ރާއްޖޭގެ ފަވަރަ އާއި އިންޑިއާގެ ޔޫޕީއައި ގުޅާލަނީ
ރާއްޖެ އާއި އިންޑިއާއާ ދެމެދު ފަސޭހަ އަދި ރައްކާތެރި ކަމާއެކު ފައިސާގެ މުޢާމަލާތްތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް، ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (ފަވަރަ) އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅާލުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި އިންޑިއާގެ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް)އާ ދެމެދު ސޮއިކުރި އެއްބަސްވުމާ ބެހޭ ގޮތުން އެމްއެމްއޭއިން ބުނީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކޮށް މާލީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހިވާނެ ކަމަށެވެ. މި މަސައްކަތަކީ އެމްއެމްއޭއިން ކުރިއަށް އޮތް ތިން އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކޮށް، ބައިނަލްއަޤުވާމީ ނެޓްވޯކްތަކާ ގުޅައިލުމަށް ކުރާ މަސައްކަތެކެވެ. މީގެ މަގުސަދަކީ ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބައިނަލްއަޤުވާމީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިކޮށް، މާލީ ބައިވެރިވުން އިތުރު ކުރުމާއި، ހަމަހަމަ ގޮތެއްގައި މާލީ ޚިދުމަތްތައް ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރުމެވެ. މިކަމުގެ ސަބަބުން އިޤްތިސާދީ ބައިވެރިވުން އިތުރުވެ ކުރިއަރާނެކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. ޔޫޕީއައި އަކީ އިންޑިއާގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ބޭނުންކުރާ އެ ގައުމުގެ ރަސްމީ ޑިޖިޓަލް ޕޭމަންޓް ސިސްޓަމެވެ. އެމްއެމްއޭއިން ބުނީ މި ޚިދުމަތްތައް ތައާރަފު ކުރުމަށް ރޭވިފައިވަނީ ދެމަރުހަލާއަކަށް ބަހާލައިގެންކަމަށެވެ. މި މަރުހަލާތަކަކީ: ރާއްޖެ އާއި އިންޑިއާގެ ދޭދޭ ފަރުދުންގެ މެދުގައި ވަގުތުން ވަގުތަށް ފައިސާގެ މުޢާމަލާތްތަށް ކުރެވޭނެ އިންތިޒާމް ފަރުދުން ކުރާ ވިޔަފާރި މުއާމަލާތްތަކުގައި (މާޗަންޓް ޕޭމަންޓްސް) ފަސޭހަކަމާއެކު ކިއުއާރު ކޯޑް މެދުވެރިކޮށް ޕޭމަންޓްސް ހެދޭނެ މަގު ފަހިކުރުން މި ޚިދުމަތުގެ ފުރަތަމަ މަރުހަލާގެ އިންތިޒާމު އަންނަ އަހަރު ހަމަޖެހޭނެކަމަށް އެ އޮތީރިޓީން ބުންޏެވެ. ދެވަނަ މަރުހަލާ ތައާރަފު ކުރުމަށް ރާވާފައި ވަނީ ދެޤައުމުގެ ދޭތެރޭ ކުރާ ފައިސާގެ މުއާމަލާތްތަކުގައި އެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރުމަށް މަގުފަހިވާނެ ގޮތަށެވެ. މީގެ އިތުރުން، ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ކުރާ މަސައްކަތްތަކުގެ ދުވެލި އިތުރަށް ހަލުވިކޮށް ކުރިޔަށްގެންދިޔުމުގެ މަގުސަދުގައި "ޕޭމަންޓް މޯލްޑިވްސް"ގެ ނަމުގައި ވަކި ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް އެމްއެމްއޭއިން ވަނީ ފަށައިފައެވެ. ރާއްޖޭގެ ޕޭމަންޓް ސިނާއަތް ކުރިއެރުވުމަށް އެމްއެމްއޭއިން އިތުރަށް ކުރާ މަސައްކަތްތަކުގެ ދަށުން ނެޝަނަލް ކިއުއާރު ކޯޑް ސްޓޭންޑަޑެއް އެކުލަވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މި ސްޓޭންޑަޑް އެކުލަވާލުމުގެ މަގުސަދަކީ ބޭންކްތަކާއި ޕޭމަންޓް ޚިދުމަތްދޭ ހުރިހާ ފަރާތްތަކުން ބޭނުންކުރާ ކިއުއާރު ކޯޑުތަކަކީ އެއް ހަމައެއްގެ މައްޗަށް ހެދިފައިވާ އިންޓައޮޕަރަބަލް ކިއުއާރު ކޯޑު ތަކަކަކަށް ހެދުމެވެ. މީގެ ސަބަބުން ބޭނުންކުރަން ފަސޭހަ އީޖާދީ ޚިދުމަތްތައް ތައާރަފު ކުރުމަށް މަގު ފަހިވާނެއެވެ. އަދި ފަވަރަ މެދުވެރިކޮށް ހަދާ ޕޭމަންޓްތައް އިތުރުކުރުމަށް މަގުފަހިވެ، ދެޤައުމުގެ ދެމެދުގައި ކުރާ ބައިނަލްއަގްވާމީ މުއާމަލާތްތަށް ވެސް ފަސޭހައިން ކުރެވޭނެ އިންތިޒާމް ހަމަޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ