ތަރަންގެ ތައުރީފު ފިލްމު 'ދުރަންދާރު'އަށް

މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި ރިލީޒްކުރި ޑައިރެކްޓަރު އަދިތިޔަ ދާރްގެ ފިލްމު "ދުރަންދާރު"އަށް ޓްރޭޑް އެނަލިސްޓު އަދި މަޝްހޫރު ފިލްމު ކްރިޓިކު ތަރަން އާދާޝް ވަރަށް ބޮޑަށް ތައުރީފުކޮށްފިއެވެ. ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް ލީޑް ރޯލް ކުޅެފައިވާ މި ފިލްމަށް ތަރަން ދީފައިވަނީ 4.5 ތަރިއެވެ. ފިލްމުގެ ރިވިއު ލިޔަމުން ތަރަންކުރި ސޯޝަލް މީޑިއާ ޕޯސްޓުގައި ބުނެފައިވަނީ ފިލްމު "ދުރަންދާރު"އަކީ މި އަހަރު މިހާތަނަށް ރިލީޒްކުރި އެންމެ މޮޅު ބޮލީވުޑް ފިލްމު ކަމަށެވެ. މި ފިލްމުގެ ޑައިރެކްޓަރު އަދިތިޔަ ދާރު ފިލްމު ގެނެސްދީފައިވަނީ ވަރަށް ފުރިހަމަކޮށް ކަމަށާއި ފިލްމުގައި ހިމެނޭ ހުރިހާ ތަރިން ވެސް އެ ތަރިންގެ ޕާފޮމެންސް ގެނެސްދީފައިވަނީ ވަރަށް އިންސާފުވެރިކަމާ އެކު ކަމަށް ތަރަން ވަނީ ބުނެފައެވެ. ހަމައެއާއެކު ފިލްމުގެ ކޮންމެ ފްރޭމަކީ ވެސް ބޮޑު ސްކްރީނުން ބަލާލަން އެންމެ އެކަށީގެންވާ ގޮތަށް ގެނެސްދީފައިވާ ފްރޭމްތަކެއް ކަމަށާއި ޑައިރެކްޓަރު އަދިތިޔަ ފިލްމުގެ ވާހަކަ ސްކްރީނަށް ގެނެސްދިނުމުގައި ގެންގުޅެފައިވާ އުކުޅުތައް ވަރަށް ރަނގަޅު ކަމަށް ބުނެ, ތަރަން ވަނީ އަދިތިޔައަށް ތައުރީފުކޮށްފައެވެ. ފިލްމު "ދުރަންދާރު" ލީޑް އެކްޓަރު ރަންވީރު ސިންގް އަދި ފިލްމުގެ މުހިއްމު ރޯލްތައް ކުޅެފައިވާ އަރުޖުން ރާމްޕާލް އަދި އަކްޝޭ ކަންނާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ނެޝަނަލް އެވޯޑު ވެސް ހާސިލުކޮށްފައިވާ އަދިތިޔަ ދާރުއަކީ މި ވަގުތު ބޮލީވުޑްގައި ހިމެނޭ އެންމެ ހުނަރުވެރި ކުޅަދާނަ ޑައިރެކްޓަރުންގެތެރޭ ހިމެނޭ އެކަކެވެ. ވަރަށް ވަރުގަދަ ކާސްޓަކާ އެކު އަދިތިޔަ ގެނެސްދިން "ދުރަންދާރު"ގައި ރަންވީރުގެ އިތުރުން އަކްޝަޔޭ ކަންނާ، ސަންޖޭ ދަތު، އަރުޖުން ރާމްޕާލް، އާރް މާދަވަން އަދި މާނަލް ގޯހިލް ހިމެނެއެވެ. މި ފިލްމުގައި ރަންވީރުއާ އެކު ބަތަލާގެ ރޯލް ކުޅެފައި ވަނީ އުމުރުން 20 އަހަރުގެ ބަތަލާ ސާރާ އަރުޖުންއެވެ. ޖުމުލަ 140 ކްރޯޑު ރުޕީސް (16.9 މިލިއަން އެމެރިކާ ޑޮލަރު)ގެ ބަޖެޓަކުން އުފެއްދި މި ފިލްމު ރިލީޒްކުރިތާ ތިން ދުވަސްވީއިރު މިހާތަނަށް ބޮކްސް އޮފީހުގައި ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 93.69 ކްރޯޑު ރުޕީސް (11.29 މިލިއަން ޑޮލަރަ)ށް އަރައެވެ. ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ހޫނު ތަރުހީބާ އެކު "ދުރަންދާރު" ވަރަށް އަވަހަށް ބޮކްސް އޮފީހުގެ 100 ކްރޯޑު ކްލަބުން ޖާގަ ހޯދާނެ ކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ