކަމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސްގެ ރިޔާސީ ބަޔާނާ ގުޅިގެން ދައުލަތުގެ މީޑިއާއިން ގެނެސްދިން ފޯރަމްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ އީ-ފާސްގައި ހިމެނޭ ޑިޖިޓަލް އައިޑީ ކާޑުގެ ހިދުމަތްތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ޒާތީ މައުލޫމާތު ވެސް ރައްކާތެރިކުރެވޭނެ ގޮތަކަށް ކަމަށެވެ.
އެގޮތުން، ދައުލަތުގެ އިދާރާތަކުންނާއި އަމިއްލަ ކުންފުނި އެޖެންސީތަކުން މީހެއްގެ އައިޑީ ކާޑާއި ޒާތީ މައުލޫމާތަށް އެކްސެސްކުރުމުގެ ކުރިއަށް ރުހުން ހޯދަން ޖެހޭ ގޮތަށް ޑިޖިޓަލް އައިޑީ ކާޑުގެ ހިދުމަތް ގާއިމްކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އިންޓަނޭޝަނަލް ސްޓެންޑާޑަށް އޭތި ފަންކްޝަން ކުރަމުން އަންނަ އިރު ޕްރައިވެޓް ސެކްޓާގެ ތަނަކުން ވިޔަސް ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތަކުން އެކްސެސްވާނަމަ އެ މީހާގެ ކޮންސެންޓް އެ ކަމަށް ބޭނުންވާނެ. އެ ކޮންސެންޓާ އެކުގައި އެ އިދާރާއަކުން އެކަން ކުރާނީ. މީހާއަށް ބަލައިލެވޭނެ ކޮންސެންޓް ދިނުމަށް ފަހު ވެސް ކާކުތޯ ކޮން ސަބަބަކާ ހުރެތޯ ތިމަންނާގެ މި ޒާތީ މައުލޫމާތަށް އެކްސެސްވެފައި މި އޮތީ. މިއީ ވަރަށް ބޮޑު ކޮންފޮޓެއް މިގޮތަށް މާހައުލަކަށް މަސައްކަތް ބައްޓަންވެގެން ދިޔުމަކީ"، އިހުސާން ވިދާޅުވިއެވެ.
އައިޑީކާޑަށް އެކްސެސްވާ ނަމަ އެކަން އެނގޭ ގޮތަށް ޑިޖިޓަލް އައިޑީކާޑެއް ތައާރަފް ކުރަން ސަރުކާރުން ނިންމާފައިވާއިރު، މީހުންގެ ޒާތީ މައުލޫމާތު ހޯދައިގެން 'ވަގަށް' ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ މިފަހުން ވަނީ ވަރަށް ހޫނުވެފައެވެ.
އިހުސާން ވިދާޅުވީ މި ބަދަލާއެކު ނިޒާމަށް ރައްޔިތުންގެ އިތުބާރު އުފެއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ