ބާކީ ހުރި ވައުދުތައް އަންނަ އަހަރުގެ ބަޖެޓުން ފުއްދޭނެ: ރައީސް

އަންނަ އަހަރު ހުށަހަޅާ ބަޖެޓް ވާނީ ބާކީ ހުރި ވައުދުތައް ފުއްދޭނެ ބަޖެޓަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިއަދު ޅ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ އޮޅުވެލިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ވައުދުވެވަޑައިގެންފައި ވަނީ ދެ އަހަރަށް ބަހާލައިގެން، މި އަހަރާއި މިއަންނަ އަހަރަށް ބަހާލައިގެން މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދަވަން ކަމަށެވެ.
"އަޅުގަނޑު ވެފަ ހުރި ވައުދުތަކުގެ ތެރެއިން މިއަހަރު އަމަލީ ގޮތުން ސޮއިކުރެވި މަސައްކަތް ފެށުނު މަޝްރޫއުތަކުގެ އިތުރަށް ދެން ހުރި ވައުދުތައް ފުއްދަން ބޭނުންވާ ހުރިހާ މަޝްރޫއަކަށް މިއަންނަ އަހަރުގެ ބަޖެޓުން ޖާގަ އަޅުގަނޑުމެން ހަމަޖައްސައި ހުށަހަޅާނީ،" ރައީސް ވިދާޅުވި އެވެ. "އެހެންވީމާ މިއަންނަ އަހަރަށް މި ހުށަހަޅާ ބަޖެޓު ވެގެންދާނީ އަޅުގަނޑު ރައްޔިތުންނަށް ވީ ވައުދުތަކުގެ ތެރެއިން ދެން ބާކީ ހުރި މަޝްރޫއުތައް ފެށޭ ބަޖެޓަަކަށް."
ރައީސް ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ އެހެން ކަންކަން އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލުމުން، ރަށު ކައުންސިލްތަކުގެ ބަޖެޓު އިތުރުވެގެން ދާނެ ކަމަށާއި އެގޮތަށް ލިބޭ ފައިސާ ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަމަށް ހަރަދުކުރުން ކައުންސިލްތަކަށް މަޖުބޫރުވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އަތޮޅު ކައުންސިލްތައް އުވާލައި، ކައުންސިލްތަކަށް ދޭ ފައިސާ އެ ނޫން އެއްވެސް ބޭނުމެއްގައި ބޭނުން ނުކުރެވޭނެ ކަމަށެވެ.
"ކައުންސިލްތަކުގެ މެންޑޭޓުގެ ގާނޫނުގަ އޮންނާނެ ވަރަށް ބައިވަރު ކަންކަން. އޭގެ ތެރޭގައި އޮންނާނެ އިޖުތިމާއީ ގޮތުން ރައްޔިތުންނަށް ކަންކަންކޮށް ދިނުން،" ރައީސް ވިދާޅުވި އެވެ. "އެ އިޖުތިމާއީ ރައްކާތެރިކަން ހޯދައިދިނުން އޮންނާނެ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް. އެ ޒިންމާ އަދާކުރުމަށް ބޭނުންވާ ފައިސާ މި ދެނީ."
ރައީސްގެ ވެރިކަމަށް އަންނަ މަހުގެ 17 ގައި ދެ އަހަރުވާ އިރު، މިހާތަނަށް ފުއްދުނު އެއްވެސް ވައުދެއް ނެތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ނަމަވެސް ރައީސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ވައުދުތައް ވެވަޑައިގަންނަވަނީ ފުއްދޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ