ފ. މަގޫދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢޫގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށް ދެއްވާ އެ ރަށުގައި ފެނަކައިގެ އައު އޮފީހެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ހުޅުވައިދެއްވައިފިއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމް ކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ހޯއްދެވި ކާމިޔާބީއެކެވެ.
މަގޫދޫގައި ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް އަލްޓެކް މޯލްޑިވްސް އާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މަގޫދޫގައި ޤާއިމްކުރި މި ފެނުގެ ނިޒާމަކީ "އިންޓަގްރޭޓެޑް ވޯޓާ ރިސޯސް މެނޭޖްމަންޓް" އާއި އެއްގޮތަށް ޑީސެލިނޭޓެޑް ފެނާއި ވާރޭފެން އެއްކުރެވިގެން ފެނުގެ ޚިދުމަތް ދެވިގެން ދާނެ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ދުވާލަކަށް 35 ޓަނުގެ ފެން އުފައްދާ ދެ އާރު.އޯ ޕްލާންޓް އާއި ފެން ރައްކާ ކުރުމަށް 230 ކިއުބިކް މީޓަރގެ 2 ޓޭންކު ބަހައްޓައި، 5.4 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް އަޅައި، 168 ގެއަށް ފެންގުޅައި ދީފައިވެއެވެ.
އަނެއްކޮޅުން ނަރުދަމާ ނިޒާމުގެ ދެ ޕަންޕިންގ ސްޓޭޝަން ހަދައި 4.2 ކިލޯމީޓަރގެ ހޮޅިއަޅައި، 168 ގެއަކަށް ނަރުދަމާގެ ޚިދުމަތް ގުޅައިދީފައިވެއެވެ. މި މަޝްރޫޢަކީ ދިވެހި ސަރުކާރުގެ ބަޖެޓުންނާއި، ގްރީން ފަންޑުން ޚަރަދު ކޮށްގެން ހިންގާފައިވާ މަޝްރޫޢެކެވެ.
ފ. މަގޫދޫ އިންޖީނުގޭގެ އޮފީސް ޢިމާރާތުގެ ގޮތުގައި މީގެ ކުރިން ވަކި ޢިމާރާތެއް ނުހުރެއެވެ. އަލަށް ހެދުނު އޮފީސް ޢިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވެއެވެ. ކުރިން އިންޖީނުގޭގެ އެތެރޭގައި އޮފީސް ހިންގަމުން އައިރު އެތަނުގައި ހުރީ 3 މުވައްޒަފުން މަސައްކަތް ކުރާނެ ޖާގައެވެ. އަލަށް ހެދުނު އިންޖީނުގޭގެ އޮފީސް ޢިމާރާތަކީ ޒަމާނީ އޮފީސް ޢިމާރާތެކެވެ. ފެނަކައިގެ ހިދުމަތުގައި މިހުރީ ފާހަގަ ކޮށްލެވޭ މުހިންމު ކަންކަމެވެ. ހެޔޮވެރިކަމެއްގެ ހެޔޮފައިދާއެވެ.
މަގޫދޫ ފެނާ ނަރުދަމާ ކަރަންޓް ގާއިމުކޮށް ނިމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ