ސަންޖޭއާ މައްސަލަ ޖެހުނީ ކަރިޝްމާއަކީ 'ޓްރޮފީ އަންބަކަށް' ހެދުމުން

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރިޝްމާ ކަޕޫރުގެ އަލަތު ކައިވެންޏަކީ ފެންނަ ފެނުމަށް ވަރަށް އުފާވެރި ޕޮޝް ކައިވެންޏެއް ކަމަށް ވިޔަސް ޒަވާޖީ ހަޔާތެއް ފެށުމަށް ފަހު ބަތަލާގެ ދިރިއުޅުމަށް ބޮޑު އިންގިލާބެއް އައި ކަމަށް ފިލްމު ޑައިރެކްޓަރު ސުނީލް ދަރުޝަން ބުނެފިއެވެ. ކަރިޝްމާއާ އެކު ފިލްމު "ހާ މޭނޭ ބީ ޕިޔާރު ކިޔާ"، "އޭކް ރިޝްތާ" އަދި "ޖާންވަރު" ފަދަ ފިލްމުތަކުގައި ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ސުނީލަކީ ކަރިޝްމާގެ އާއިލާއާ ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ މީހެކެވެ. ދާދި ފަހުން ހާޓް އެޓޭކެއް ޖެހި މަރުވި ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކަޕޫރާއި ކައިވެނިކުރުމަށް ފަހު ދެ މީހުން ބޮޑަށް ފެނުނީ ދެމަފިރިންނަށް ވުރެ ބޮޑަށް ދެ އެކުވެރިންގެ ގޮތުގައި ކަމަށް ސުނީލް ވަނީ ބުނެފައެވެ. ކަރިޝްމާ ކުރީގެ ފިރިމީހާ ސަންޖޭ ކަޕޫރާ އެކު--ފޮޓޯ/އެންޑީޓީވީ ސަންޖޭއާއި ކައިވެނިކުރުމުގެ ކުރިން ވެސް ކަރިޝްމާއަކީ ސަންޖޭގެ ދެ އަންހެން ކޮއްކޮއިންގެ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. ސަންޖޭއާއި ކަރިޝްމާގެ ކައިވެނިކުރީ ދެ މީހުންގެ މެދުގައި މާ ވަރުގަދަ ލޯބީގެ ގުޅުމެއް އުފެދިގެން ނޫން ކަމަށާއި އެކަން ދެ މީހުންގެ ދިރިއުޅުމުން ވެސް ވަރަށް އަވަހަށް ފެންނަން ފެށި ކަމަށް ސުނީލް ވަނީ ބުނެފައެވެ. ނަމަވެސް، ބައެއް ވާހަކަތަކުގެ ހަގީގަތަކީ ފަސް އަޅާ ފޮރުވާފައި ބޭއްވުން އެންމެ ރަނގަޅު ވާހަތަކަކަށްވުމުން އެ ވާހަކަ އެއްވެސް ބަޔަކު މިހާތަނަށް ދައްކާފައިނުވާ ކަމަށް ސުނީލް ވަނީ ބުނެފައެވެ. ނުވަދިހައިގެ އަހަރުތަކުގައި ފިލްމު އިންޑަސްޓްރީގައި ވިދާލި ކަޕޫރު ޚާންދާނުގެ ކުޅަދާނަ ބަތަލާއަކީ ވަރަށް އަހުލާގު ރަނގަޅު ފިލްމީ ތަރިއެއްގެ ގޮތުގައި ސުނީލް ވަނީ ސިފަކޮށްފައެވެ. ކަރިޝްމާ އަދި ކަރީނާ ފިލްމު ޑައިރެކްޓަރު ސުނީލް ދަރުޝަންއާ އެކު--ފޮޓޯ/ފޭސްބުކް ކަރިޝްމާއަކީ ވަރަށް އާދައިގެ ދިރިއުޅުމަކަށް ލޯބިކުރި މީހެއް ކަމަށާއި ބަތަލާ އަބަދު ވެސް ބޭނުންވީ ޒަވާޖީ ހަޔާތެއް ފެށުމަށް ފަހު ފިރިމީހާއާއި ކުދިންގެ ޒިންމާ ނަގައިގެން ގޭގައި އިންނަ އިހުލާސްތެރި އަންބެއްގެ ދައުރު ކުޅެން ކަމަށް ސުނީލް ވަނީ ބުނެފައެވެ. އެހެންނަމަވެސް، ނިއު ދިއްލީއަށް ނިސްބަތްވާ އިންޑިއާގެ ކުރީގެ ވިޔަފާރިވެރިޔާ ސަންޖޭ ކަޕޫރު، ކަރިޝްމާ ދުށީ ކުޅޭކުޅޭ ބުދެއްގެ ގޮތުގައި ކަމަށާއި ސަންޖޭގެ ހައި ޕްރޮފައިލް ޕޮޝް ދުނިޔެއަށް ކަރިޝްމާ ފިޓުކުރުމުގެ މަސައްކަތް ފެށުމާ އެކު ކައިވެނީގައި މައްސަލަ ޖެހެން ފެށި ކަމަށް ސުނީލް ވަނީ ބުނެފައެވެ. އެގޮތުން، ކޮންމެ ހަފުތާ ބަންދެއްގައި ސަންޖޭއާ އެކު ގޮލްފް ކުޅެން ވަގުތު ހުސްކުރުމުގެ ބަދަލުގައި ކަރިޝްމާ ބޭނުންވީ އާއިލާއާ އެކު ވަގުތު ހޭދަކުރުމަށް ކަމަށް ބަތަލާއާ ގާތް ގުޅުމެއް އޮތް ޑައިރެކްޓަރު ވަނީ ބުނެފައެވެ. ކަޕޫރު ޚާންދާނަށް ނިސްބަތްވާ ބަތަލާއަކީ ފައިސާގެ ގޮތުން ތަނަވަސް ދިރިއުޅުމެއްގައި އުޅެ އެ ދުނިޔެ ދެކެފައިވާ މީހެއް ކަމުން ސަންޖޭ، ކަރިޝްމާއަށް ދެއްކި ފައިސާއާއި މުދަލުގެ ދުނިޔެއަކީ ކަރިޝްމާއަށް އާ ދުނިޔެއެއް ނޫން ކަމަށާއި ދެ މީހުންގެ ކައިވެނީގައި މައްސަލަ ޖެހެން ފެށީ ކަރިޝްމާއަކީ "ޓްރޮފީ އަންބެއް"ގެ ގޮތުގައި ސަންޖޭ ސިފަކުރަން ފެށުމުން ކަމަށް ސުނީލް ބުނެފައިވެއެވެ. ސަންޖޭއާއި ކަރިޝްމާގެ ކައިވެނި ރޫޅުނުއިރު އެ ކައިވެންޏަށް ދެ ކުދިން ވަނީ ލިބިފައެވެ. ސަންޖޭ ދުނިޔެ ދޫކުރުމަށް ފަހު އޭނާގެ މިލްކިއްޔާތުން ކަރިޝްމާގެ ދެ ކުދިންނަށް ލިބޭ މުދަލުގެ ތަފުސީލު މިހާތަނަށް ހާމަކޮށްފައި ނެތް ނަމަވެސް ސަންޖޭ ވަނީ ކަރިޝްމާއާއި ވަކިވުމަށް ފަހު ދެ ކުދިންނަށް އޭނާގެ މިލްކިއްޔާތުން ބޮޑު ބައެއް ހޭދަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ