މިއަދުގެ މެންދުރު، ސްޓެލްކޯގެ ޕީކްލޯޑް 102 މެގަވޮޓަށްވުރެ މައްޗަށް އަރައިފި

މިއަދުގެ މެންދުރު ވަގުތު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ޕީކްލޯޑު 102 މެގަވޮޓަށްވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ސްޓެލްކޯ އިން މިއަދު ނެރެެފައިވާ ނޫސް ބަޔާނެއްގައި ބުނީ މި ދުވަސްވަރަކީ ރާއްޖެ އަށް ހޫނުގަދަ ވާނެ ދުވަސްވަރެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވެސް ލަފާ ކޮށްފައިވާ ކަމަށެވެ. މިއާއެކު މާލެ ސަރަހައްދުގެ އެވްރެޖް ޕަވާ ޔޫސޭޖް (އެވްރެޖް އެނާޖީ ކޮންސަމްޕްޝަން) ރިކޯޑު މިންވަރަކަށް މަތިވަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯ އިން ބުނީ މިއަދުގެ މެންދުރު 14:10 ހާއިރު އެކުންފުނީގެ ޕީކްލޯޑު 102 މެގަވޮޓަށްވުރެ މައްޗަށް އަރާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ސްޓެލްކޯ އިން ވަނީ ވީހާވެސް ބޮޑަށް ކަރަންޓު އިގްތިސޯދު ކުރުމަށް އިލްތިމާސް ކޮށްފައެވެ.
އެގޮތުން އާއްމު ގޭބިސީތަކާއި ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކާއި ސްކޫލުތަކުގެ އިތުރުން ބޮޑެތި އަދި ކުދި ވިޔަފާރިތަކުން ވެސް ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށް ސްޓެލްކޯ އިން ވަނީ އިލްތިމާސް ކޮށްފައެވެ. އާއްމު ގޭބިސީތަކުގެ ކަރަންޓު ބިލުގެ 40 ޕަސެންޓު ހިއްސާ ކުރަނީ އެއާ ކޮންޑިޝަނުން ކަމަށް ދިރާސާތަކުން ދައްކާ ކަމަށާއި އެހެންކަމުން އެއާ ކޮންޑިޝަންވެސް 25 ޑިގްރީ ސެލްސިއަސް އަށްވުރެ މަތި ނުކުރުމަށް ސްޓެލްކޯ އިން ވަނީ އެދިފައެވެ.
މެޓު އޮފީހުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ލ. ކައްދޫ އަށް އިހުސާސް ކުރެވުނު ހޫނުމިން ހުރީ 44.3 ޑިގްރީގައެވެ. ހުޅުލެ އަށް އިއްޔެ އިހުސާސް ކުރެވޭ ހޫނުމިން 43 ޑިގްރީއަށް އަށް އެރިއިރު ހަނިމާދޫގައި އެ މިންވަރު ހުރީ 42 ޑިގްރީގައެވެ.
މި މަހު އެހާ ހޫނު ގަދަވަނީ އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރަށް ވާތީއެވެ.
މި ދުވަސްވަރު ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުުރުމުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާ ކަމަށް މެޓުން ބުންޏެވެ.
މެޓުން ބުނީ މި މަހު ރާއްޖޭގެ އެކި ހިސާބުތަކުގެ ފިނިހޫނުމިން 31.6-32.6 ޑިގްރީއަށް އަރާނެ ކަމަށެވެ. އަދި ހޫނުމިން އިހުސާސްކުރެވޭ މިންވަރު ބައެއް ހިސާބުތަކުގައި 42.3 ޑިގްރީއަށް އަރާނެ ކަމަށްވެސް ބުންޏެވެ.
އެހެންކަމުން ހަށިގަނޑުން ފެން މަދުވެ ނުދިނުމަށް ކަރު ނުހިއްކި ނަމަވެސް މި ދުވަސްވަރު ގިނައިން ފެން ބުއިމަށާއި ހޫނުން ރައްކާތެރިވުމަށްޓަކައި، ކުޑަ ބޭނުން ކުރުމާއި ކުލަމަޑު ހަށިގަނޑު ނިވާވާ ފަދަ ހެދުން ލުމާއި ބޭރަށް ނުކުންނައިރު ސަން ލޯޝަން އަދި ބޮޑަށް ހިޔާވާ ކަހަލަ ތޮފި ބޭނުން ކުރުން ފަދަ ކަންކަން ކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ