ކަރަންޓް ކަނޑާލާކަށް ނޫޅެން: ސްޓެލްކޯ

އެއްވެސް ތަނަކުން ކަރަންޓް ކަނޑާލަން މަސައްކަތް ނުކުރާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން މިހެން ބުނެފައި މިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ބައެއް މީހުންނަށް ދަތިކުރަން ވެގެން ސްޓެލްކޯ އިން ކަރަންޓް ކަނޑާލަން އުޅޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ހަބަރުތަކެއް ފަތުރަމުންދާތީ އެވެ.
ސްޓެލްކޯ އިން ބުނީ ހިޔާ ޓަވަރުތަކުންނާއި އަދި އެހެންވެސް ތަނަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން އުޅޭ ކަމަށް ބުނެ ދޮގު ހަބަރުތަކެއް ފަތުރަނީ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް މިފަދަ ވާހަކަތަކެއް ދެއްކި ކަމަށާއި ނަމަވެސް އެއީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށްވެސް ސްޓެލްކޯ އިން ބުނެފައިވެ އެވެ.
"މި ދެންނެވި ވާހަކަތަކަކީ، އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ވާހަކަތަކެއް ނޫން ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވަން،" ސްޓެލްކޯ އިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ