ހުރިހާ ފަނޑިޔާރުން ތިބީ ރަހީނު ކޮށްފައި: ޔާމީން

ޝަރުއީ ނިޒާމުގެ މިނިވަންކަން މިހާ ބޮޑަށް ގެއްލިފައި އޮތް ދުވަސްވަރެއް ދެކެވަޑައި ނުގަންނަވާ ކަމަށާ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކާ "ރަހީނު" ކޮށްފައިވާ ކަމަށް ކުރީގެ ރައީސް، އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.ރައީސް ޔާމީން އެގޮތަށް ވިދާޅުވީ އެމަނިކުފާނު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ސިޓީގެ ހިތަދޫގައި ޕީޕީއެމްއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ޖޭއެސްސީ އޮތީ އެމަނިކުފާނުގެ މުށުތެރޭގައި ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ވެރިން ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވަރަށް ގިނަ އިން ވާހަކަދެއްކެވި ކަމަށެވެ. ނަމަވެސް މިއަދު ޖޭއެސްސީ އޮތީ ކޮން ބައެއްްގެ މުށުތެރޭގައިތޯ ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ."އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕޭނު ކުރަމުން ބުނި އަދުލު އިންސާފު ގާއިމު ކުރާނީ ކިހިނެއް ހެއްޔޭ؟. ޖޭއެސްސީ އޮންނަނީ ރައީސް ޔާމީން އަތުގައޭ. އެކަމު އޭރު ދެއްކި ވާހަކަ މިހާރު ހަނދާން ނެތުނީ. ކެންސަލް ދެއްތޮ. މިހާރު ޖޭއެސްސީ އެއަށްވުރެ ބާރު ގަދަކޮށް އޮތީ އެމްޑީޕީ އަތުގައި،" ޔާމީން ވިދާޅުވި އެވެ.އެމަނިކުފާނު ވިދާޅުވީ ހުރިހާ ފަނޑިޔާރުންވެސް މިހާރު ތިބީ ބިރުދައްކައި ރަހީނު ކޮށްފައި ކަމަށެވެ. އަދުލު އިންސާފު މިނިވަންކުރަން އައި ބަޔަކު ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ދެކޮޅު ހަދައި ޕީޕީއެމުން މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބަހުސް ކޮށްލަންވެސް ނުކެރުނު ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެންކަމުން އަދުލު އިންސާފު ގާއިމު ކުރާ ވާހަކަ އެމްޑީޕީން ދައްކަނީ ކީއްކުރަންތޯ ޔާމީން ސުވާލު އުފެއްދެވި އެވެ. ރައީސް ޔާމީން ވިދާޅުވީ އަދުލު އިންސާފުގެ ދާއިރާ މިހާރު ހިންގަނީ ފަަހަރިއާއި ޅިޔަނު ލައިގެން ކަމަށެވެ. އަދި މިހާރު ފުލުހުން ކުރާ މަސައްކަތި އިދިކޮޅުގެ ސިޔާސީ މީހުން ފްރޭމްކުރަން ކުރާ މަސައްކަތް އެކަނި ކަމަށެވެ. އަދި އެ މީހުންނަށް އިންސާފުވެރި ތަހުގީގެއް ނުލިބޭ ކަމަށާއި މައްސަލަތައް މިހާރު ތަހުގީގު ކުރަނީ ސިޔާސީ ފިކުރުގައި ތިބި ފުލުހުން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ."[އެމްޑީޕީން] އަދުލު އިންސާފަކާއި ނުބެހޭނެ؟ ކިހާ ވަރަކަށް ނުބެހޭނީ؟ ފަހަރިއާ ޅިޔަނާއޭ އެތާ ތިބީ،" ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ރައީސް ސޯލިހަކީ ޅިޔަނުން ކަމަށްވާތީ ރައީސް ސޯލިހަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވި އެވެ.ރައީސް ޔާމީން ވިދާޅުވީ ފަނޑިޔާރުގެތައް ހަރާބުގެ މަގަށް ގެންގޮސްފައިވާ ކަމަށާ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނަށް ބަންދު ޖެހުމުގައި އެއްވެސް އުސޫލެއް މިއަދު ނެތް ކަމަށެވެ. ކުށެއްގެ ތުހުމަތު ކުރެވިގެން ހައްޔަރު ކުރާ މީހަކު ހަމައެކަނި ފުލުހުން ބުނާ ބުނުމެއްގެ މައްޗަށް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ދިނުމަކީ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ވިދާޅުވި އެވެ."މާތްﷲ ގެ ރަހުމަތާއި ތިޔަބޭފުޅުންގެ މަސައްކަތާއެކު އަޅުގަނޑަށް 2023 ގައި ފުރުސަތު މިންވަރު ކުރައްވައިފިނަމަ މިޖަހާ ސަކަރާތް ހުއްޓުވާނަން،" ކޯޓްތައް އިސްލާހު ކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާ ރައީސް ޔާމީން ވިދާޅުވި އެވެ.ރައީސް ޔާމީން އައްޑޫއަށް ވަޑައިގަތީ މިމަހުގެ ހަވަނަ ދުވަހު އެވެ. މިއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު އެމަނިކުފާނު އައްޑޫ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އައްޑޫ އަށް ކުރައްވާ މިދަތުރުފުޅުގައި އެ ސިޓީގެ ހުރިހާ ރަށަކަށް ރައީސް ޔާމީން ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.ރައީސް ޔާމީން އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުތައް އިތުރުކުރައްވާފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެމަނިކުފާނާ ހަވާލުކޮށްފައި ވަނިކޮށެވެ.ރިޔާސީ ޓިކެޓް ހަވާލުކުރެއްވި ފަހުން އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ ހއ. އަތޮޅަށެވެ. މިދިޔަ މަހުގެ ދެވަނަ ހަފްތާގެ ތެރޭގައި އެމަނިކުފާނު ވަޑައިގަތީ ހއ. ދިއްދޫ، އިހަވަންދޫ، ބާރަށް، ކެލާ އަދި ތުރާކުނަށެވެ. އޭގެފަހުން މިދިޔަ މަހުގެ ތިންވަނަ ހަފްތާގެ ތެރޭގައި ރައީސް ޔާމީން ވަނީ ނ. އަތޮޅުގެ ބައެއް ރަށްތަކަކަށް ވެސް ވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ