ޝަރީފް ވަރަށް އުފަލުން، އެއީ އާ ޓާމިނަލްގެ ރަމްޒީ ފުރަތަމަ ދަތުރުވެރިޔާ

ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ މަސައްކަތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު އިއްޔެ ހުންނެވީ ބޯޑިން ފާހެއް ހިފަހައްޓާލައްވައިގެންނެވެ. އެ ބޯޑިން ފާސް ދައްކާލައްވަމުން ވިދާޅުވީ "މިއަދަކީ، ވަރަށް، ވަރަށް އުފާވެރި ދުވަހެއް" ކަމަށެވެ.
އެކަމަކު ޝަރީފު އާއި އެމްއޭސީއެލްގެ ބައެއް ވެރިންނާއި މުުވައްޒަފުން، އާ ޓާމިނަލްގެ މޯލްޑިވިއަން އެއާލައިންސްއަށް ޗެކިންވުމަށް ކައުންޓަރު ކައިރީގައި ތިއްބެވީ އަސްލު ދަތުރުވެރިންގެ ގޮތުގައެއް ނޫނެވެ. އެއީ ދައްކާލުމެކެވެ. ޓާމިނަލްގެ ޗެކިން އާއި ބޯޑިންގެ ނިޒާމުތައް ޓެސްޓްކުރުމުގެ ފުރަތަމަ މަސައްކަތެވެ.
"މިއަދު އަޅުގަނޑުމެން މި ފެއްޓީ ގައުމީ އެއާލައިން މޯލްޑިވިއަންއާ އެކު ޓްރައިލް. އަޅުގަނޑު މިއައީ ފުރަތަމަ ޓްރައިލް ޕެސިންޖަރެއްގެ ގޮތުގައި މި ތަނުން ޗެކިންވެގެން،" އެމްއޭސީއެލްގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޝަރީފް ވިދާޅުވި އެވެ.
"މާތްކަލާނގެ ރުއްސެވިއްޔާ އަޅުގަނޑުމެން މި ޗެކިންކުރުމުގެ ތެރޭގައި މި ތަނުގެ އެއާލައިން ސިސްޓަމްތަކާއި އެހެން ސިސްޓަމްތައް ހިމެނޭ ގޮތަށް މި ޗެކިންކުރީ."
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ އަގުބޮޑު މަޝްރޫއު، އެމްއޭސީއެލްގެ އެންމެ ފަހު މާލީ ހިސާބުތަކަށް ބަލާއިރު ގާތްގަނޑަކަށް 430 މިލިއަން ޑޮލަރު، (6.6 ބިލިއަން ރުފިޔާ)ގެ، މި ޓާމިނަލް 26 ޖުލައިގައި ހުޅުވަން ވަރަށް ގިނަ މަސައްކަތްތަކެއް އެކުއެކުގައި އަންނަނީ ކުރަމުންނެވެ.
ފުރަތަމަ ޓާމިނަލް ހުޅުވާއިރު އޮގަސްޓްގެ މެދުތެރެއާ ހަމައަށް ހިދުމަތް ދޭނީ ހަމައެކަނި މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ފްލައިޓްތަކަށެވެ. އިއްޔެ އެ އޮތީ މޯލްޑިވިއަންގެ ރަމްޒީ ފްލައިޓަށް ދަތުރުވެރިން ޗެކިންކުރުމާއި ބޯޑިން ފާސްދިނުމާއި ބޯޑިން ހެދުމުގެ ޓެސްޓް ބުރެކެވެ.
އިސްތިހާރެއްގައި މީހަކު ވާހަކަ ދައްކާ ގޮތަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ "ޔަގީންކުރައްވާ މި އޮތީ މިކަން ފެށިފައި" ކަމަށެވެ.
"ކުރިއަށް އިރާދަކުރެއްވިޔާ އޮތީ ވަރަށް ބާރު ސްޕީޑްގައި އަޅުގަނޑުމެން މި ޓާމިނަލަށް މަތިންދާބޯޓުތައް ގެެނެސް ރަސްމީކޮށް މި ތަން ހުޅުވުން. ޔަގީންކަން މި ދެނީ އަޅުގަނޑުމެން މިހާރު މިވަނީ ސިސްޓަމް ޓެސްޓްކުރަން ފަށާފައިކަން. އެހެންވީމާ މިއަދަކީ ވަރަށް އުފާވެރި ދުވަހެއް."
އެއާޕޯޓް ގްރައުންޑް އޮޕަރޭޝަންސްގެ މެނޭޖަރު އަބްދުﷲ ނިޔާޒު ވެސް ވިދާޅުވީ ޓާމިނަލްގެ ހިދުމަތްތަކާ ގުޅޭ ޓެސްޓްތަކުގެ މަސައްކަތް މިހާރު ފެށިއްޖެ ކަމަށެވެ.
"އުއްމީދަކީ މި އާ ޓާމިނަލަކީ އަޅުގަނޑުމެން ފެސިންޖަރުން އަދި ރައްޔިތުންނަށް ވެސް ވަރަށް އުއްމީދީ، ފުރިހަމަ ހިދުމަތްތަކެއް ލިބިގެންދާނެ ޓާމިނަލަކަށް ވުން،" ނިޔާޒު ވިދާޅުވި އެވެ.
މިހާރު ރާވާފައި އޮތް ގޮތުން 26 ޖުލައިން ފެށިގެން ސެޕްޓެމްބަރާ ހަމައަށް އާ ޓާމިނަލް ބޭނުންކުރާނީ މޯލްޑިވިއަން އާއި ރާއްޖެ އަންނަ 200 ޕެސިންޖަރުންނަށް ވުރެ މަދުން އުފުލާ އެއާލައިންތަކުގެ ފްލައިޓްތަކަށެވެ. ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިންތަކަށް އާ ޓާމިނަލް ހުޅުވާލާނީ ޓޫރިޒަމްގެ އާ ސީޒަނާ އެކު ސެޕްޓެމްބަރު މަހު ކަމަށް އޮތީ ލަފާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ