ރެހެންދި ސްކޫލުގެ ކަރަންޓު ބޯޑެއްގައި ރޯވެއްޖެ

ހުޅުމާލެ ރެހެންދި ސްކޫލްގެ 4 އަދި 5 ވަނަ ފަންގިފިލާގައި ހުރި ކަރަންޓު ޕެނަލް ބޯޑެއްގައި ރޯވެއްޖެއެވެ.
މިކަމާގުޅިގެން މިނިސްޓްރީ އޮފް އެޑުކޭޝަނުން ބުނީ، ރޯވި އަލިފާން ސްކޫލާއި، އެމްއެންޑީއެފް ގުޅިގެން ވަރަށް އަވަހަށް ވަނީ ނިއްވާލާފަ ކަމަށެވެ. އަދި ކަރަންޓު ބޯޑުގައި ރޯވީ މިއަދު ހެނދުނު 6:30 ހާއިރު، ސްކޫލަށް ދަރިވަރުން ހާޒިރުވަމުންދިޔަ ވަގުތެއްގަ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
މިހާދިސާ ހިނގަން ފެށުމާއެކު، ރައްކާތެރިކަމާއެކު ދަރިވަރުން ތިރިއަށް ބާލާ ގެއަށް ފޮނުވާލާފައިވެއެވެ.
މިނިސްޓްރީން ބުނީ ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަކީ ސްކޫލާ މިނިސްޓްރީއިންވެސް އެންމެ އިސްކަން ދޭ ކަންކަމަށެވެ. އެހެންކަމުން، މި ހާދިސާގައި އެއްވެސް ދަރިވަރަކަށް އަދި ސްކޫލްގެ މުވައްޒަފަކަށްވެސް ގެއްލުން ނުވާކަމަށް މިނިސްޓްރީއިން ބުނެއެވެ.
މީގެއިތުރުން، މި ހާދިސާ ހިނގި ރެހެންދި ސްކޫލްގެ 4 އަދި 5ވަނަ ފަންގިފިލާގައި ކަރަންޓު ނެތުމުގެ ސަބަބުން، ސްޓެލްކޯއާއެކު ވީހާވެސް އަވަހަށް އެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ