ފުވައްމުލަކުގެ ގެތަކަށް ފެން ދޫކުރަން ފަށައިފިން: ފެނަކަ

ފުވައްމުލަކު ސިޓީގެ އެކި ސަރަޙައްދުތަކަށް ފެން ދޫކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.
ފުވައްމުލަކުގެ ފެނުގެ ޚިދުމަތް މެދުކެނޑިފައިވަނީ ހޯމަ ދުވަހު ފެނުގެ ވިއުގައަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. މިކަމާ ގުޅިގެން އާންމުންގެ ކަންބޮޑުވުން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ފެނަކައިން ވަނީ މިއަދުގެ މެންދުރާ ހަމައަށް ހުރިހާ ހިސާބުތަކަށް ފެން ފޯރުކޮށްދެވޭނެކަމުގެ ޔަޤީންކަން ދީފައެވެ.
"ވޮއިސް" މައުލޫމާތު ހިއްސާކުރި ފެނަކައިގެ އޮފިޝަލަކު ވިދާޅުވީ، ފެން ދޫކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން، ފެނުގައި ތަޣައްޔަރުކަމެއް ނެތްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ތަޙުލީލުތަކުން ކަށަވަރުކުރުމަށްފަހު ހުއްދަ ލިބިފައިވާ ކަމަށެވެ.
އެގޮތުން ފެން ދޫކުރުން ކުރިއަށް ގެންދަނީ އެކި ސަރަޙައްދުތަކަށް ބަހާލައިގެން ވަކި ތާވަލަކުން ކަމަށާއި، ފެނުގެ ވިއުގާގައި އިތުރު މައްސަލައެއް ފާހަގަ ނުވާ ގެތަކަށް މިހާރު ފެން ދޫކުރަން ފަށާފައިވާ ކަމަށް އޮފިޝަލް ފާހަގަކުރިއެވެ. އަދި މެންދުރާ ހަމައަށް ހުރިހާ ހިސާބަކަށް ފެން ދޫކޮށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ފެނަކައިން ބުނީ ފުވައްމުލަކުގެ ފެނުގެ ވިއުގައަށް ދިމާވި ބޮޑެތި މައްސަލަތައް، ޚާއްޞަކޮށް ފެން ލީކްވުމުގެ ބޮޑެތި މައްސަލަތައް މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ. ނަމަވެސް، ފެން ލީކްވުމުގެ ކުދި މައްސަލަތައް ފެން ދޫކުރުމަށްފަހުގައި ވެސް ހައްލުކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން، ބައެއް ގެތަކަށް ފެނުގެ ކަނެކްޝަން ގުޅާފައިވާ ގޮތުގެ ސަބަބުންވެސް ބައެއް މައްސަލަތައް ފާހަގަ ކުރެވިފައިވާ ކަމަށް ފެނަކައިން ބުނެއެވެ. މިކަންކަން ހައްލުކުރުމަށް ގެތަކުގެ ވެރިންނާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ