މީޑިއާތައް އުވާލެވޭ ބިލަކީ ނޫސްވެރިކަމަށް ދެވޭ ހަމަލާއެއް، މިނިވަން ނޫސްވެރިކަން ނައްތާލާނެ: ސޯލިހު މީޑިއާތައް އުވާލެވޭ ބިލަކީ ނޫސްވެރިކަމަށް ދެވޭ ހަމަލާއެއް، މިނިވަން ނޫސްވެރިކަން ނައްތާލާނެ: ސޯލިހު

މީޑިއާތަކާއި ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކުރެވޭ ގޮތަށް ހުށަހަޅާފައިވާ ބިލަކީ ނޫސްވެރިކަމަށް ދެވޭ ހަމަލާއެއް ސިފަކޮށް، އެ ބިލު އަނބުރާ ގެންދަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގޮވާލައްވައިފި އެވެ.
ސަރުކާރު އަޑީގައި އޮވެގެން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ އަމިއްލަ މެންބަރެއް ކަމުގައިވާ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރެވެ. މިއީ އޭނާ މި ފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ ދެ ވަނަ ފަހަރެވެ.
މި ބިލާ މެދު ކަންބޮޑުވުން ފާޅުކުރައްވާ އެކްސްގައި ސޯލިހު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މީޑިއާތައް އުވާލައި ވަކިވަކި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް އޮތް މި ބިލުން މިނިވަން ނޫސްވެރިކަން އެއްކޮށް ނައްތާލާނެ ކަމަށެވެ.
"ދައުލަތުގެ ތިން ބާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އުފަލަމުންދާ މީޑިއާތަކުގެ މިނިވަންކަން ނަގާލުމަށް ހުށަހަޅާފައިވާ މި ބިލު އަނބުރާ ގެންދިޔުމަށް ގޮވާލަން،" ސޯލިހު ވިދާޅުވި އެވެ.
މީޑިއާތައް ނައްތާލާ ބިލުގެ ގޮތުގައި މީޑިއާތަކާއި ނޫސްވެރިން ސިފަކުރަމުން އަންނަ ބިލާ މެދު ކަންބޮޑުވުންތައް ހުއްޓަސް، މި ބިލުގެ ބަހުސްގައި ބައިވެރިވި ސަރުކާރު މެންބަރުންގެ ރޫހު ހުރީ ބިލު ފާސްކުރާ ގޮތަށެވެ. އަދި ބިލު ދިރާސާކުރަމުންދާ މަރުހަލާގެ ތެރޭގައި މީޑިއާތަކުން ކަންބޮޑުވާ ކަމެއް ހުރި ނަމަ އެ ކަންކަން އޮޅުން ފިލުވަން މީޑިއާތަކާ ބައްދަލުކުރާނެ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.
މަޖިލީހުގެ މި ދައުރު ނިންމާލާ ޗުއްޓީއަށް ދިޔައީ، މި ބިލު އިތުރަށް ދިރާސާކުރުމަށް ފަހު އެ ބިލުގެ ބަހުސް ކުރިއަށް ގެންދާނެ ކަމަށް މަޖިލީހުގެ ރިޔާސަތުން ކަނޑައެޅުމަށް ފަހުގަ އެވެ.
ބިލުގައި އޮތް ގޮތުން މި ބިލު ގާނޫނަކަށް ވުމުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުންނެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. މި އިންތިހާބުގައި ވޯޓު ލެވެނީ ރަޖިސްޓްރީ ކުރިތާ ފަސް އަހަރު ވެފައިވާ މީޑިއާތަކަށެވެ. މި ކޮމިޝަނަށް ރައީސަކު އައްޔަނުކުރުމުގެ ބާރު ލިބެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
ބިލުގައިވާ ގޮތުން ބޮޑެތި ބާރުތަކެއް އަލަށް އުފައްދާ ކޮމިޝަނަށް ލިބޭނެ އެވެ. އޭގެ ތެރޭގައި، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުން ހިމެނެ އެވެ. އަދި ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.
އަލަށް އުފައްދާ ކޮމިޝަނަށް މެންބަރުން އައްޔަން ކުރެވެންދެން، ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ. ސިވިލް ސާވިސް ކޮމިޝަނަކީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނެކެވެ.
އާ ކޮމިޝަނަށް ލިބިދޭ އިތުރު ބާރުތަކުގެ ތެރޭގައި، މީޑިއާތަކުގެ ސުލޫކު ކަނޑައެޅުމާއި ނޫސްތައް ރަޖިސްޓްރީ ކުރުމާއި ނޫސްވެރިންގެ ދަފުތަރެއް އެކުލަވާލުމާއި މީޑިއާ މޮނީޓާ ކުރުމާއި ބްރޯޑްކާސްޓު ކުރުމަށް ލައިސަންސް ދޫކުރުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ