ވަޒީރުން ފޯނު ނުނަންގަވާ, ކަމެއްވެސް ނުކޮށްދޭކަމަށް ވިދާޅުވެ މެމްބަރު ލަތީފު ރަތަށް އެރިޔަށް, މިއަދަކު ކުރެވޭނެ ކަމެއް ނެތް! މުއިއްޒު ވަނީ މެމްބަރުންގެ ހަތަރެސް ފައި ބަނދެލާފަ!

ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ބައެއް ވަޒީރު ބޭފުޅުން އިޚުލާސްތެރި ނޫން ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒާ ގާތްވުމަކީ އެ ބޭފުޅުންނަށް މަގާމުގައި ދެމިތިއްބެވޭނެ ސަބަބެއް ނޫންކަމަށް ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ. ލަތީފް މިހެން ވިދާޅުވީ ބައެއް ވަޒީރުން ފޯނު ނުނަންގަވާ މައްސަލައިގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ރައްޔިތުންގެ މަޖިލިހުގައި ވާހަކަ ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާގައި މިއަދު ވާހަކަދައްކަވަމުން، ލަތީފް ވިދާޅުވީ މެމްބަރުން ވަޒީރުންނަށް ގުޅަން ޖެހެނީ ކަންކަން ފަހިކޮށްދީ އަދި މަސައްކަތްތައްވެސް އަވަސް ކޮށްދޭން ރައްޔިތުން އެދޭތީ ކަމުގައެވެ. އަދި އޭނާ ވިދާޅުވީ ވަޒީރުން ފޯނު ނުނަންގަވާ މައްސަލައަކީ ވަރަށްވެސް ބޮޑު މައްސަލައެއް ކަމަށާއި, އަދި ވަޒީރުން އެއްވެސް ކަމެއްވެސް ނުކޮށްދޭ ކަމަށެވެ.
އަދި އޭނާ ވިދާޅުވީ ބައެއް ވަޒީރުން ރައީސުލްޖުމްހޫރިއްޔާއަށް ވެސް އިޚުލާސްތެރި ނޫން ކަމަށެވެ. ލަތީފް ވިދާޅުވީ ރައީސް މުއިއްޒާ ގާތްވުމުން މަގާމުން ދުރުނުކުރެވޭނެ ކަމަށް ބައެއް ވަޒީރުން ހީކުރައްވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ މެންބަރުން ބޭނުންފުޅުވެއްޖެ ނަމަ ވަޒީރުން މަގާމުން ވަކިކުރެވޭނެކަން އޭނާ ވިދާޅުވިއެވެ.
މި ހިނގާ ވިހިވަނަ މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ 75 މެންބަރުން ތިއްބެވެ. މުއިއްޒު ވަނީ މި ސުޕަރ މެޖޯރިޓީގެ ބޭނުން ކޮށްގެން މެންބަރުން ޕާޓީން ވަކިކުރި ނަމަވެސް އަދި އަމިއްލައަށް ޕާޓީން ވަކިވިޔަސް މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކޮށްފައެވެ.
އެހެންކަމުން, ވަޒީރުން ފޯނު ނުނެގީމަ ވަޒީރުންގެ މައްޗަށް އިތުބަރު ނެތްކަމުގެ ވޯޓު ނަގާނެ ކަމަށް ލަތީފް ވިދާޅުވި ނަމަވެސް, މެމްބަރުންނަށް މިއަދު އެބާރު ނެތްކަން ފާހަގަ ކޮށްލާން ޖެހެއެވެ. ސަބަބަކީ, މުއިއްޒުގެ ރުހުން އޮތް ވަޒީރަކު މަގާމުން ދުރުކުރުމަށް އިސްނަގާ މެމްބަރަކު ޕާޓީގެ އުސޫލުތަކާއި ޚިލާފްވިކަަމަށް ނިންމާ, އެ މެމްބަރެއްގެ ގޮނޑި ގެއްލުވާލުމުގެ ފުރިހަމަ އިޚްތިޔާރު މުއިއްޒުގެ މުށުތެރޭގައި މިއަދު އޮތުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން, މުއިއްޒުގެ ރުހުމާއި ދެކޮޅަށް އިނގިލިކުރިވެސް މިއަދު އެއްވެސް މެމްބަރަކަށް ހިއްލާލެވެން ނެތްކަން މިއީ މިއަދުގެ ހަގީގަތްކަން ގަބޫލުކޮށް, ހަތަރެސްފައި ބަނދެވިގެން ތިބުން ނޫން ގޮތެއް މިއަދުގެ މަޖިލިސް މެމްބަރުންނަކަށް ނެތެވެ.
ހަގީގަތުގައިވެސް ގައުމުގެ މިއަދު ތިބި އެންމެ ބޮޑު ނިކަމެތީންނަކީ މަޖިލިސް މެމްބަރުންނެވެ. އެމީހުންނަށް ވަޒީފާގެ ޔަގީންކަމެއް ނެތްތާގަ, ތިބެން ޖެހިފައި މިއަދު މިއޮތީ ރައީސުލްޖުމުހޫރިޔާގެ އަޅުންގެ ގޮތުގައެވެ. ވަޒީރުންގެ ފަހަތުން ދުވެ އާދޭސް ކުރުން ނޫންގޮތެއް މިއަދަކު ނެތެވެ.
މިއީ މުއިއްޒު މެމްބަރުން ހާލުގައި ޖެއްސުމަށް ގަސްތުގައި ހިންގާފައިވާ ބޮޑު ޖަރީމާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ